މާލޭގެ މަގުތަކާ ގުޅޭ އެތައް ވާހަކައެއް

އިމާރާތް ކުރަމުން ދިޔަ ސައިޓަކުން ވެއްޓި ކުއްޖަކު މަރުވީ މަގުމައްޗަށް އިންވެގެން އިމާރާތް ކުރަނިކޮށް ފައިލް ފޮޓޯ--

މި ދިޔަ ޑިސެންބަރު މަހުގެ ތެރޭގައި އެތައް ބައެއްގެ ލޯތަކުން ކަރުނަ ހިލުވައިލި އެއް ދުވަހަކީ، މާލޭގެ މަގަކުން ހިނގައިފައި ދިޔަ ކުޑަ ކުއްޖެއްގެ ބޮލަށް، މަގާ އިން ވެގެން ހުރި އިމާރާތެއްގެ މަތީބުރިޔަކުން ސިމެންތި ބަސްތައެއް ވެއްޓި، ލިބުނު ބޮޑެތި އަނިޔާތަކުގެ ސަބަބުން ކުއްޖާގެ ފުރާނަ ގެއްލިގެން ދިޔަ ދުވަހެވެ. އެ ދުވަހަކީ މިދިޔަ 17 ޑިސެންބަރެވެ. އެ ހިތާމަވެރި ހާދިސާ ހިނގާން މެދުވެރިވި ސަބަބުތައް ބައިވަރެވެ. އޭގެ ތެރެއިން އެއް ސަބަބަކީ މަގުތަކާ އިން ވާ ގޮތަށް އިމާރާތްތައް ހެދުމެވެ. އެތައް ސަތޭކަ އިމާރާތެއް އެ ގޮތަށް އެޅޭ އިރު، އެ ތަންތަނުގައި މަސައްކަތް ކުރުމުގެ ތެރޭގައި ވެއްޓޭ އެއްޗެތި މަގުމައްޗަށް، މީހުން ހިނގާ ދުވާރުމައްޗަށް ވެއްޓުމުގެ ފުރުސަތު ނުހަނު ބޮޑު ވެގެން ދެއެވެ. އަދި އެފަދަ ހާދިސާއެއްގައި މީހުންނަށް ހާނީއްކަ ވުމުގެ ފުރުސަތު ވެސް އެ ނިސްބަތުން ބޮޑު ވެއެވެ.

އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ ކަމަކީ، ޑިސެންބަރުގެ ހިތާމަވެރި ހާދިސާގެ އިތުރުން ވެސް، އިމާރާތްތަކުން މަގުތަކަށް ވެއްޓޭ އެއްޗެތީގެ ސަބަބުން މީހުންނަށް އެކި ވަރުވަރުގެ ހާނީއްކަ ވުމަކީ މާލޭގައި އާއްމުކޮށް ހިނގާ ކަމެއް ކަމެވެ. 14 އޮކްޓޯބަރު 2015 ގައި، އިމާރާތެއްގައި މަސައްކަތްތަކެއް ކުރަމުން ދިޔަ ބަޔަކު ގެންގުޅުނު އެއްޗެއް މަގުމަތީން ހިނގައިފައި ދިޔަ ކުއްޖެއްގެ ބޮލަށް ވެއްޓި، އޭނާގެ ސިކުނޑިޔަށް ލޭ އެޅިފައި ވެއެވެ. 3 މާރިޗު 2016 ގައި، ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ދަގަނޑު ފިލައެއް ދަށު ވެ، އިމާރާތުގެ ކައިރީގައި މަގުމަތީގައި ހުރި ބިދޭސީޔަކު މަރު ވިއެވެ. ހަމަ އެފަދަ ހާދިސާއެއް 2016 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 22 ވަނަ ދުވަހު ވެސް ހިނގައި، ދެ މީހަކަށް ބޮޑެތި ހާނީއްކަތަކެއް ވިއެވެ. ޑިސެންބަރުގެ ހާދިސާގެ ފަހުން ވެސް، އިމާރާތަކުން ވެއްޓުނު އެއްޗެއް ދުވާރުމަތީން ހިނގައިފައި ދިޔަ މީހެއްގެ ގައިގައި ޖެހި އޭނާޔަށް ހާނީއްކަ ވީ ވާހަކަ ނޫސްތަކުން ފެނިފައި ވެއެވެ. މި ދެންނެވީ ބައެއް ހާދިސާތަކުގެ ވާހަކައެވެ.

