މެކްސިކޯގެ ކުރީގެ ރައީސަށް އެލް ޗާޕޯ 100 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން

އެލް ޗާޕޯގެ ޝަރީއަތަށް ހާޒިރު ކުރި ހެކިވެރިއަކު ވަނީ އޭނާ މެކްސިކޯގެ ރައީސަށް ރިޝްވަތު ދިން ކަމަށް ބުނެފައި -- ފޮޓޯ: އީޕީއޭ

މެކްސިކޯ ސިޓީ (ޖެނުއަރީ 16): ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ މެކްސިކޯގެ ހުއާކިން "އެލް ޗާޕޯ" ގުޒްމަން، އެގައުމުގެ ކުރީގެ ރައީސް އެންރީކޭ ޕެންޔާ ނިއޭޓޯއަށް 100 މިލިއަން ޑޮލަރުގެ ރިޝްވަތު ދިން ކަމަށް ކޯޓުގައި ހެކިވެރިއަކު ބުނެފި އެވެ.

ގުޒްމަންއާ އެކު ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި އެލެކްސް ސިފުއެންޓޭސް ބުނި ގޮތުގައި 2012 އިން މިދިޔަ އަހަރާ ހަމައަށް ވެރިކަން ކުރެއްވި ޕެންޔާ ނިއޭޓޯ ރިޝްވަތުގެ ގޮތުގައި ބޭނުންވީ 250 މިލިއަން ޑޮލަރެވެ. ނަމަވެސް ފަހުން 100 މިލިއަން ޑޮލަރު ގަބޫލު ކުރެއްވީ އެވެ.

ސިފުއެންޓޭސް ބުނި ގޮތުގައި ގުޒްމަންގެ އެކުވެރިއަކު މެދުވެރިކޮށް އެފައިސާ ފޮނުވީ 2012 ވަނަ އަހަރެވެ.

ޕެންޔާ ނިއޭޓޯ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތާ ބެހޭ ގޮތުން އޭނާ އަދި ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ ގުޒްމަންގެ ޝަރީއަތުގައި އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.

މެކްސިކޯ އިން އެމެރިކާއާ ހަވާލުކޮށްފައިވާ ގުޒްމަންގެ ޝަރީއަތް މިދިޔަ ނޮވެމްބަރު މަހު ފެށީ ނިއު ޔޯކުގެ ކޯޓެއްގަ އެވެ. އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިން އާއި މަނާ ހަތިޔާރު ގެންގުޅުން ފަދަ 17 ދައުވާއެއް ކޮށްފަ އެވެ. އެދައުވާތައް ސާބިތުވެއްޖެ ނަމަ ގުޒްމަން އުމުރަށް ޖަލަށް ލާން ހުކުމް ކުރާނެ އެވެ.

ގުޒްމަން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައި ހުރި ޖަލުން ފިލާފަ އެވެ. މެކްސިކޯގެ ޖަލަކުން އޭނާ އެންމެ ފުރަތަމަ ފިލީ 2001 ވަނަ އަހަރުގަ އެވެ. އޭގެ 13 އަހަރު ފަހުން އޭނާ ހައްޔަރު ކުރުމުން އެ އަހަރު ތެރޭގައި އޭނާ އަނެއްކާ ވެސް ޖަލުން ފިލި އެވެ. ގުޒްމަން އެންމެ ފަހުން ހައްޔަރު ކުރީ އޭގެ ހަ މަސް ފަހުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް