ހެނދުނުއްސުރެން ކުރަމުން ދިޔަ ވިއްސާރަ އަލިކޮށްލީ މެންދުރަށް އެޅި ފަހުންނެވެ. އޭރު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މަގުތަކުގައި ވަނީ ބޮޑެތި ފެންއާރުތައް ހެދިފައެވެ. ފެންބޮޑުވެ މަގުގައި ހިނގަން އުނދަގޫވެފައިވާ ހިސާބަށް ގޮސްފައި ވާއިރު، ޖެހެމުން ދިޔަ ބާރު ރޯޅިތަކުގެ ޝިކާރައަކަށް ވެފައިވާ ރުއްގަސްތަކަށް މަދަދުވެރިވާނެ ފަރާތަކަށް ބޭނުންވެފައި ވިއެވެ. ވިއްސާރައިގެ ސަބަބުން ފަޒާގެ ތެރެއަށް ސަވާރުވެފައި އޮތް ތެތްފިނިކަމުގެ ސަބަބުން ކަށީގެ ތެރެއަށްވެސް ފިނިކަން ސަވާރުވާހާ ވެއެވެ. އެމޫސުމުގެ ތެރޭގައިވެސް ރަށުގެ ޅަފުރައިގެ ކުދިންތައް މަގުގައި ހެދިފައި އޮތް ޗަކަތަކުގެ ތެރޭން ދުވަމުން މޫސުމުގެ ފޯރި ނަގަމުން ދިޔައެވެ. މަގުތައް ހިތަކަށް ލިބިފައިވުމުން ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ.

މެންދުރަށް ހޮސްޕިޓަލަށް ދިއުމުގެ ކުރިން މަންމައަށް ބޭނުންވާ ބައެއް ސާމާނުތައް ހަމަކުރަން ޒޯހާ އުޅެއެވެ. ޑޮކްޓަރުންގެ އިރުޝާދުގެ މަތިން ހަފްތާއަކަށް މަންމަ ހޮސްޕިޓަލުގައި ބާއްވަން ޖެހޭތީ، ޒަރޫރީ ބޭނުންތަކަށް ބޭނުންވާނެ ސާމާނުތައް ހަމަކޮށް ނިންމާލުމަށްފަހު ޒޯހާ ވަނީ ބަދިގެއަށެވެ. މަންމައަށް ދޭން އޭނަ ކެއްކި ބަތްޕެން ޕެކްކުރާށެވެ.

ތެލީގައި ހުރި ބަތްޕެން ފޮދު ބަންދުކުރެވޭނެ ކަހަލަ ބޯތަށްޓަކަށް އަޅަން ހުރި ޒޯހާގެ ސަމާލުކަން އުނދުން ކައިރީގައި އޮތް އޭނަގެ ފޯނަށް ހުއްޓުނީ ފޯނުގެ ރިންގުގެ އަޑުން މާހައުލުގެ ހަމަހިމޭންކަން ނަގާލުމުންނެވެ. އަވަސްއަވަހަށް ފޯނުގެ ސްކްރީނަށް ޒޯހާ ނަޒަރު ހިންގާލިއެވެ. ގުޅަނީ ބޮޑުދައިތައެވެ. އެގުޅަނީ އޭނަ ނައިސް ލަސްވެގެންކަން ޒޯހާއަށް ވަގުތުން ނަގައިގަނެވުނެވެ. އަތްމަތި އަވަސްކޮށްލަމުން އަތުގައި އޮތް ހުސް ތެލި ގެންގޮސް ސިންކަށް ލިއެވެ. އެއަށްފަހު ބޯތަށީގެ މަތި ޖަހާލަމުން، ޒޯހާ ފޯނަށް ޖަވާބު ދިނެވެ.

''ހާދަ ލަސްވަނީ؟... ދައްތަ ގެއަށް ދާން އެބަޖެހޭ... އަނެއްކާ ބޭސް ސިޓީއެއް ވެސް ދީފަ އެބައޮތް، ޒޯހާ ދިޔައިރު ދިޔައީ މޫނިސާގެ އައި.ޑީ ކާޑުވެސް ހިފައިގެން، އެހެންވެ އެޔަށް ބޭސްވެސް ނުނެގިފަ އޮތީ، އޭގައި ހުރި ބޭސްތައް ނެގުން ލަސްވެގެން މިހާރު ދެފަހަރަކު ނަރުސްކުއްޖަކު ވެސް އައިސް ސުވާލުކޮށްފި...... އަވަހަށް އަންނަން އުޅޭ...''

ޒޯހާ ފޯނު ނެގުމާއެކު ފަޒީލާ ވާހަކަދެއްކީ ޒާތަކަށެވެ. ޒޯހާއާއި އޭނައާއި ދެމެދު ހިނގި ޒުވާބަށް ފަހު ފަޒީލާ ހުންނަނީ މޫނު ހަދައިގެންނެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ އޭނަ ނުދައްކައެވެ. ޒޯހާއަށް ހެޔޮ މަގު ވިސްނައިދޭން ކުރި މަސައްކަތް ނާކާމިޔާބުވުމުން ފަޒީލާ ހުންނަނީ ހިތްހަމަނުޖެހިފައެވެ. ޒޯހާ ފެނުނަސް ފަޒީލާގެ ޠަބީއަތު ޚަރާބު ވެއެވެ. މޫނިސާގެ ފަރާތުން ވެސް އެދެވޭ ފަދަ ކުރިއެރުމެއް ނުލިބޭތީ ހޮސްޕިޓަލަށް ދާން ވެސް އޭނަ ބޭނުމެއް ނުވެއެވެ. ނަމަވެސް، ހާލުގައި ޖެހި ބަލި އެނދުގައި އޮތް ކޮއްކޮއަށް ފުސްމޫނު ދައްކައި، ފުރަގަސްދިނުމުން ރަށުތެރޭގައި އޭނަގެ ނަމަށް ހުތުރު އަރާފާނެކަމުގެ ބިރަށްޓަކައި ކޮއްކޮއަށް ޒިޔާރަތްކުރުން އޭނައަށް އޮންނަނީ މަޖުބޫރުކަމަކަށް ވެފައެވެ. ދުވާލުގެ ތާވަލުން މަދު ވަގުތުކޮޅެއް ވިޔަސް އޭނަ އެކަމަށް ހުސްކުރަނީ އެހެންވެގެންނެނެވެ.

''މި ދަނީ...'' ޒޯހާ ކުރު ޖަވާބެއް ދިނެވެ. އެދެމެދުގައި އޮތް ނުތަނަވަސްކަމުން ފަޒީލާއާއި ގިނަ ވާހަކަތަކެއް ދައްކާކަށް ޒޯހާ ނުހެދިއެވެ. އޭނަ ހުންނަނީ އަފްލާކްއާ މެދު ބޮޑުދައިތަ ކަންތައް ކުރިން ގޮތުން ދެރަވެ މާޔޫސް ވެފައެވެ. ގޮތްހުސްވެފައެވެ. ބޮޑުދައިތައަށް ވިސްނައިދޭން އޭނަ ބޭނުން ވެއެވެ. އަފްލާކްގެ ކުށެއް ނެތްކަން ސާބިތުކޮށްދޭން ވެސް މެއެވެ. ޢާއިލާ ތެރޭގައި އޮތް ހަމަޖެހުން ގެއްލިގެން ދާން ބޭނުން ނުވާތީއެވެ. ނަމަވެސް ބޮޑުދައިތަ ހުންނަނީ އޭނަގެ ވާހަކަތަކާއި ޖަދަލުކުރަން އަޒުމުކަނޑައަޅައިގެންނެވެ. އޭނަގެ ވާހަތަކަށް ބީރުކަންފަތެއް ދިނުމަށްފަހު ކުރިއަށް ނެރެނީ ބޮޑުދައިތަގެ ޒީލަގަދަކެމެވެ. އެޒީލަގަދަކަމުން މަންމައަށް ވެސް ތަފާތު ވަސްވާސްތައް ދޭން މަސައްކަތްކުރެއެވެ. އެކަންތަކާ ހުރެ ވެސް ޒޯހާ ހުންނަނީ ފިކުރުބޮޑުވެފައެވެ. ވިސްނަންޖެހޭ ކަންތައް ގިނަވެފައިވުމުން ޒޯހާ ހުންނަނީ އަބަދުމެ ވަރުބަލިވެ ބޮލުގައި ރިއްސާފައެވެ. ހަމަ ނުނިދި ނުލިބިފައެވެ. ފިކުރުތައް ގިނަވެފައެވެ. ހިތާމަތަކުގެ ތެރޭ ބަނދެވި ގޮތްހުސްވެފައެވެ. ނަމަވެސް އެއިން އެއްވެސް އިހުސާސެއް އިތުރު މީހަކަށް ފާހަގަވިޔަކަ ނުދެއެވެ. އެހެނިހެން މީހުންނަށް އިހުސާސްތައް ވަންހަނާ ކުރަން ޒޯހާ ނިކަން ކުޅަދާނައެވެ.

''ހޫނނނ، އަވަށް އާދޭ...'' ފަޒީލާ ރާގެއް ލައްވާލަމުން ފޯނު ކަނޑާލިއެވެ. ފަޒީލާ ފޯނު ކަނޑާލުމާއެކު، ޒޯހާ ދެން ގުޅީ އަފްލާކް އަށެވެ. އޭނަ ބަލާ އައިސްދިނުމަށް އެދިއެވެ. އިރުކޮޅެއް ފަހުން އަންނާނެ ވާހަކަ އަފްލާކް ބުނުމުން ޒޯހާ ފޯންކޯލް ކުރުކޮށްލިއެވެ.

ސިންކަށް ލީ ތެލި ދޮވެ ހަރުގަނޑުގައި އަޅުވާލުމަށްފަހު ޕަތްޕެން އެޅި ބޯތަށި ހިފައިގެން ޒޯހާ ދިޔައީ ބޮޑުކޮޓަރިއަށެވެ. އަދި ހޮސްޕިޓަލަށް ގެންދަން އޭނަ ތައްޔާރުކުރި ކޮތަޅުތަކުގެ ތެރެއަށް ބޯތަށިލަމުން ހިންދެމިލި ވަގުތު ހައިރާންކަން ލިބުނީ ގޭގެ ބެލް ޖެހި އަޑު އިވުމުންެނެވެ. އެއާއެކު ދޮރާ ދިމާއަށް ޒޯހާއަށް ބަލާލެވުނެވެ. އޭރު ދެވަނަ ފަހަރަށް ވެސް ބެލް ޖަހައިފިއެވެ. ސުވާލު އުފެދިފައިވާ ހާލު ޒޯހާ އަވަސްވެގަތީ ދޮރު ހުޅުވުމަށެވެ.

''ހާދަ އަވަހަށް އަފްލާކް އެއައީ...'' ޒޯހާއަށް ހިތާހިތުން ބުނެވުނެވެ.

*****

ކަމެއް ނެތި ގިނައިރު ގޮނޑީގައި އިންނަންޖެހުމުން ފޫހިވެފައި އިން ފަޒީލާއަށް ވޯޑަށް ވަދެގެން އައި މާރިޔާ ފެނުމާއެކު އޭނަގެ މޫނު ކަޅުފޮއިރެޔެއްގެ އަނދިރިކަމަށް ބަދަލުވާން ނެގީ ފަޅި ސިކުންތުކޮޅެކެވެ. ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިގެންވި ހަރަކާތަކާއެކު ކައިރީގައި ހުރި ކުޑަ މޭޒު މަތީ އަތުގައި ފޯނު ބޭއްވުނީ ވެސް ތަންކޮޅެއް ބާރަށެވެ. އެއަޑަށް ނިދިޖެހިފައި އޮތް މޫނިސާއަށް ސިހިފައި ލޯހުޅުވާލެވުނެވެ. އޭނަގެ ނަޒަރު ފުރަތަމަ ދަތުރުކުރީ ގޮނޑިން ތެދުވުނު ފަޒީލާ އަށެވެ. ފަޒީލާގެ މޫނުން ފެނުނު ރުޅިވެރިކަމާއެކު އޭނައަށް ވަގުތުން ބަލާލެވުނީ ފަޒީލާ ބަލަހައްޓައިގެން ހުރި ދިމާއަށެވެ. އެއާއެކު އޭނަ އޮތް އެނދާއި އަރާހަމަކުރަމުން ދިޔަ މާރިޔާ ފެނި މޫނިސާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. ފަޒީލާގެ މިޒާޖާ ހެދި ހަމަނުޖެހުންގަނޑެއް ހިނގާފާނެތީއެވެ.