މަގާ އިން ވެގެން ހުންނަ އިމާރާތެއްގައި ވެސް، މަސައްކަތް ކުރާ އިރު އެކަށިއިގެން ވާ ސަލާމަތީ ފިޔަވަޅުތައް އަޅައިފައި ހުންނަ ނަމަ، އެ ތަނަކުން ތަކެތި ވެއްޓިގެން މަގު ހިނގާ މީހުންނަށް ހާނީއްކަ ވުމުގެ ހާދިސާތަކެއް ނުހިނގާނެއެވެ. ނަމަވެސް ހަނިހަނި މަގުތަކުގެ ކައިރީގައި ހުންނަ އިމާރާތްތަކުގައި މަސައްކަތް ކުރާ އިރު، މަގު ހިނގާ މީހުންނަށް ދަތި ނުވާ ގޮތަށް ސަލާމަތީ ކަންކަން އިންތިޒާމު ކުރުމަކީ ވެސް ވަރަށް ބޮޑު ގޮން ޖެހުމެކެވެ. ކުރީން ވެސް ދެންނެވި ފަދައިން، މާލޭގައި އެތައް ސަތޭކަ އިމާރާތެއްގައި އެއް ފަހަރާ މަސައްކަތް ކުރާ އިރު، ސަލާމަތީ ފިޔަވަޅު ފުރިހަމަޔަށް އަޅައިފި ނަމަ، އެތައް މަގެއް އޮންނާނީ ބަންދު ކުރެވިފައެވެ. ދެން އެތައް ހާސް ބަޔަކަށް ކުރިމަތި ވާނެ ތަކުލީފުތަކުގެ ވާހަކަޔަކީ ވެސް ކޮޅެއް މެދެއް ވަކި ނުވާ ވަރުގެ ދިގު ވާހަކައެކެވެ. އެހެން ނަމަވެސް، އިމާރާތް ކުރާ ނަމަ ޖެހޭނީ ފުރިހަމަ ސަލާމަތީ ފިޔަވަޅުތައް އަޅައިގެން މަސައްކަތް ކުރާންށެވެ. ނޫނިއްޔާ ގެއްލޭނީ އިތުރު ފުރާނަތަކެވެ. ވާނީ އިތުރު އެތައް ބަޔަކަށް ބޮޑެތި ހާނީއްކަތަކެވެ.

މި ކަމަށް އޮތް އެއް ހައްލަކީ މަގުތަކާ އިން ވެގެން އިމާރާތްތައް އެޅުމުގެ ވިޔާނުދާ ސަގާފަތް ދޫ ކޮށްލުމެވެ. އެއިރުން އިމާރާތެއް އެޅިޔަސް، އަދި އިމާރާތެއް މަރާމާތު ކުރިޔަސް، އޭގެ ސަބަބުން މަގު ހިނގާ މީހުންނަށް ދުއްތުރާ ވުމާއި، އިމާރާތުން ވެއްޓޭ އެއްޗެތީގެ ސަބަބުން މަގު ހިނގާ މީހުންނަށް ހާނީއްކަ ވުމުގެ ހާދިސާތައް ހިނގުން ހުއްޓުވޭނެއެވެ.

ދެން އެހެން ވާހަކައެކެވެ.

