ޑެ ލީޙް އެންމެ މޮޅު ސެންޓާރ ބެކަށް ވާނެ - ރޮނާލްޑް ކޮއެމަން

މަތާއިސް ޑެ ލީޙް

އަޔެކްސް ގެ ސެންޓަރ ބެކް މަތާއިސް ޑެ ލީޙް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރަށް ވެގެންދާނެ ކަމަށް ނެދަލޭންޑުގެ ކޯޗު ރޮނާލްޑް ކޮއެމަން ބުނެފިއެވެ.

އުމުރުން އެންމެ 19 އަހަރުގެ ޑެ ލީޙް ހޯދަން މިހާރުވެސް ޔޫރަޕުގެ ބޮޑެތި ކުލަބުތަކުން ވަނީ ފޫގަޅާފައެވެ. އެގޮތުން ކޮއެމަންގެ ކުރީގެ ޓީމު ބާސެލޯނާ ފާހަގަ ކޮށްލެވެއެވެ. އަދި އޭގެ އިތުރުން އިނގިރޭސި ޕުރިމިއަރ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީން ވެސް ދަނީ ޑެ ލީޙް ހޯދަން މަސައްކަތް ކުރަމުންނެވެ.

މަތާއިސް ޑެ ލީޙް -- ޑެޖަން ކުލިނިކް

ކޮއެމަން ގަބޫލު ކުރާ ގޮތުގައި ޑެ ލީޙް ކިބައިގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރަށް ވުމުގެ ގާބިލްކަން އެބަހުއްޓެވެ. އަދި މާ ދުރު ނޫން ތާރީހެއްގައި މިކަން ފެނިގެންދާނެ ކަމަށް ވެސް ކޮއެމަން ވަނީ ބުނެފައެވެ.

ޑެ ލީޙް އާއި އެކު އަޔެކްސްއަށް ކުޅެމުން އަންނަ 21 އަހަރުގެ ފުރެންކީ ޑެ ޖޮންގް އަކީ ވެސް ގިނަ ކުލަބް ތަކުން ބޮޑު އިސްކަމެއް ދީގެން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން ސިޓީ އަދި ބާސެލޯނާއިން ވެސް ވަނީ ޑެ ޖޮންގް އެ ކުލަބަށް ގެނެވޭތޯ މަސައްކަތް ފަށާފައެވެ.

"ޑެ ލީހް އަދި ޑެ ޖޮންގް އަކީ ވަރަށް ބައިވަރު ސަބަބުތަކާއި ހުރެ ހާއްސަވާ ދެ ކުޅުންތެރިން. އޭގެ ތެރެއިން ޑެ ލީޙް އަކީ އަކީ ވަރަށް އުމުރުން ހަަަގު އަދި އެހާމެ މުހިންމު ޕޮޒިޝަނަކަށް ކުޅޭ ކުޅުންތެރިއެއް." ކެޓަލޫނިޔާގެ ރޭޑިއޯ ސްޓޭޝަނަކަށް މައުލޫމާތު ދެމުން ކޮއެމަން ބުންޏެވެ.

" އޭނާއަކީ އޭނާ އުޅުނު ސުކޫލު އަދި މިހާރު އަޖެކްސް ގެ ވެސް ކެޕްޓަން. އެއީ އޭނާއަކީ ވިސްނުން ތޫނު އަދި އެހާމެ ހުނަރުވެރި ކުޅުންތެރިއަކަށް ވީމަ. ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު ޑިފެންޑަރަށް އޭނާ ވާނެކަން ޔަގީން."

ވޭތުވެ ދިޔަ އަހަރުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފައިވަނީ ވަނީ ޑެ ލީޙް އެވެ. މީ މި އިނާމު ޑިފެންޑަރަކަށް ލިބުނު އެންމެ ފުރަތަމަ ފަހަރު ވެސްމެއެވެ. އޭގެ އިތުރުން ގިނަ ސީނިއަރ ކުޅުންތެރިންނާއި ކޯޗުން ވެސް ދަނީ އޭނާއަށް ތައުރީފު ކޮށް ވާހަކަ ދައްކަމުންނެވެ.

comment ކޮމެންޓް