ވިންބަލްޑަންގެ ރަނަރަޕް ކެވިން އޮސްޓްރޭލިއަން އޯޕަންއިން ކަޓައިފި

ފުރަންސެސް ޓިއަފޯ -- ބީބީސީ ސްޕޯޓްސް

މިދިޔަ އަހަރު ވިންބަލްޑަންގެ ފައިނަލުގައި ވާދަކޮށްފައިވާ ކެވިން އެންޑާރސަން، މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަންގެ ދެވަނަ ބުރުން ކަޓައިފިއެވެ.

މުބާރާތުގެ ދެވަނަ ބުރުގައި އުމުރުން އެންމެ 20 އަހަރުގެ ފްރަންސެސް ޓިއަފޯއާ ވާދަކޮށް އެއް ސެޓު ތިން ސެޓުން ބަލިވެ އެންޑަރސަންއަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

ދުނިޔޭގެ ރޭންކިންގެ 39 ވަނައިގައި މިވަގުތު ހުރި ޓިއަފޯއަށް މީގެކުރިން މެލްބަންގައި ކުޅުނު އެއްވެސް މުބާރާތަކުން ތިން ވަނަ ރައުންޑާ ހަމައަށް ދަތުރު ކުރެވިފައެއް ނުވެއެވެ.

ރޮޖާސް ފެޑެރާ އަދި ފުރަންސެސް ޓިއަފޯ ބައްދަލު ކޮށްފައިވާ މެޗެއްގެ ތެރެއިން -- ބީބީސީ ސްޕޯޓްސް

މި މެޗުން ލިބުނު ކާމިޔާބީއަށް ފަހު މީޑިޔާއާ ވާހަކަ ދައްކަމުން ޓިއަފޯ ބުނެފައި ވަނީ މި ކާމިޔާބަކީ ހަޔާތުގައިވެސް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމަށާއި ވޭތުވެ ދިޔަ އަހަރު އެކަނި ވެސް ތިން ބުރަށް އެންޑަރސަން އޭނާ ބަލި ކޮށްފައިވާ ކަމަށެވެ.

"މި މުބާރާތުގެ ދެވަނަ ހަފްތާއަށް ދިއުމަކީ އަހަރެން ކުރަމުން އަންނަ ވަރަށް ބޮޑު އުންމީދެއް. ތި ގޮތަށް ތަރުހީބުދޭން އަހަރެންގެ ފަހަތުގައި ތި ތިބަ ގޮތަށް ތިބެފި ނަމަ އެކަން ކުރަން އިންތިހާއަށް ފަސޭހަގެން ދާނެ،" ސަޕޯޓަރުންނަށް އިޝާރާތްކޮށް އޭނާ ބުންޏެވެ.

މި މުބާރާތުގެ އިތުރު މެޗުތަކަށް ބަލާއިރު މަރިން ސިލިޗް ސީދާ ތިން ސެޓުން މެކެންޒީ މެކް ޑޯނަލްޑް ވަނީ ބަލިކޮށްފައެވެ. އަދި ގްރޭންޑް ސްލޭމް 20 ފަހަރު ހޯދާފައިވާ ރޮޖާސް ފެޑެރާ ވަނީ ޑޭން އީވާންގެ މައްޗަށް ތިން ސެޓުން ކުރިހޯދައި ތިންވަނަ ބުރަށް ދަތުރު ކޮށްފައެވެ.

"މެޗު ފެށުން ވަގުތު ކުޅެން ކުޑަކޮށް އުނދަގޫވި. އޭނާގެ ކުޅުން ވަރަށް މޮޅު. އަހަރެން ހީކުރިހާ ފަސޭހައެއް ނޫން މެޗު ދިޔަ ގޮތެއް،" މެޗަށް ފަހު ފެޑެރާ ބުންޏެވެ.

ރޮޖާސް ފެޑެރާ މި މުބާރަތަށް ނުކުތީ ހަތް ވަނަ ފަހަރަށް މި މުބާރާތް ކާމިޔާބު ކުރުމުގެ އުންމީދުގައެވެ. މިހާތަނަށް އެއްވެސް ކުޅުންތެރިއަކަށް ހަތް ފަހަރު މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

comment ކޮމެންޓް