އޮފީސް ހެދުން އަޅައިގެން، ގަޑި ކައިރި ކޮށްފައި އޮފީހަށް ދާން ދަނިކޮށް ކޮންމެވެސް ގެއެއްގެ ބެލްކަނިން، ނުވަތަ ގެއެއްގެ މަތީ ބުރިއެއްގެ ކޮންމެވެސް ތަނަކުން މަގުމައްޗަށް ނެރެފައި އޮންނަ ހޮޅިގަނޑެއް ފަދަ އެއްޗަކުން، ނުވަތަ އެއަރކަންޑިޝަން ސިސްޓަމުގެ ކޮންމެވެސް ދިމާޔަކުން ގަޔަށް ފެންތައް ފައިބައިގެންފާނެއެވެ. ބައެއް ފަހަރު އެ ފެނުގައި ދުވާނީ ނުލާހިކު ނުބައި ވަހެވެ. ބައެއް ފަހަރު އެ ފެނުން ލައިގެން ހުންނަ ހެދުމުގައި ކުލަ ޖެހި، ހެދުން މުޅީން ތަޣައްޔަރު ވެދެއެވެ. ދެން އޮންނަ ގޮތަކީ އަނބުރައިލައިފައި ގެޔަށް ގޮސް އަލުން ފެންވަރައިގެން ހެދުން ބަދަލު ކޮށްގެން އޮފީހަށް ދިޔުމެވެ. އެއިރު އޮންނަނީ އޮފީހަށް ގަޑި ޖެހިފައެވެ. މިއީ ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ދުވަހަކު ބޭހެއް އީޖާދު ނުކުރެވުނު ބައްޔެއް ފަދަ ކަމެކެވެ.

މަގުތަކާ އިން ވެގެން އިމާރާތްތައް ނުހުންނަ ނަމަ، މި ކަން ވެސް ނުވާނެކަން ޔަގީނެވެ.

ދެން އޮތީ ދުވާރުގެ ވާހަކައެވެ. ދުވާރަކީ މަގުގެ އެއް ފަރާތެއްގައި، ހިނގާ މީހުން ހިނގައި އުޅުމަށް ޓަކައި އޮންނަ ތަނެވެ. މާލޭގެ ބައެއް މަގުތަކުގައި އެއް ފަރާތުގައި، ބައެއް މަގުތަކުގައި ދެ ފަރާތުގައި ވެސް ދުވާރު ހަދައިފައި ހުރެއެވެ. ނަމަވެސް ވަރަށް ގިނަ މަގުތަކުގައި ދުވާރުތަކަކީ ހިނގާ މީހުންނަށް ބޭނުން ކުރެވޭ ގޮތަށް އޮންނަ ތަންތަނެއް ނޫނެވެ. ކުރީން ވެސް ދެންނެވި ފަދައިން، ދުވާރުން ހިނގައިފައި ދަނިކޮށް، އިމާރާތެއްގެ މަތީ ބުރިޔަކުން ވެއްޓޭ ހަޑި ފެން ނުވަތަ އެޔަށް ވުރެން ވެސް ބަރު އެއްޗެއްގެ ދަށު ވެދާނެކަމުގެ ބިރަކީ އެއް ސަބަބެވެ. ހަމައެހެންމެ، ވާރޭ ވެހޭ ދުވަހެއް ނަމަ، ގިނަ ދުވާރުތަކަށް އިމާރާތްތަކުން ފެން ފައިބަނީ ފެންމާގަނޑެއް އެންމެ ބޮޑަށް ދޫ ކޮށްލައިފައި ހުންނަ އިރު އެއިން ފެން ފައިބާ މިސާލުގައެވެ. މަގުތައް ހަނި ކަމާ އެކު، ދުވާރަށް ދެވިފައި އޮންނަ ޖާގަ ކުޑަ ވުމަކީ ވެސް މައްސަލައެކެވެ. ދުވާރު ބޭނުން ކުރުމަށް ދަތި ވާ ގޮތަށް، ބައެއް ތަންތަނުގައި ކަރަންޓާއި ފޯނުގެ ކަނެކްޝަން ފޮށިތައް ހުންނަ ހުރުމަކީ ވެސް އެއް ކަމެކެވެ. މިހެން ގޮސް، ދުވާރުތަކާ ބެހޭގޮތުން ވެސް ބޮޑު ރިޕޯޓެއް ލިޔެވޭހައި ގިނަ މައްސަލަތައް އެބަ ހުއްޓެވެ.

