ތިމަރަފުއްޓަށް ރޭގަނޑު ބޯޓު ޖައްސަން ފެށުމާ އެކު، ގެސްްޓްހައުސްގެ ވިޔަފާރި ރަނގަޅުވާނެ: ރިޒުވީ

15 ޖެނުއަރީ 2018: ތިމަރަފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ރޭގަނޑު ފުލައިޓް ޖައްސަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން މޯލްޑިވިއަންގެ އެމްޑީ މުހައްމަދު ރިޒްވީ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ތ. ތިމަރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ރޭގަނޑު ފްލައިޓް ޖައްސަން ފެއްޓުމާ އެކު ގެސްޓް ހައުސްތަކުގެ ވިޔަފާރީ އިތުރަށް ފުޅާވެގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވެއްޖެ އެވެ.

އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓް ކުރާ، ތިމަރަފުށީ އެއާޕޯޓަށް ރޭ ވަނީ ފުރަތަމަ ބޯޓު ޖައްސައިފަ އެވެ.

ތިމަރަފުށީ އެއާޕޯޓުގައި ރޭގަނޑު ފުލައިޓްތައް ފެށުމަށް މޯލްޑިވިއަންގެ ފުލައިޓުގައި ދަތުރުކުރުމަށް ފަހު، ކުންފުނީގެ އެމްޑީ ރިޒްވީ "ސަން" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއާޕޯޓުގައި ރޭގަނޑު ފުލައިޓް ޖައްސަން ފެށުމަކީ ކުންފުންޏާއި ރައްޔިތުންނަށް ވެސް ފައިދާ ހުރި ކަމެއް ކަމަށެވެ.

"ތިމަރަފުށީ އެއާޕޯޓް ތަރައްގީ ކުރަމުން އަންނަ އިރު މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މެޑިކަލް އެވެކުއޭޝަންގައި ބަލި މީހުން ގެނައުމަށް ވެސް އަޅުގަނޑުމެންނަށް ފަސޭހަވެގެން ދާނެ،" ރިޒްވީ ވިދާޅުވި އެވެ.

"ރޭގަނޑު ފުލައިޓްތައް ޖެއްސުމުގެ ކުރިން، ރޭގަނޑު ފުލައިޓުތައް ނޯންނާތީ ގިނަ ބޭފުޅުން ރޭގަނޑުގައި ދަތުރު ކުރަން ބޭނުންވާ ނަމަ މި އަތޮޅުގެ ރައްޔިތުން މާލެ އަށް އައުމަށް ދާން ޖެހެނީ ކައްދޫ އަށް. ނަމަވެސް މިހާރު އެމަޖެންސީ ހާލަތްތަކުގައި ވެސް އަޅުގަނޑުމެންނަށް ރޭގަނޑުގައި ފްލައިޓް ޖެެއްސޭނެ،"

15 ޖެނުއަރީ 2018: ތިމަރަފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ރޭގަނޑު ފުލައިޓް ޖައްސަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އައިލެންޑް އޭވިއޭޝަންގެ އެމްޑީ ރިޒްވީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރިޒްވީ ވިދާޅުވީ، މިހާރު ރޭގަނޑު ފުލައިޓް ޖައްސަން ފެށުމުން ކުންފުނީގެ ވިސްނުން ހުރީ ޑިމާންޑް އޮތް ވަރަކަށް އިތުރު ފުލައިޓްތައް އެ އެއަޕޯޓަށް ޝެޑިއުލް ކުރަން ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިމަރަފުށީ އެއާޕޯޓުގެ މަޝަރޫއު ފަށައި، 2013 ވަނަ އޭރުގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހުޅުއްވައި ދެއްވި ތިމަރަފުށީ އެއާޕޯޓުގައި މިހާތަނަށް ޝެޑިއުލް ކުރަމުން އައީ ހަފްތާ އަކު ހަތް ފުލައިޓެވެ.

އެއާޕޯޓަށް ފަސް އަހަރު ވެފައިވާ އިރު، ތިމަރަފުށީ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ރަންވޭގައި ލައިޓް ހަރުކޮށް ނިންމިތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ރިޒްވީ ވިދާޅުވީ ތިމަރަފުށީ އެއާޕޯޓުގައި ރޭގަނޑު ފްލައިޓް ޖެއްސުމަށް ކުންފުނިން މީގެ ކުރިން ވެސް ވަރަށް ބޮޑަށް މަސައްކަތް ކުރި ކަމަށާއި ލަސްވެގެން ދިޔައީ ސިވިލް އޭވިއޭޝަން މިންގަނޑުތަކަށް ބަޔެއް ކަންތައް ފުރިހަމަ ނުވުމުން ކަމަށެވެ.

"ކުރިން ވަރަށް މަސައްކަތް ކޮށްފައި އޮތީ [ރޭގަނޑު ފްލައިޓްތައް ޖެއްސުމަށް]. ނަމަވެސް ސިވިލް އޭވިއޭޝަންގެ ރެގިއުލޭޓަރީ ބޮޑީގެ ރިކުއާމަންޓްސްތައް ފުރިހަމަ ނުވެފައި ހުރީމާ ލަސްވެގެން ދިޔައީ،"

އޭނާ ވިދާޅުވީ، ރޭ ފުލައިޓް ޖެއްސީ ހުރިހާ ކަމެއް ފުރިހަމަވެ ސިވިލް އޭވިއޭޝަންގެ ހުއްދަ ވެސް ލިބިގެން ކަމަށެވެ.

15 ޖެނުއަރީ 2018: ތިމަރަފުށީ އެއާޕޯޓަށް މޯލްޑިވިއަން އިން ރޭގަނޑު ފުލައިޓް ޖައްސަން ފެށުން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ތިމަރަފުށީ އެއާޕޯޓުގެ އިތުރުން އައިލެންޑް އޭވިއޭޝަން އިން ޑޮމެސްޓިކް އިތުރު ދެ އެއަޕޯޓެއް އޮޕަރޭޓް ކުރެ އެވެ. އެއީ ބ. ދަރަވަންދޫ އެއާޕޯޓާއި ރ. އިފުރު އެއާޕޯޓެވެ.

ރިޒްވީ ވިދާޅުވީ، އައިލެންޑް އޭވިއޭޝަން އިން ހިންގާ އެއާޕޯޓުތައް އިތުރަށް ތަރައްގީ ކުރުމަށް ބަޔެއް ކަންތައްތައް އެބަހުރި ކަމަށާއި ނަމަވެސް ކުންފުނީގެ ވިސްނުން ހުރީ އެއާޕޯޓުތަކުން ދެވޭ ސާވިސް އިތުރަށް ހަރުދަނާ ކުރުން ކަމަށެވެ.

"އިންފްރާކްޗާ ބައެއް ކަންތައްތައް އެބަހުރި ޑިވެލޮޕް ކުރަން ޖެހޭ. އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ސާވިސް ލެވެލް ރަނގަޅު ކުރެވޭތޯ،" ރިޒްވީ ވިދާޅުވި އެވެ.

https://www.sun.mv/114062

comment ކޮމެންޓް