''މި މީހުންގެ ބަލާވެރިކަމުން ސަލާމަތެއް ނުވާނެ އަވަސް ރަހުމަތެއްގައި... ނާންނާށޭ ބުނީމަވެސް ގޮތެއްފޮތެއް ނެތިގެން އެބައާދެޔޭ!...'' ހަށަންބަނދެލަމުން ފަޒީލާ ބުނެލިއެވެ. އޭނަގެ ދެލޯ ހަނިވެފައިވާއިރު ބުމަވެސް ވަނީ ގޮށްޖެހިފައެވެ. ދަތްތަކަށް ބާރުލައިގެން ހުރިކަން ކަތުރުކަށިތަކަށް އައިސްފައިވި ބަދަލުން ފާހަގަކޮށްދެއެވެ.

''ދައްތާ، އަހަންނާއި މާރިޔާ އެކަނި ވާހަކަދައްކާލަން ބޭރަށް ގޮސްލަން ވީނު...'' ފަޒީލާއަށް ބަލާލަމުން މޫނިސާ އެދުނެވެ. ބޭނުމަކަށްވީ ފަޒީލާ އެތަނުން ފޮނުވާލުމެވެ. އެއާއެކު އިހުނަށްވުރެން ފަޒީލާގެ މޫނު ބަނަވެގެން ދިޔައެވެ. ތުންއަނބުރާލުމަށްފަހު އެނދު ކައިރިއަށް އައިސް ހުއްޓުނު މާރިޔާއާ ދިމާއަށް އޭނަ ލޯއަޅާލިއެވެ.

''މޫނިސާ ބޭނުންކަމެއް ކުރޭ!، ފަހުން މަ ވިސްނައިނުދިނިއްޔޭ ނުބުނާތީ!...'' ހިތްހަމަނުޖެހުމާއެކު ފަޒީލާ ވޯޑުން ނިކުންނަން ދިޔައީ މާރިޔާގެ ގާތުން ލާފައެވެ. ދަމުން އޭނަ ދިޔައީ މާރިޔާގެ ގައިގައި ކޮނޑުން ޖަހާފައެވެ.

*****

ކޮފީ މޭޒެއްގެ ދޮށުގައި ތިބި އަފްލާކްއާއި ކާއިލްގެ ދެމެދުގައި ދެކެވެމުން ދިޔައީ އައްޔޫބުގެ ކޭސްގެ ވާހަކައެވެ. އެކޭސް ކާމިޔާބު ކުރުމުގައި ހުރި ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ކާއިލްގެ ވާހަކަތަކުން ފާހަގަކުރެވި، އަފްލާކް އިނީ މާޔޫސް ވެފައެވެ. ޒޯހާއަށް ވި ވަޢުދު ފުއްދައިދުނެވިދާނެކަމުގެ ބިރު އޭނަގެ ހިތުތެރޭގައި ވިންދުޖަހަމުން ދިޔައެވެ. ނަފުސުގެ ހަމަޖެހުން ގެއްލިފައި ވަނީ އެހެންވެއެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް ކާމިޔާބު ލިބެން އަފްލާކް ބޭނުމެވެ. އިތުރަށް ޒޯހާ މާޔޫސްވެ ރޯތަން ދެކެން އޭނައަށް ކެތްނުކުރެވޭނެތީއެވެ. ފިކުރުތައް ބޮޑުވެ މެޔަށް ބާރުވެގެން ދިޔަ ހިނދު ރަމީޒުއާ މެދު އެހިތުގައި ނަފުރަތުގެ އަލިފާން ރޯވާން ފެށިއެވެ.

''އަހަންނަށް ކުރެވެން ހުރި ކޮންމެ މަސައްކަތެއް ކުރާނަން، އިންވެސްޓިގޭޝަން ޓީމުން މަޢުލޫމާތު ނުދޭން އުޅެނީ އެމީހުން އެއްބައިވެގެން ޒޯހާގެ ބައްޕަ ފްރޭމްކުރަން އުޅޭތީ، ކޭސްގެ ފުރިހަމަ ތަފުސީލެއް ވެސް ހާމައެއް ނުކުރޭ... ކޯޓުގައި އަހަރުމެން ޖެހޭނީ އެކަން ސާބިތުކުރަން... އުނދަގޫ ވާނެ، ބަޓް އިޓްސް ޕޮސިބްލް...'' ވަތުތަށީގައި ހުރި ކޮފީ ތަށި ނަގަމުން ކާއިލް ބުނެލިއެވެ. އޭރު ކާއިލްގެ ނަޒަރު އަމާޒުވެފައި ވަނީ އޭނަ ގެނައި ލިޔެކިޔުންތަކަށް ސަމާލުކަންދީގެން އިން އަފްލާކް އަށެވެ. އެމޫނުމަތިން ފާޅުވަމުން ދިޔަ ކަންބޮޑުވުންތައް ފެނި ކާއިލް މަސައްކަތްކުރީ އެކުވެރިޔާގެ އުއްމީދު އާކޮށްދޭށެވެ. ކާމިޔާބު ލިބޭނެކަން ހަނދުމަކޮށްދޭށެވެ.