މީގެ ތިންހަތަރު ދުވަހެއް ކުރިން އިވުނު ޚަބަރަކީ މާލޭގެ މަގުތަކުގައި ރައްޔިތުންނަށް ދަތި ވާ ގޮތަށް ބެހެއްޓިފައި ހުރި ޕެލެޓުތައް ނަގައިގެން ގެންދާ ވާހަކައެވެ. އެ ޕެލެޓުތައް ނަގާން ޖެހޭ ސަބަބުތަކުގެ ތެރޭގައި، އެ ތަކެތީގެ ސަބަބުން މީހުންނަށް ހާނީއްކަ ވުން ވެސް ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައި ވާ ކަމަށް ޚަބަރުތަކުގައި އޮތެވެ. އެއީ ހަމަ ތެދު ވާހަކައެކެވެ. އަޅުގަނޑަށް ވެސް އޭގެ ޕެލެޓަކުން އެއް ދުވަހަކު ފިސާރި ހާނީއްކައެއް ވިއެވެ. އޭގެ އެއްޗެއްގައި ފައި އެޅި ވަގުތު، އޭގައި ހުރި ގޮޅިއަކަށް ފައިތިލަ ފެތި، ދެ ތިން ތަނުން ހަން ގޮސް، ހުޅަކަށް ތަދެއް ވެސް ވިއެވެ. ޕެލެޓުތައް ނެގުމާއި، ވަކި އުސޫލަކުން ނޫނީ ޕެލެޓު ނުބެހެއްޓޭ ގޮތަށް ހެދުމަކީ ކޮންމެހެން ވެސް ކުރާން ޖެހޭ ކަމެއް ކަމާ މެދަކު ޝައްކެއް ނެތެވެ. ނަމަވެސް ޕެލެޓު ބަހައްޓާ މީހުން އެކަން ކުރަނީ، މާލޭގެ މަގުތައް ހެދިފައި އޮންނަ ގޮތުން އެމީހުންނަށް ވެސް ބޮޑެތި ދަތިތަކެއް ތަހައްމަލު ކުރާން ޖެހޭތީ، ހައްލެއް ހޯދުމުގެ ގޮތުންނެވެ. އެއީ ވެސް އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނެ ކަމެކެވެ.

ދެން އަނެއްކާވެސް ތަފާތު ވާހަކައެކެވެ.

އަޅުގަނޑަކީ ވެސް އިސްކަންދަރު ސްކޫލަށް ކުއްޖަކު ލާން އަދި ބަލައި ވަރަށް ގިނައިން ދާ މީހަކީމެވެ. އާއްމުކޮށް ބޭނުން ކުރަނީ ސްކޫލުގެ ފުރަގަހުގައި ހުންނަ ވަލުދޮރޯށްޓެވެ. އެ ގަޑީގައި ބިހުރޯޒު ކަމަނާ މިސްކިތާ ހަމައިން ސްކޫލުގެ ދޮރޯށްޓާ ހަމަޔަށް އޮންނަ ޓްރެފިކުގައި ޖެހިއްޖެ ނަމަ، ދެން ފަނަރަ ވަރަކަށް މިނެޓުން ނޫނީ ސަލާމަތެއް ނުވެއެވެ. އެހެންކަމުން، ވަރަށް ކުރީ ބައިގައި ގޮސްގެން ނޫނީ، ގަޑި ޖެހޭ ވަގުތު ކުއްޖާ ބަލައި ސްކޫލަކަށް ނުވަދެވެއެވެ. އޮފީހުގައި އުޅެމުން، ކުރީ ބައިގައި ދިޔުމަކީ ވެސް ގިނަ ފަހަރު ކުރެވޭ ކަމެއް ނޫނެވެ. އެހެންކަމުން، ގަޑި ނުޖެހި ކުއްޖާ ސްކޫލަށް ލެވިދާނެކަމާ މެދު، އަދި ނިމިގެން ކުއްޖާ އެތައް އިރެއް ވާންދެން ބަލައި ނައިސްގެން ކަންބޮޑު ވެފައި ހުންނާން ނުޖެހި ބަލައިދެވިދާނެކަމާ މެދަކު އެއްވެސް ޔަގީންކަމެއް ނޯވެއެވެ. މިއީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެވެ. މި ތަޖުރިބާ ކުރައްވަނީ ކިތައް ހާސް ބެލެނިވެރިންތޯއެވެ؟ މި ދުއްތުރާ ބެލެނިވެރީންނަށް ޖެހެނީ ކިތައް މަދަރުސާގެ ކައިރީގައިތޯއެވެ؟

