ވައުދަކީ ކޮބައިކަން އެނގޭ ޕާޓީއެއް އެމްޑީޕީ ނޫނީ ނެތް: ނަޝީދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ---

ސަރުކާރުން ވެެފައިވާ ވައުދުތަކަކީ ކޮބައިކަން އެނގޭ ބަޔަކު އެމްޑީޕީ ނޫނީ ނެތް ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމެރީ އިވެންޓެއްގައި މިއަދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ވައުދެއް ވަނީ ކީއްވެގެން ކަމާއި ވައުދަކީ ކޮބައިކަން އެނގޭ ޕާޓީއެއްވެސް އެމްޑީޕީ ނޫނީ ނެތް ކަމަށެވެ.

"އެހެން ބަޔަކު މި ވައުދުތަކަކީ ކޮބާކަންވެސް އެނގޭ ބަޔަކު އަޅުގަނޑުމެންގެ ތެރެއަކު އެމްޑީޕީ ފިޔަވައި ނެތް. ވައުދެއް ވަނީ ކީއްވެގެންކަންވެސް ވައުދަކީ ކޮބާކަންވެސް އަޅުގަނޑުމެންގެ ތެރޭގައި އެހެން ސިޔާސީ ޕާޓީތަކަކަށް މާބޮޑަކަށް ސާފެއް ނުވާނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ "ވައުދަކީ އިޝްގީ ކަމެއް ނޫން" ކަމަށެވެ. ވައުދަކީ ރައްޔިތުންގެ އެދޭ ކަންކަން ފުއްދުމަށްޓަކައި، ރައްޔިތުންގެ ކައިރީ އަހައިގެން ވާ އެއްޗެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީން ވެފައިވާ ވައުދުތައް އެހެން ޕާޓީއަކުން ފުއްދަން މަސައްކަތް ކުރާނެ ކަމަށް ދެކިގެން ނުވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެހެންވީމަ އެމްޑީޕީން ވެފައިވާ ވައުދުތައް ފުއްދުމަށް ރައްޔިތުންގެ މަޖިލީހުގެ އެޣުލަބިއްޔަތު އެމްޑީޕީއަށް ލިބުން މުހިންމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފަނޑިޔާރުގެ އިސްލާހު ކުރާނީ މިހާރު ތިބި ފަނޑިޔާރުންނާއި އެކު

މިއަދު ނަޝީދު ދެއްކެވި ވާހަކަފުޅުގެ ތެރެއިން ޝަރުއީ ދާއިރާ އިސްލާހު ކުރާނެ ކަމުގެ ވާހަކަތަކެއް ދެއްކެވި އެވެ. އަދި ވިދާޅުވީ ޝަރީއަތުގެ ނިޒާމު އިސްލާހު ކުރުމަކީ ފަނޑިޔާރުންނާއި އިދިކޮޅަށް ކުރާ މަސައްކަތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެކަން ކުރާނީ އެ ފަނޑިޔާރުންނާއި އެކުގައި ހާއްސަކޮށް އުއްތަމަ ފަނޑިޔާރާ އެކުގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ އުއްތަމަ ފަނޑިިޔާރުވެސް އެދިވަޑައިގަންނަވާކަން ރައްޔިތުންގެ އިތުބާރު ޝަރީއަތުގެ ނިޒާމަށް ހޯއްދަވަން. އަޅުގަނޑަށް ފެންނަ ފެނުމުގައި އަޅުގަނޑުމެންގެ މިހާރު ޖުޑިޝަރީގައި އެތިއްބެވި ބޭފުޅުންނާއި އެކުގައި އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ." ނަޝީދު ވިދާޅުވި އެވެ.

ދެން އިންތިހާބުވާ ރައްޔިތުންގެ މަޖިލީހަކީވެސް ތަފާތު މަޖިލީހަކަށް ވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ވިދާޅުވީ އެ މަޖިލީހަކީ ނަޒާހާތްތެރި ވައްކަން ނުކުރާ މަޖިލީހަކަށް ވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ޕްރައިމެރީގައި ނަޝީދު ވާދަކުރައްވަ އެވެ. ނަޝީދު ވިދާޅުވާ ގޮތުން އެމަނިކުފާނު ދެން އިންތިހާބުވާ ރައްޔިތުންގެ މަޖިލީހެއްގައި އިންނަވާނެ އެވެ.

comment ކޮމެންޓް