އިމާރާތް ކުރުމާ ބެހޭ ގަވާއިދުތައް ހަދަން ދައުލަތަށް ސިވިލް ކޯޓުން އަމުރުކޮށްފި

މާލޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓެއް -- ސަން ފޮޓޯ: ފަޔާޒު މޫސާ

އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

އެ ގަވާއިދުތައް ހަދަން ސިވިލް ކޯޓުން މިއަދު އަމުރުކުރީ އިމާރާތް ކޮންސްޓްރަކްޝަން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓި މިދިޔަ މަހު ބަންގްލަދޭޝްގެ ކުޑަކުއްޖަކު މަރުވި ހާދިސާއަށް ފަހު، އެ ގަވާއިދުތައް ހަދަން އަމުރުކޮށް ދިނުމަށް އެދި ވަކީލުންތަކެއް ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، ވިޝާމް އެންޑް ކޯ އެލްއެލްޕީ އާއި ރިޒާ، ޝަފްޒީން އެންޑް ކޯގެ އިތުރުން ވަކީލުންތަކެއް ކަމަށްވާ ފާތިމަތު ޝަރީފާއި އައިމިނަތު އަރީޖް ހުސައިނާއި ސަފިއްޔާ ތައުފީގާއި ހައްވާ ޝަފީއާ ރިޒާ އަދި ފާތިމަތު ޝަފްނީޒް އެވެ.

އެ މައްސަލަ ބެލުމަށް ފަހު ސިވިލް ކޯޓުން މިއަދު ވަނީ އޭގެ ތެރެއިން 13 ގަވާއިދެއް ވަކި މުއްދަތެއްގެ ތެރޭގައި ހެދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ.

އެ ގަވާއިދުތަކަކީ:

  1. އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުން ޖެހޭ ސަލާމަތީ މިންގަނޑުގެ ގަވާއިދު
  2. އިމާރާތް ކުރުމުގެ ހުއްދަ ދޫކުރާ އިދާރާތައް ރެޖިސްޓާ ކުރުމުގެ ގަވާއިދު
  3. ޕްލޭނިން ގަވާއިދެއް ނެތް ރަށްރަށް އަދި ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދު
  4. އިމާރާތް ކުރުމާ ބެހޭ އިދާރީ ގަވާއިދު
  5. އިމާރާތް ކުރުމާ ގުޅޭ ފަރާތްތައް ނިސްބަތްވާ ފަންނީ ޖަމިއްޔާތަކުގެ ގަވާއިދު
  6. އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންގެ ގަވާއިދު
  7. އިމާރާތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުގެ ގަވާއިދު
  8. އިމާރާތްކުރުމުގެ ގާނޫނާއި ގާނޫނުގެ ދަށުން ހަދާ ގަވާއިދެއްގެ ދަށުން ނިންމާ ކަންކަން އިސްތިއުނާފުކުރުމުގެ ގަވާއިދު
  9. އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލު ކުރުމުގެ ގަވާއިދު
  10. އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލު ކުރުމުގެ ގަވާއިދު
  11. އިމާރާތް ކުރުމުގެ މަސައްކަތަށް ބޭނުން ކުރާ ތަކެއްޗާއި ތެކެތި ޓެސްޓު ކުރާ ފަރާތްތަކުގެ ގަވާއިދު
  12. އިމާރާތް ކުރުމަށް ބޭނުން ކުރާ ތަކެތި ޓެސްޓު ކުރުމުގެ ގަވާއިދު
  13. ބިލްޑިން ކޯޑު

އޭގެ ތެރެއިން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުން ޖެހޭ ސަލާމަތީ މިންގަނޑުގެ ގަވާއިދު މި މަސް ނިމުމުގެ ކުރިން ހަދައި އާންމު ކުރަން ވަނީ ހުކުމްކޮށްފަ އެވެ.

comment ކޮމެންޓް