މިފަދަ ކިތަންމެ ވާހަކައެއް ދެއްކިދާނެއެވެ. މާލޭގައި ބަސް ބޭނުން ކޮށްގެން އާއްމު ދަތުރުފަތުރުގެ ޚިދުމަތް ނުދެވެނީ ވެސް، މަގުތައް ހެދިފައި ހުރި ގޮތުން ނޫންތޯއެވެ؟

މާލޭގެ މަގުތަކާ ގުޅިގެން ރައްޔިތުންނަށް ކުރިމަތި ވެފައި ވާ މިފަދަ އެތައް ދުއްތުރާލެއްގެ އަސްލު ސަބަބަކީ، މާލެ ބިނާ ކުރެވިފައި އޮތް ގޮތެވެ. މާލޭގެ އެކި ދިމަދިމާޔަށް އެއް ފަހަރު ނަޒަރު ހިންގައިލުމުން، ސާފު ވާ ކަމަކީ މި ޝަހަރު ބިނާ ކުރެވުނީ އެއްވެސް ޕްލޭނެއް ނެތިކަމެވެ. ދުރާލާ ވިސްނުނު އެއްވެސް ވިސްނުމެއް ނެތިކަމެވެ. ބަޔަކު ޕްލޭނެއް ހަދައި ވިސްނުންތަކެއް ހެދި ނަމަ، އެ ޕްލޭންތަކާއި ވިސްނުންތައް ތަންފީޒު ކުރެވިފައި ނެތް ކަމެވެ. ނުވަތަ އެ ޕްލޭންތަކާއި ވިސްނުންތަކަކީ ޖޯކެއް ފަދަ ތާކުންތާކު ނުޖެހޭ ކަންތައްތަކެއް ކަމެވެ.

އަޖާއިބު ވާން ޖެހެއެވެ. މާލެޔަށް މިހެން ވެގެން ދިޔަ އިރު، ރާއްޖޭގައި ވެރިކަން ކުރައްވާން ތިއްބެވި ބޭފުޅުންނަކީ ގިނަގިނައިން ސިންގަޕޯރު ފަދަ ގައުމުތަކަށް ދަތުރުފަތުރު ވެސް ހަމަ ކުރެއްވި ބޭފުޅުންނެވެ. ޝަހަރުތައް ބިނާ ކުރުމުގައި އެ ތަންތަނުގައި މީހުން އަމަލު ކުރާ ގޮތް ވެސް ގައިމު އެ ބޭފުޅުންނަށް ހުންނާނީ ފެނިވަޑައިގެންފައި ތާއެވެ. ވީއިރު، މާލެ ބިނާ ކުރުމުގައި އެފަދަ ތަންތަނުން ނަމޫނާ ނުނެންގެވީ ކީއްވެގެން ބާވައެވެ!