''މާ އަވަސްއަރުވާލައިގެން ނިންމާފައި އޮތް އިންވެސްޓިގޭޝަންއަކަށް ވުމުން އެކަމާއި މެދުވެސް އަހަރުމެންނަށް ސުވާލު އުފެއްދޭނެ......'' ކާއިލް އިތުރުކޮށްލިއެވެ. '' އަދި އެއް ވާހަކަ... މާދަމާ ވިޒިޓޭޝަންއަށް ދާއިރު އަފްލާކް ބޭނުންނަމަ ޒޯހާވެސް ގެންދެވިދާނެ...''

ކާއިލްއަށް ބަލާލަމުން އަފްލާކް ބޯޖަހާލިއެވެ. އަދި ފަނޑު ހިނިތުންވުމެއް ދިނެވެ.

''ހަވީރުން ބައްދަލުކުރަމާ، މިހާރު ޒޯހާ ހުންނާނެ އަހަރެން ނައިސްގެން ލަސްވެފަ...'' އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން އަފްލާކް ބުނެލިއެވެ. ދެރަހުމަތްތެރިން ކޮފީ މޭޒު ދޫކޮށް ދިޔައީ ހަވީރުން ބައްދަލުކުރަން އެއްބަސްވެފައެވެ.

*****

ޒޯހާ ގޮސް ގޭގެ މައިދޮރު ހުޅުވާލުމާއެކު އޭނަގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ނުރުހުންތެރިކަން އެކުލެވިގެންވާ ނަޒަރަކުން ދޮރު ކުރިމަތީ ހުރި ރަމީޒުއަށް ބަލަން ޒޯހާއަށް ހުރެވުނެވެ. ރަމީޒު އެގެއަށް އައުމުން ހައިރާންކަން ވެސް ލިބިފައި ވިއެވެ.

''އެތެރެއަށް ވަންނާކަށް ނުބުނާނަން ތަ؟...'' ރަމީޒުގެ ތުންފަތުގައި ވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އައި ރުޅީގައި ޒޯހާ އުޅުނީ ރަމީޒުގެ މޫނު މައްޗަށް ގޭގެ ދޮރު ލައްޕާށެވެ. ނަމަވެސް ރަމީޒު ވަރަށް ހުޝިޔާރެވެ.

ޒޯހާގެ ހަރަކާތްތަކަށް ސަމާލުކަން ދީގެން ހުރި ރަމީޒު ވަގުތުން ދޮރުގައި ހިިފަހައްޓާ އަތުގައި ހުރި ބާރަކާއެކު އެތެރެއަށް ކޮއްޕާލިއެވެ. އެއާއެކު ހުޅިވިގެން ދިޔަ ދޮރާއެކު ޒޯހާ ފަހަތަށް ދިޔައެވެ. އޭރު އެދެލޮލުން ސިހުން ފެނެއެވެ. ބިރުވެރިކަމުގެ އަސަރު ވެސް ވެއެވެ.

''ތީތަ ވާން އުޅޭ ބަފާބެއާ މެދު ކަންތައް ކުރަންވީ ގޮތަކީ؟، މެހުމާންދާރީގެ ކަންފުޅެއް ވެސް ނެތެއްނު!... ވަރެއްގެ ތަރުބިއްޔަތެއް ލިބިފައި ތިހުރީ!...'' ހުއްދަ ހޯދުމެއް ވެސް ނެތި ރަމީޒު އެތެރެއަށް ވަދެގަތެވެ. އެއަށްފަހު ގޭތެރެއަށް ދިން އަވަސް ނަޒަރަށް ފަހު އޭނަ މިސްރާބުޖެހީ ބޮޑުކޮޓަރީގެ ސޯފާއާއި ދިމާއަށެވެ. ހައިރާންވެ އަންތަރީސްވެފައި ޒޯހާއަށް ބަލަން ހުރެވުނެވެ. ރަމީޒުގެ މަޤުސަދާ މެދު އޭނަގެ ހިތުގައި އުފެދުނު ސުވާލުތަކުން ހިތުގެ ތެޅުން ވެސް އަވަސްވަމުން ދިޔައެވެ.

''އަހަރެން މިގެއަށް އަންނަން ޖެހުނު ސަބަބާ މެދު ސުވާލު ނުކުރާނަންތަ؟...'' ސޯފާގައި އިށީނުމުގެ ކުރިން ސޫޓުގެ ގޮށް ރަމީޒު ނައްޓާލިއެވެ. އެއަށްފަހު ސޯފާގައި އިށީންނަމުން ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލިއެވެ. ގެއަށް އޭނަ ދިން ފުން ނަޒަރާއެކު ތުންފަތުގައި ދުވެލީ މަލާމާތުގެ ހިނިތުންވުމެކެވެ. މުއްސަނދިކަމުގެ ކުލަވަރު އޭނައަށް ނުފެނުނީތީއެވެ.

''ނިކުމޭ މިގެއިން!...'' ހިތްހަމަނުޖެހިފައި ހުރި ޒޯހާ ބުންޏެވެ. އޭނަގެ އަޑުގައި ވަނީ ހަރުކަށި ކަމެވެ. ''ފުލުހަށް ނުގުޅަނީސް މިގެއިން ނިކުންނާށޭ!...''

''ތިމާއަށް ވުރެން ބޮޑެތި މީހުންނަށް ޤަދަރުކުރުމެއް ވެސް ނެތް ދޯ؟، ލަދުހަޔާތެއް ވެސް ނެތީދޯ؟... އޯކޭ، ނިކަން ގުޅާބަލަ ފުލުހުންނަށް... މަ ބަލާނަން އެމީހުން އާދޭތޯ...'' ބުމަ އަރުވާލަމުން އެއްމިޔަކަނިން ރަމީޒު ހިނިތުންވެލިއެވެ. އޭނަގެ ވާހަކަދެއްކުމުގެ ރާގުން ޒޯހާ ދެރަކޮށް ނިކަމެތިކޮށްލަން އުޅޭ ކަހަލައެވެ.

''ޤަދަރުކުރަން ޖެހޭ ވަރުގެ މީހެއް ނަމަ ޤަދަރުކުރާނަން...'' ޒޯހާ ރައްދު ދިނެވެ.

