މަރުވި ދެމަފިރިންގެ ހަށިގަނޑު ދައުލަތުން ހަރަދުކޮށްގެން ފިލިޕީންސަށް ފޮނުވާލައިފި

29 އަހަރުގެ ލިއޯމަރ ލަގްރަޑިއާ 30 އަހަރުގެ އެރިކާ ޖޯއިސް ލަގްރަޑިއާ ---

ކ. ދިއްފުށީގައި މޫދަށް އެރި އުޅެނިކޮށް އާދީއްތަ ދުވަހު ގެނބިގެން މަރުވި ފިލިޕީންސް ދެމަފިރިންގެ ހަށިގަނޑު ދިވެހި ދައުލަތުން ހަރަދުކޮށްގެން ފިލިޕީންސަށް ފުރުވާލައިފި އެެވެ.

ކ. ދިއްފުއްޓާއި މީރު އައިލެންޑް ރިސޯޓު ހިންގާ ކ. މީރުފެންފުއްޓާ ދެމެދަށް މޫދަށް އެރި އުޅެނިކޮށް މަރުވެފައި އޮއްވައި ފެނުނީ ހަނީމޫނަށް ރާއްޖެ އައިސް އުޅުނު 29 އަހަރުގެ ލިއޯމަރ ލަގްރަޑިއާ 30 އަހަރުގެ އެރިކާ ޖޯއިސް ލަގްރަޑިއާ އެވެ.

އެ ދެމަފިރިންގެ ހަށިގަނޑު ގައުމަށް ގެންދިއުމަށް ބޭނުންވާތީ އާއިލާއިން ވަނީ މީގެ ކުރިން ގައުމަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމަށް ރައްޓެހިންނާއި ހެޔޮއެދޭ މީހުންގެ އެހީތެރިކަމަށް އެދިފައެވެ. ދެ ހަށިގަނޑު ގައުމަށް ގެންދިއުމަށް 187،859 ދިވެހި ރުފިޔާ އަރާ ކަމަށް ދެމަފިރިންގެ އާއިލާއާ ހަވާލާދީ ރިޕޯޓުތައް ބުންޏެވެ.

އެ ހަރަދު ފިލިޕީންސްގެ ފޮރިން މިނިސްޓްރީން ކުރާ ގޮތަށް ހަމަޖެހުނު ކަމަށް ވަނީ މީގެ ކުރީން ރިޕޯޓުތައް ބުނެފަ އެވެ.

އެހެން ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، އެ ދެމަފިރިންގެ ހަށިގަނޑު މިހާރު ކޮލަމްބޯ މަގުން ފިލިޕީންސަށް ފޮނުވާލާފައިވާ ކަމަށާއި، އެ ދެމަފިރިންގެ ހަށިގަނޑު ފޮނުވާލަން ހަރަދު ކުރީ ދިވެހި ސަރުކާރުން ކަމަށެވެ.

ފިލިޕީންސްގެ ނޫހަކަށް މަރުވި ދެމަފިރިންގެ އާއިލާއިން ބުނެފައިވަނީ އެ ދެމީހުން ކައިވެނިކޮށްފައިވަނީ ވަރަށް ގިނަ ދުވަހު ރަށްޓެހިވެގެން އުޅުމަށް ފަހު 18 ޑިސެމްބަރު 2018 ވަނަ ދުވަހު ކަމަށެވެ. ދެމަފިރިންނަކީވެސް ނަރުހުން ކަމަށް ފިރިހެން ކުއްޖާގެ އާއިލާއިން ބުންޏެވެ. އަދި އެ ދެމަފިރިން ރާއްޖެ އައީ މިިދިޔަ ބުދަ ދުވަހު ކަމަށްވެ އެވެ.

comment ކޮމެންޓް