ޝަހަރެއްގެ އެންމެ މުހިއްމު އެއް ބަޔަކީ މީހުން އެއް ތަނުން އަނެއް ތަނަށް ދަތުރުފަތުރު ކުރުމާއި، އެއް ތަނުން އަނެއް ތަނަށް މުދާ އުފުލުމަށް ޓަކައި ބޭނުން ކުރެވޭ މަގުތަކެވެ. މި ޒަމާނަކީ ދަތުރުފަތުރުގައި ކުދި އަދި ބޮޑެތި އިންޖީނު އުޅަނދުފަހަރު ގެންގުޅެވޭ ޒަމާނަށް ވާތީ، މި ޒަމާނުގައި ޝަހަރުތަކުގެ އެތެރޭގައި ވެސް މަގުތައް ހަދަނީ މި ދެންނެވި ބޭނުންތައް ފުރިހަމަޔަށް ހިފޭ ގޮތަށެވެ. މަގުތައް ހަނި ވެގެން، އަދި މަގުތައް ރަނގަޅަށް ޕްލޭން ނުކުރެވި ހަދައިފައި ހުރުމުގެ ނަތީޖާއެއްގެ ގޮތުން ދަތުރުފަތުރަށް އުނދަގޫ ވެގެން ދިޔުމުން، ހަމައެކަނި އެއް ތަނުން އަނެއް ތަނަށް ހިނގައިބިނގައި ވެއުޅޭ މީހުންނާއި ދުއްވާ ތަކެތީގައި އުޅޭ މީހުންނަށް ތަކުލީފު ޖެހެނީއެއް ނޫނެވެ. އޭގެ ސަބަބުން މުދާ އުފުލުމުގެ މަސައްކަތް ލަސް ވެ، އިގުތިސާދަށް ވެސް ނުހަނު ބޮޑެތި ގެއްލުންތައް ލިބިގެން ދެއެވެ. ޓްރެފިކްގެ ސަބަބުން ދުއްވާ ތަކެތި މަގުތަކުގައި މަޑު ޖެހިފައި ނުވަތަ އަވަހަށް ދަތުރު ނުކުރެވި ތިބޭން ޖެހުމުގެ ސަބަބުން، ތެޔޮ އިސްރާފު ވުމުގެ ސަބަބުން ވެސް ބޮޑެތި ގެއްލުންތައް ލިބެއެވެ. މިސާލެއްގެ ގޮތުން، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ޓެކްސަސް ޓްރާންސްޕޯރޓޭޝަން އިންސްޓިޓިޔުޓުން އަންދާޒާ ކޮށްފައި ވާ ގޮތުން، 2000 ވަނަ އަހަރު އެމެރިކާގެ އެންމެ ބޮޑު 75 މެޓްރޮޕޮލިޓޭން ސަރަހައްދުތަކުގައި، 3.6 ބިލިޔަން ގަޑިއިރުގެ ވަގުތު ޓްރެފިކްގެ ސަބަބުން ގެއްލިފައި ވާ އިރު، އޭގެ ސަބަބުން 21.6 ބިލިއަން ލިޓަރުގެ ތެޔޮ އިސްރާފު ވެފައި ވެއެވެ. ފައިސާއިން ކިޔާ ނަމަ، މިއީ އެތައް ބިލިއަން ޑޮލަރެއްގެ ތެލެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި، މި އަދަދުތައް މިހައި ބޮޑު ނުވާނެކަން ޔަގީނެވެ. ނަމަވެސް ރާއްޖޭގައި ވެސް ދިރާސާތަކެއް ހަދައިފި ނަމަ، ޓްރެފިކްގެ ސަބަބުން ގެއްލޭ ވަގުތާއި، ގެއްލޭ ފައިސާ މަދެއް ނުވާނެކަމަށް ދެންނެވިދާނެއެވެ. މި ގައުމަކީ މި ކަހަލަ ދިރާސާތަކެއް ވެސް ހަދާ ތަނަކަށް ނުވާތީ، އެންމެންނަށް ވެސް ބޮޑު ވާ ހަމައެކަނި ކަންތަކަކީ އިންތިޚާބާއި ގޮނޑިޔާއި ޕޯޑިޔަމާއި ކުލަކުލައިގެ ޓައި ކަމަށް ވާތީ، ކަން އޮތް ގޮތް ބަޔަކަށް ނޭނގެނީއެވެ.