''އެބަފެނޭ ކަލޭ ކަހަލަ މީހަކާ އަފްލާކް ހިތާވާން ޖެހުނު ސަބަބު... އޭނަގެ ރަނޑުކަމުން ނުކުރެވޭނެ ކަންތައް ކުރަން މީހަކު ބޭނުންވާނެތީ ކަލޭ ފަހަތުން އޭނަ އުޅެނީ...'' ޖެއްސުމުގެ ރާގަކަށް ރަމީޒު ބުނެލިއެވެ. އޭނަ އުޅުނީ ޒޯހާ ރުޅިއަރުވާލާށެވެ.

''މިތަނުގައި ރަނޑު މީހަކީ ކާކުކަން އެންމެނަށް ވެސް އިނގޭނެ... ޒީލަ ގަދަ އަންހެނުން ކުރާ ޒާތުގެ ކަންތައް ކުރަނީ ކާކު ކަން ވެސް އިނގޭނެ... މީހުންގެ ފުރަގަހުން ހަމަލާދެނީ އަންހެނުން، ފިރިހެނަކު ނަމަ ތިކުރާ ކަހަލަ ފީކަޅާ ކަންތަކެއް ނުކުރާނެ...'' ޒޯހާ ބުނެލިއެވެ. ''ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް ފުރިހަމަ ފިރިހެނެއް އަފްލާކްއަކީ!... މީހާގެ ހަމަހިމޭންކަމަކީ އޭނަގެ ބަލިކަށިކަމެއް ކަމުގައި ނުދެކޭތި!...''

ޒޯހާގެ ޖުމްލައާއެކު އޭނަގެ ޝަހުސިއްޔަތަށް އަމާޒުވި ބަސްތަކުން ރަމީޒު ގާތަށް ރުޅިއައެވެ. ނަމަވެސް ހިނިޖަނޑެއް ޖަހާލަމުން ރުޅީގެ އަސަރު އޭނަ ފިލުވާލިއެވެ.

''ގޯހެއް ނޫން، އޭނަގެ ދިފާއުގައި މީހަކު ހުންނަން ވާނެތާ... އަމިއްލަ މީހާ ދިފާއުކުރަން އޭނައަކަށް ނޭގޭނެ ވިއްޔާ، އެވަރުގެ މީހަކަށް އިތުރު މީހަކު ދިފާއުކުރެވޭނީ ކިހިނެއް؟...'' ޒޯހާއަށް ބަލާލަމުން ރަމީޒު ބުންޏެވެ.

ރަމީޒުއާއި ވާހަކަދައްކައިގެން ކުރިއެރުން ނުލިބޭނެކަން ޔަޤީން ވާތީ ހަށިފުރާ ދޫކޮށްލި ނޭވާއާއެކު ޒޯހާ ހިޔާރުކުރީ ހަމަހިމޭންކަމެވެ.

''ކޮޅަށް ނުހުރެ އިށީދެބަލަ، ބައްޕަ ދައްކަން މިއައި ވާހަކަވެސް އަޑުއަހާލަން ވާނެތާ...'' ވަކިން ހުރި ސޯފާގޮނޑިއަށް އިޝާރާތް ކުރަމުން ރަމީޒު ބުނެލިއެވެ. ހީވަނީ އެގޭގެ ވެރިމީހަކީ ވެސް އޭނަ ހެންނެވެ. ބޮޑާކަމާއި ކިބުރުވެރިކަން ކޮންމެ ހަރަކާތެއްގައި އެކުލެވިގެން ވެއެވެ.

ރަމީޒު ބުނިހެން ޒޯހާ ކަންތައް ނުކުރިއެވެ. އޭނަ ހަށަންބަނދެލަމުން ބަލަން ފެށީ ދުރެވެ.

ޒޯހާއަށް ބަލަން އިން ރަމީޒު ހިނިގަނޑެއް ޖަހާލިއެވެ.

''އެންމެ ރަގަޅު، ކޮޅަށް ހުރެގެން ވިޔަސް އަހަރެން ދައްކަން މިއުޅޭ ވާހަކައެއް އަޑުއަހާ... ބޭނުންތަ ޒޯހާގެ ބައްޕަ މިނިވަންކުރަން؟...'' ރަމީޒު މަސައްކަތްކުރީ ޒޯހާގެ ސަމާލުކަން ހޯދާށެވެ. ޒޯހާގެ ނަޒަރު އޭނައަށް ހުއްޓުމުން އެމަގުސަދު ހާސިލުވެއްޖެކަން ރަމީޒުއަށް ނަގައިގަނެވުނެވެ. އެއާއެކު އޭނަގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

''އަފްލާކްއާއި ވަކިވޭ، އެނޫން އިތުރު ގޮތަކުން ޒޯހާގެ ބައްޕަ މިނިވަނެއް ނުވާނެ، އަހަރެން މިބުނާހެން ކަންތައް ނުކޮށްފިނަމަ މިއަށް ވުރެން ބޮޑު ބަދުނާމެއް ބޮލުގައި އެޅިގެންދާނެ... ޒޯހާގެ ބައްޕަގެ ބޮލުގައި އެޅިފައިވާ މަސްތުވާތަކެތީގެ މައްސަލަ ސާބިތުވެ ޖަލަށް ދާން ބޭނުންނުވާނަމަ މިހާރުން މިހާރަށް އަފްލާކް ދޫކޮށް ދުރަށް ދޭ... ދުރަށް ދާން ބޭނުންވާ ވަރަކަށް ފައިސާ ވެސް ދީފާނަން، އޭރުން މިރަށް ދޫކޮށް އެހެން ތަނަކަށް ހިޖުރަ ކުރެވޭނެތާ، ވެފައި އޮތް ބޭޒާރުގެ ތެރޭގައި އުޅޭކަށް ނުޖެހޭނެ އޭރުން...'' ރަމީޒު ނެގި ބްލޭންކް ޗެކް އޭނަ ބޭއްވީ ސޯފާ ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީގައެވެ. އޭރު އޭނަ ޔަޤީންކޮށްގެން ހުރީ އޭނަގެ ހުށަހެޅުމާ ޒޯހާ އެއްބަސްވާނެކަމަށެވެ. އަފްލާލް ދޫކޮށް ދުރަށް ގޮސްދާނެ ކަމަށެވެ. އޭނަގެ ރޭވުމުގެ ފުރިހަމަކަމާމެދު ހިތުގައި އޮތް ބޮޑާކަމާއި އުއްމީދެއްގެ ސަބަބުން ރަމީޒުގެ ތުންފަތަށް ވެރިވެގެން އައީ ކާމިޔާބުގެ ހިނިތުންވުމެކެވެ.

