އައްޑޫގެ ޓްރާންސްޕޯޓްގެ ހިދުމަތްތައް ކައުންސިލްގެ ދަށަށް ބަދަލުކޮށްފި

އައްޑޫގެ ޓްރާންސްޕޯޓްގެ ހިދުމަތްތައް ކައުންސިލްއިން އަލުން ދޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: އައްޑޫ ކައުންސިލް

އައްޑޫ ސިޓީގެ ޓްރާންސްޕޯޓްގެ ހިދުމަތްތައް އެ ސިޓީގެ ކައުންސިލްގެ ދަށަށް ބަދަލުކޮށްފިއެވެ.

މިއަދު ހެނދުނު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޚިދުމަތްތައް ފައްޓަވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލެވެ.

އެ ޚިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ އަލުން އެ ހިދުމަތްތައް ކައުންސިލުން ދޭން ފެށުމުން ކުރިއަށްވުރެ މާ ރަނގަޅަށް ޚިދުމަތް ދެވޭނެ ކަމަށެވެ.

މީގެ ކުރިން ވެސް އެ ހިދުމަތްތައް ދެމުން ގެންދިޔައީ ކައުންސިލްގެ ދަށުންނެވެ. ނަަމަވެސް ފަހުން އެ ހިދުމަތްތައް ފާއިތުވި ސަރުކާރުގައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދަށަށް ބަދަލުކޮށްފައެވެ.

"މީގެ ކުރިން އެ ހިދުމަތްތައް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން ގެންދިޔައިރު އެކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން،" ސޯދިގު ވިދާޅުވިއެވެ.

ސޯދިގު ވިދާޅުވީ ޓްރާންސްޕޯޓްގެ ހިދުމަތްތައް އަލުން ދޭނެ ފެށުމުން އެ ސިޓީގައި ވަކިން އިންނަ ހުޅުދޫ އަދި މީދުއަށް ވެސް ވަކިން ހިދުމަތް ދޭނެ ކަމަށެވެ.

ޓްރާންސްޕޯޓާ ގުޅޭ މަސައްކަތްތައް ކަމަށްވާ އެއްގަމު އުޅަނދު ރަޖިސްޓްރީކޮށް ލައިސަންސް ނެގުމާއި ސައިން ބޯޑުތައް ބެހެއްޓުމާއި ވެހިކަލްތަކަށް ފަސޭހައިން މަގުތައް ބޭނުން ކުރެވޭ ގޮތަށް މަގުތައް މަރާމާތު ކުރުމާއި ސްޕީޑް ބްރޭކަރުތައް ރަނގަޅު ކުރުމާއި ޕާކިން ޒޯންތައް ހެދުން ދެން ކުރިއަށް ދާނީ އައްޑޫ ސިޓީ ކައުންސިލުންނެވެ.

comment ކޮމެންޓް