ޝަހަރެއްގައި އޮންނަ މަގުތައް ވާން ޖެހޭނީ، އެ ތަނެއްގައި ދިރިއުޅޭން ޕްލޭން ކުރެވޭ އާބާދީގެ އެންމެން އާދައިގެ ހާލަތުގައި ބޭނުން ކުރާ އިރު، ޓްރެފިކް ބާރު ބޮޑު ނުވާ ވަރުގެ ފުޅާ މަގުތަކަކަށެވެ. އެ މަގުތަކުގައި ބޮޑެތި ބަހާއި ލޮރީތަކާއި ޕިކަޕާއި ކާރާއި ސައިކަލު ފަދަ އުޅަނދުތަކަށް ފަސޭހަކަމާ އެކު ދުއްވޭ ފަދަ މަގުތަކަކަށެވެ. ދެ ފަރާތުގައި ނުވަތަ މެދުގައި ހިޔާ ދޭ ބޮޑެތި ގަސްތައް އިންދޭ ފަދަ މަގުތަކަކަށެވެ. އެފަދަ ގަސްގަހުގެ ސަބަބުން ޝަހަރުގެ ތެރެ ފެހި ވެ، ހޫނުކަން ތައްކަތު ވެ، އެ ގަސްގަހުން ބޭރު ވާ އޮކްސިޖަނުގެ ސަބަބުން ޝަހަރުގެ ވައި ސާފު ވެ، މިހެން ގޮސް ލިބޭ ފައިދާތަކުގެ ލިސްޓަކީ ވެސް ހާދަހާ ވާ ދިގު ލިސްޓެކެވެ. ވިސްނާން ވީ މިހިރަ ކަންކަމަށް ނޫންތޯއެވެ؟ ހަމައެހެންމެ، މަގުތައް ހުންނާން ވާނީ ދުވާރުން ހިނގާ މީހުންނަށް ރައްކައުތެރި ގޮތަކަށެވެ. ބައެއް ހިސާބުތަކުގައި، ވާރޭ ވެހޭ އިރު ވެސް ނުތެމި ދުވާރުން ހިނގައިފައި ދެވޭ ގޮތަށެވެ. ކޮންމެ މަގެއްގައި ވެސް ބަސް ހުއްޓާ ތަންތަނާއި، ޓެކްސީ ސްޓޭންޑުތައް ހެދޭހައި ޖާގަ ވެސް އޮންނާން ވާނެއެވެ. މީގެ އިތުރުން، މަގުތައް ޕްލޭން ކުރެވި ބިނާ ކުރެވޭ އިރު، މަގުތަކުގެ ފެން ހިންދާ ނިޒާމާއި، މަގުތަކުގެ އަޑީން އަޅާ ކަރަންޓާއި ފޯނާއި އިންޓަނެޓުގެ ކޭބަލް ފަދަ ކޭބަލްތަކާއި، ފެނާއި ގޭހުގެ ހޮޅިތައް އަޅާ ނިޒާމު ވެސް ފުރިހަމަޔަށް ފަރުމާ ކުރެވޭން ޖެހެއެވެ. އިރުއިރުކޮޅާ މަގު ނޮޅައި އެފުށް މިފުށަށް ޖަހައިގެން ނޫނީ އެއިން އެއްޗަކަށް ދިމާ ވާ މައްސަލައެއް ހައްލު ނުކުރެވޭ ގޮތަށް އޮތުމީ ވެސް ކަންތައް ކުރާ އިރު، އަޅުގަނޑުމެންނަށް ދުރަށް ނުވިސްނޭ ކަމުގެ، އަދި ކަންފަސޭހަ ކޮށްލެވޭ ކަމުގެ ހެއްކެކެވެ.

އަޅުގަނޑުމެންގެ ތެރޭގައި ދޫ ކޮށްލާން ޖެހޭ އަނެއް ކަމަކީ، މަގަށް އިން ވާ ގޮތަށް އިމާރާތްތައް ކުރުމުގެ ނުބައި ސަގާފަތެވެ. މި ސަގާފަތެއް ފެށިގެން އައީ ވެސް ހާލަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ބޮޑު ގޯހެއް ކަމުގައި މެނުވީ އަޅުގަނޑަކަށް ނުފެނެއެވެ. ވަރަށް އިސްތިސްނާ ހާލަތެއްގައި މެނުވީ، އިމާރާތެއް ހުންނާން ވާނީ މަގަށް ވުރެ 10 ވަރަކަށް ފޫޓު އެތެރޭގައެވެ. ހަމަ އެހެންމެ، ދެ އިމާރާތް ދެމެދުގައި ވެސް އާއްމު އުސޫލަކުން 10 ވަރަކަށް ފޫޓުގެ ހުސް ޖާގަ އޮންނާން ޖެހޭ ގޮތަށް ގަވާއިދުތައް ހަދާން ޖެހޭ ކަމަށް ދެކެމެވެ. މީގެ އެއް ބޭނުމަކީ އިމާރާތްތައް އެޅުމާއި، މަރާމާތު ކުރުން ފަދަ ކަންކަން ކުރާ އިރު، މަގުގެ ބޭނުން ކުރުމަށް ހުރަސް ނޭޅޭ ގޮތް ހެދުމެވެ. އަނެއް ބޭނުމަކީ އަލިފާނުގެ ހާދިސާއެއް އިމާރާތެއްގައި ހިނގައިފި ހާލަތެއްގައި، އެ އިމާރާތެއްގެ ވަށައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރެވޭނެ މަގު ތަނަވަސް ކުރުމެވެ. ތިންވަނަ ބޭނުމަކީ އިމާރާތުގެ ގޯތިތެރޭގައި އުޅަނދުފަހަރު ޕާކު ކުރުމާއި، ބަގީޗާ ހެއްދުން ފަދަ ބޭނުންތަކަށާއި، ގޭގޭގައި ނަމަ ކުޑަކުދީން ނުކުމެލައި ކުޅެލައި އުޅޭނެ ޖާގަ ވެސް ބޭއްވުމެވެ. މި ދެންނެވި އުސޫލުން، އިމާރާތްތަކުގެ ގޯތިތެރޭގައި އުޅަނދުފަހަރު ބެހެއްޓޭނެ ޖާގަ އޮންނަ ނަމަ، މާލޭގެ މަގުތަކަށް ޕާކު ކުރެވިފައި ހުންނަ އުޅަނދުތަކުގެ ސަބަބުން ކުރިމަތި ވާ ތޮއްޖެހުން ކިހައި ބޮޑަކަށް ހައްލު ކުރެވޭނެތޯއެވެ؟