ޒޯހާއަށް އިރުކޮޅެއް ވަންދެން ބަސްހުއްޓިފައި ހުރެވުނެވެ. އެއްފަހަރު ރަމީޒުއަށް އަދި އަނެއް ފަހަރު މޭޒުމަތީ އޮތް ޗެކަށް އޭނަގެ ނަޒަރު ދަތުރުކުރިއެވެ. އެއާއެކު ޒޯހާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ ހިތުގައި ރަމީޒުއަށް އޮތް ކުޑަމީސް ޤަދަރު ގެއްލިގެން ދިޔައީ އެދަނޑިވަޅުގައެވެ. އަވަސް ފިޔަވަޅުތަކެއްގައި އޭނަ ގޮސް މޭޒު ކައިރިއަށް ހުއްޓިލަމުން ޗެކު ނެގިއެވެ. އެމަންޒަރު ބަލަމުން ދިޔަ ރަމީޒުއަށް އޭގެ މާނަ ނެގުނީ މުޅިން ގޯސްކޮށެވެ. އާހިރުގައި ފައިސާގެ ދަހިވެތިކަމަށް ޒޯހާ ވެސް ބޫތުކެއީކަމަށް ނިންމާ މަލާމާތުގެ ހިނިގަނޑެއް ޖަހާލިއެވެ.

އަވަސްއަވަހަށް އަތުގައި އޮތް ޗެކް ޒޯހާ ވީދާލިއެވެ. އެމަންޒަރު ބަލަން އިން ރަމީޒުއަށް ފުންމައިގެންފައި ސޯފާއިން ތެދުވެވިއްޖެއެވެ. އޭރު އޭނަގެ ތުންފަތުގައި ވި ހިނިތުންވުން ގެއްލިއްޖެއެވެ. ނުރުހުމާއެކު ޒޯހާއަށް އޭނަ ބަލަން ހުއްޓެވެ.

އަތުގައި ހުރި ކަރުދާސްކޮޅުތައް ޒޯހާ ޖެހީ ރަމީޒުގެ މޫނަށެވެ. އައިސްފައި ރުޅި ރުޅީގައި ރަމީޒުއަށް މުށްބާރުކޮށްލެވުނެވެ.

''ހީކުރީތަ އަފްލާކް ދެކެ އަހަރެން ވާ ލޯބި ފައިސާއިން ގަނެލެވިދާނެ ކަމަށް؟... އެހެން ހީކުރެވެންޏާ އެއީ ކުށްހީއެއް... އަހަރެންގެ ބައްޕައަށް ތިކުރަމުންދާ ޖެއްސުންތަކުން ވެސް އަހަރެންގެ ހިތް ބަދަލެއް ނުވާނެ... މިހިތުގައި އަފްލާކްއަށް ވާ އިހުސާސްތައް ދުވަހަކު ބަދަލެއް ނުކުރެވޭނެ... ހީކުރަނީތަ ތާއަބަދު ނުބައި އަމަލުކުރުމާއިގެން ތިމާއަށް އުޅެވިދާނެ ކަމަށް؟... އެހެން ހީކުރެވެންޏާ އެއީ ކުށްހީއެއް... އެއްވެސް އިންސާނަކަށް މިދުނިޔެ މަތީގައި ތާއަބަދަކު ނޫޅެވޭނެ، މަރު އައިސް އެމީހަކާ ބައްދަލުކުރާނެ، އެދުވަހަކުން ތި މުދަލާއި ފައިސާއިން އެއްވެސް ކަމެއް ބަދަލުކުރެވިދާނެތަ؟!... ނުކުރެވޭނެ، އެދުވަހަކުން ތިމާގެ އާރާއި ބާރު ގެއްލި ނިކަމެތިވެގެން ދާނެ... ތިމާކުރި ނުބައިކަންތައް އައިސް ތިމާއާއި ފައިހަމަކުރާނެ... ތިމާ ގެއްލުން ދިން މީހުންގެ ފަރާތުން މަޢާފަށް އެދުމުގެ ފުރުސަތުވެސް ގެއްލިގެން ދާނެ، ބޮޑާކަމާއި ކިބުރުވެރިކަމާއެކު އުޅެމުންދާ އިރު މިދުނިޔެއަކީ ވަގުތީ ތަނެއްކަން އެއްފަހަރު ވިޔަސް ހަނދާންކޮށްބަލަ... ތިމާގެ އަތުން އަނިޔާ ލިބުނު މީހުންގެ ފަރާތުން މަޢާފު ހޯދަން މަސައްކަތްކޮށްބަލަ... އެއްފަހަރު ވިޔަސް ތިމާއަށް ކުރެވުނު ނުބައިކަންތަކާ މެދު ވިސްނާލަބަލަ، އޭރުން އާޚިރަތާ މެދު ހިތުގައި ބިރުވެރިކަން އުފެދޭނެ... އެކަމަކު އަހަންނަކަށް ހިޔެއް ނުވޭ ކަލެއަށް އެއްވެސްކަމެއް ވިސްނޭނެ ހެނެއް!، ޖާހިލިއްޔަތުގެ ހުރިހާ އިމެއް ފަހަނައަޅައި ގޮސްފައި ހުރި މީހަކަށް ހެޔޮ މަގެއް ނުފެންނާނެ... އިތުރަށް ދެން ދައްކާން ވާހަކައެއް ނެތް، ހަމަ މިހާރު މިގެއިން ނިކުމޭ!... އެހެރީ ވަން ދޮރު... ދިއުމުގެ ކުރިންވެސް ހަނދާންކޮށްދޭނަން، އަހަރެން އަފްލާކް ދޫކޮށެއް ނުލާނަން، ކަލޭ ކުރަމުން ތިދާހާ ކަންތަކީ އަފްލާކް އެކަނިކޮށްނުލުމަށް އަހަންނަށް ލިބޭނެ ހިތްވަރެއް... އަދި ބުނަން، އަހަރެންގެ ބައްޕަގެ ކުށެއް ނެތްކަން ވެސް ދާދި އަވަހަށް ސާބިތުވެގެން ދާނެ!، އެކަން އަފްލާކް ކުރާނެ!، އަހަރެން އަދަބުވެސް އިތުބާރުކުރާނަން އަފްލާކްއަށް، އަޑު އިވިއްޖެތަ؟!......''

ގޭގެ މައިދޮރާއި ދިމާއަށް އިޝާރާތްކުރަމުން ޒޯހާ ހަޅޭއްލަވައިގަތެވެ. މޭގެ ތެރޭގައި އުތުރިއަރަމުން އައި ޖަޒުބާތުތަކުން ޒޯހާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އެއާއެކު އަވަސްއަވަހަށް އޭނަ ކަރުނަ ފޮހެލިއެވެ. ރަމީޒުގެ ކުރިމަތީގައި ރޯން އޭނަ ބޭނުމެއް ނުވެއެވެ. ކަރުނަތަކުގައި އެކުލެވިގެންވާ ހިތާމަތަކުގެ އަސަރު ފޯރާނެ ވަރަށްވުރެން ރަމީޒުގެ ހިތްވަނީ ހިލައަށް ވެފައެވެ. ޖާހިލިއްޔަތުކަމުން އިންސާނުންގެ ގިންތީގެ ތެރެއަށް ވެސް ރަމީޒު ނުފެތޭނެއެވެ.

ރަމީޒު ހުރީ ރުޅިއައިސް ރަތްވެފައެވެ. ލޮލުން އަލިފާންކަނި ބުރާހާލު އޭނަ ޒޯހާއަށް ބަލާލިއެވެ. ޝައިތާނާ ސިކުނޑިއަށް ވެރިވެގެން އައި ހިނދު އޭނަގެ ހަމަބުއްދިފިލާދާހާ ވިއެވެ.

''ކަލޭގެ މައިންބަފައިންނަށް ވުރެން ބޮޑަށް އިސްތިކުރަނީ އަފްލާކް ތަ؟...'' ދަތްތަކަށް ބާރުލަމުން ރަމީޒު ބުނެލިއެވެ. ''އަހަރެން ބަލާނަން ކިހާ ދުވަހެއްވަންދެން ތޯ ތިހެން އުޅެވެނީ...''

*****

މަގުގައި ހެދިފައި އޮތް ފެންގަނޑުތަކުން ރެކެމުން އައިސް ޒޯހާގެ ގެއާއި އަރާހަމަވި އަފްލާކްއަށް އެގޭގެ ދޮރުމަތީ އޮތް ކާރު ފެނި ލިބުނު ހައިރާންކަމާއެކު ސައިކަލުގެ ދުވެލި ބާރުކޮށްލެވުނެވެ. ގެއާއި އަރާހަމަކުރެވުމުން ސައިކަލު މަޑުކޮށްލުމަށް ފަހު ހަރުޖައްސާލިއެވެ. އަދި އަވަސްއަވަހަށް އޭނަ ސައިކަލުން ފޭބިއެވެ.

ދުވެފައި އެތެރެއަށް ވަން އަފްލާކްގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މައިގެއިން ނިކުމެގެން އައި ރަމީޒު ފެނިފައެވެ. ހުއްޓުން އަރާފައި ރަމީޒުއަށް ބަލަން ހުރި އަފްލާކްގެ ދެލޮލުން ބިރުވެރިކަމާއި އެކުވެ ރުޅިކަމުގެ އަސަރު ފެނެއެވެ. އަފްލާކް ފެނި ރަމީޒުއަށް ވެސް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލެވިއްޖެއެވެ.

ދިގު ފިޔަވަޅުތައް އަޅަމުން ގޮސް ރަމީޒު ކައިރިއަށް ހުއްޓުނު އަފްލާކް ހިފީ ރަމީޒުގެ ސޫޓުގެ ގިރުވާނުގައެވެ. އަފްލާކްގެ އެއަމަލުން ރަމީޒުގެ ތުންފަތަށް ވެރިވީ މާނަ ދޭހަކުރަން އުނދަގޫ ހިނިތުންވުމެކެވެ.

''މިގެއަށް އައީ ކީއްކުރަން؟...'' އަފްލާކްއަށް ކަތުރުކަށިގަނޑަށް ބާރުކޮށްލެވުނެވެ. އޭރު އޭނަގެ ދެލޯ ވަނީ ހަނި ވެފައެވެ.

''ހެހެހެ... މިހާރު ބައްޕަ ގަޔަށް އަތްއިސްކުރަން ވެސް ދަސްކުރީތަ؟... ނޮޓް ބޭޑް، ތަރުބިއްޔަތު ދޭން ނޭގޭ މީހަކާއެކުގަ ވިއްޔާ ފާއިތުވި އަހަރުތަކުގައި އުޅުނީ، އެހެންވެ އޭނަގެ ފަރާތުން ނުބައިކަންތައް ދަސްވާނެ ވިއްޔާ!...'' އަފްލާކްގެ މޭގައި އަތްއަޅާ ކޮއްޕާލަމުން ރަމީޒު ހަޅޭއްލަވައިގަތެވެ. އޭނަގެ ލޮލުގައި މިހާރު ވަނީ ނުރައްކާތެރި ވިދުވަރެކެވެ.