މި ކަމާ ބެހޭގޮތުން ވާހަކަ ދައްކާ އިރު، އެންމެ ބޮޑަށް ކަންބޮޑުވުން ފައުޅު ކުރާން ޖެހޭ އެއް ކަމަކީ، ރާއްޖެތެރޭގެ ރަށްރަށް ވެސް ބިނާ ކުރެވެމުން ދަނީ، މާލެއެކޭ އެއްފަދައިން، "ޑިޒާސްޓަރގެ ރެސިޕީ" އަށް ކަމެވެ. މާލެޔަށް ވީ ގޮތުން ފިލާވަޅު ލިބިގަނެ، ޚާއްސަކޮށް ރާއްޖޭގެ ބޮޑެތި ޝަހަރުތަކަށް ވާނެ ތަންތަން، ހުޅުމާލެ ފަދައިން ޕްލޭން ނުކުރަނީ ކީއްވެގެންތޯ، މި ސުވާލަށް ހަމަ އެއްވެސް ޖަވާބެއް ނެތެވެ. ފުވައްމުލަކާއި އައްޑުއާއި ލާމު ގަމާއި ކުޑަހުވަދޫ ފަދަ ބޮޑެތި ރަށްރަށް ހިމެނޭ ގޮތުން، ރާއްޖޭގެ ވިހި އަތޮޅުން ވިއްސަކަށް ޝަހަރު ހުޅުމާލެ ޕްލޭން ކުރި ގޮތަށް ޕްލޭން ކޮށް، ރަނގަޅަށް ބިނާ ކުރުމުގެ މަސައްކަތް ފަށާން މިހާރު މާ ލަސް ވެސް ވެއްޖެއެވެ. އެ ރަށްރަށުގައި، ފަސް އަހަރުން ފަސް އަހަރުން، ދެމެހެއްޓެނިވި ތަރައްގީގެ ޕްލޭނެއް ނެތި، ރައްޔިތުން ހައްދާން ތާރުކޮޅަކާއި ގައުކޮޅެއް އެޅުމުގެ ބޭކާރު ޚަރަދު ކުރުމުގެ ބަދަލުގައި، ޕްލޭނެއްގެ ދަށުން މަގުތައް ހަދާން ޖެހެއެވެ. ރަނގަޅު އާއްމު އުމްރާނީ އޮނިގަނޑެއް ނެތުމުގެ ގެއްލުމަކީ ކުޑަ ގެއްލުމެއް ނޫނެވެ. ރީތި ބަގީޗާ ޝަހަރުތަކެއް އޮންނަ، ބޭރުން އަރާ މީހުން ވެސް ހިތްފަސޭހަ ތަނެއްގެ ގޮތުގައި ސިފަ ކުރާ ވަރުގެ ގައުމަކަށް އަޅުގަނޑުމެންގެ ރާއްޖެ ބަދަލު ކުރެވޭތޯ މަސައްކަތް ކުރަމާ ހިންގަވާށެވެ.

comment ކޮމެންޓް