ފަހަތަށް ދިޔަ އަފްލާކް އޭނަގެ ފައިތިލަ ބިމުގައި ސާބިތުކުރަމުން އަނެއްކާ ވެސް ރަމީޒުއާއި ކުރިމަތިލާން އުޅުނެވެ. އެހެނަސް ގޭގެ ފެންޑާއަށް ނިކުތްނަމުން އޭނައަށް ގޮވާލި ޒޯހާއަށް ދެވުނު ސަމާލުކަމާއެކު އަފްލާކްއަށް އަވަސްވެގަނެވުނީ ޒޯހާގެ ގާތަށް ދިއުމަށެވެ.

''އާރު ޔޫ އޯކޭ؟...''

ޒޯހާ ގާތަށް ހުއްޓިލަމުން އަފްލާކް ސުވާލުކުރިއެވެ. އޭނަގެ އަޑުގައި ވަނީ ހާސްކަމެވެ. ނޭވާގެ ހިނގުން ވަނީ ފުންވެފައެވެ. އެހުރިހާކަމެއް ފާހަގަކުރެވުނު ޒޯހާއަށް އަވަސްއަވަހަށް އަފްލާކްގެ އަތުގައި ހިފާލެވުނެވެ. އަދި ގަދަކަމުން ހިނިތުންވެލީ ހުރިހާކަމެއް ވެސް ރަގަޅޭ ބުނާ ފަދައަކުންނެވެ.

ދުރުގައި ޒޯހާއާއި އަފްލާކްއަށް ބަލަން ހުރި ރަމީޒުގެ ރުޅިގަނޑަށް ހީވީ ޕެޓްރޯލް އަޅާލެވުނުހެންނެވެ. ނަފުރަތުގެ ދިލަ ހޫނުކަން ޖިސްމަށް ފެތުރިގެން އައި ހިނދު އެތެރެހަށި ވެސް ފިހޭ ކަހަލަ އިހުސާސެއް އޭނައަށް ކުރެވުނެވެ. ރުޅިއައިސް ރަތްވެފައިވާ ހާލު އޭނަ އެގެއިން ނިކުންނަން ދިޔައީ އޭނަގެ ރޭވުން ކާމިޔާބު ނުކުރެވުމުން އެކަމުގެ ހިތިކަން ކަރުބުޑަށް ފެތުރިފައިވާ ހާލުގައެވެ.

*****

''ބޮސް...'' ދިގު ފިޔަވަޅުތައް އަޅަމުން އައިސް ކާރަށް އަރައި ބާރަށް ދޮރުފަތް ލައްޕާލި ރަމީޒު ފެނި ޑްރައިިވަރު ސީޓުގައި އިން އީތަންއަށް ގޮވާލެވުނެވެ. އެހާ ގަދަޔަށް ރަމީޒު ރުޅިއައިސްފައި ހުއްޓާ އޭނައަށް ފެނުނު ފުރަތަމަ ފަހަރަށްވުމުން އީތަން ޖެހިލުންވާ ގޮތް ވިއެވެ.

''ޕޮލިސް ސްޓޭޝަނަށް ހިނގާ...'' ރަމީޒު އަމަރުކުރިއެވެ. ވަގުތުން ރަމީޒުގެ އެދުމަށް އީތަން އިޖާބަ ދިނެވެ. އޭނަ ކާރު ދުއްވާލީ ރަމީޒު އެދުނު މަންޒިލަށް ގެންގޮސް ދިނުމަށެވެ.

ފަޓުލޫނު ޖީބުގައި އޮތް ފޯނުނަގަމުން ރަމީޒު ނަންބަރަކަށް ޑައިލްކޮށްލިއެވެ. ފޯނުކޯލު ނިންމާލުމަށްފަހު ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ރަމީޒުގެ ފަރާތުން ފެނެއެވެ.

''މަ ބަލާނަން އެކަލޭގެ އަފްލާކްއަށް ކުރާ އިތުބާރު ގިނަ ދުވަހަށް ދެމިގެން ދާތޯ... ލާހިކެއް ނޫން އައްޔޫބު މިނިވަންވާކަށް، މިކަން ނިމޭއިރު ކަލޭމެން ދެމީހުން ވަކިވާނެ، އިތުރު އެހެން ގޮތަކަށް މިކަންތައް ނިމުމުގެ ފުރުސަތެއް ހަމަހިލާ ނުދޭނަން، ކަލޭ މަށާ ކުރި ޒުވާބުގެ ބަދަލު ދީފަ ދޫކުރާނީ، މުޅި ރަށަށް ކަލޭމެން ބަދުނާމުކުރާނަން، މީހަކަށް މޫނު ދައްކަން ނުކެރޭވަރު ކުރާނަން، އަދި އެ އައްޔޫބު!، ކޯޓުގެ މަރުހަލާއަށް ފަހު ދުނިޔެއަށް ނޭވާލުމުގެ ފުރުސަތެއް ވެސް އޭނައަށް ނުދޭނަން!...''

ރަމީޒުގެ އޭނަގެ ސިކުނޑީގައި އިތުރު ރޭވުމެއްގެ ޗާޓު ކުރަހާލިއެވެ. ފުރަތަމަ ހާސިލު ކުރަންވީ ލަނޑުދަނޑިތަކުން ފެށިގެން އާރިހު ނެރެންޖެހޭ ނަތީޖާއަށް ދާން ދެނެވެ.

''ޒޯހާ... ކަލެއަށް އަހަރެންގެ ހުރި ނުބައިކަން މިފަހަރު ދައްކާނަން!... ކަލޭ ލޯބިވާ އެންމެންގެ ދިރިއުޅުން ނަރަކައަކަށް ހަދާނަން، ކަލޭގެ ސަބަބުން މިހުރިހާ ދުއްޕާނެއް ކުރިމަތިމިވަނީ...'' ރަމީޒު ހިތާހިތުން ބުނެލިއެވެ.

(ނުނިމޭ...)

https://sun.mv/113961

comment ކޮމެންޓް