ކާމިޔާބު ފަސް އަހަރަށް ފަހު ނިޒާމްބެ ޓީސީއަށް އަލްވަދާއުކިޔައިފި

މާޗް 7، 2017: ޝެއިޚް ކަމާލް އިންޓަނޭޝަނަލް ކްލަބު ކަޕް ޓީސީއިން ކާމިޔާބު ކުރުމާ ގުޅިގެން އެފްއޭމް ކުރިމަތީގައި އެ އިދާރާއިން އިންތިޒާމް ކޮށްގެން ބޭއްވި ހާއްސަ ހަފްލާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކާމިޔާބު ފަސް އަހަރަށް ފަހު މުޙައްމަދު ނިޒާމް (ނިޒާންބެ) ޓީސީގެ ކޯޗުކަމުން ވަކިވާން ނިންމައިފިއެވެ.

ޓީސީއާ ވަކިވާން އުޅޭކަން ނިޒާންބެ ވަނީ އޭނާގެ ފޭސްބުކް އަދި ޓުވިޓާ އެކައުންޓު މެދުވެރިކޮށް އާންމު ކޮށްފައެވެ. ވޭތުވެ ދިޔަ ފަސް އަހަރު ތެރޭގައި ޓީސީއާއެކު ބޮޑެތި ކާމިޔާބު ތަކެއް ހޯދުމަށް ފަހު ނިޒާންބެ އެ ކްބަލުގެ ކޯޗުކަން ދޫކޮށްލުމަކީ ގިނަ ބަޔަކަށް ސިހުން ލިބޭނެ ކަމެކެވެ.

01 އޯގަސްޓް 2018: ސަރުކާރުގެ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ގާއިމްކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވޭތުވެ ދިޔަ އަހަރުގެ ދިރާގު ދިވެހި ޕްރިމިއަރ ލީގު ޗެމްޕިއަން ޓީސީ ސްޕޯރޓްސް ކުލަބު ދޫކޮށްލަން ނިންމި ސަބަބެއް ކަމަށް ނިޒާމްބެ ބުނީ، އޭނާއާ ޓީސީއާ ދެމެދު ދެކެވުނެ ވާހަކަތަކުން، ޓީސީއާއެކު އިތުރަށް ކުރިއަށް ދިއުމަށް އެއްބަސް ނުވެވުމުން ކަމަށެވެ.

ނިޒާމްބެ ޓީސީގެ ކޯޗު ކަމާ ހަވާލު ވެފައި ވަނީ 2014 ވަނަ އަހަރުއެވެ. އޭގެ ފަހުން ވޭތުވެ ދިޔަ ފަސް އަހަރު ތެރޭ ނިޒާންބެގެ އިރުޝާދުގެ ދަށުން ޓީސީއިން ދިޔައީ ދިވެހި ފުޓްބޯޅައިގެ ޖައްވުގައި ނުހަނު ބާރަށް އުދުހެމުންނެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އެންމެންގެ ލޯތްބާއި އިތުބާރު ހޯދާފައިވާ ނިޒާމްބެއަކީ ދިވެހި މުޅި ފުޓުބޯޅައިގެ ވެސް ލާމަސީލު ޝަހުސިއްޔަތެކެވެ.

ފަސް އަހަރު ތެރޭގައި ޓީސީން ހޯދި ގިނަ ކާމިޔާބީ ތަކުގެ މޭސްތިރިޔާ އެޓީމާ ވަކިވެގެން ދިއުމަކީ ޓީމުގެ ސަޕޯޓަރުންނަށް ވަރަށް ބޮޑު ސިހުމެއް ލިބިގެން ދިޔަ ކަމެކެވެ. ސަބަބަކީ ނިޒާމްބެ ޓީސީއަށް ކޮށްދިން ހިދުމަތް ތަކަކީ އެ ޓީމުގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ އަގުހުރި ޚިދުމަތްތަކަކަށް ވާތީއެވެ.

ނިޒާމްބެާ މާލޭ ލީގުގެ ޗެމްޕިއަން ޝީލްޑް ހިފައިގެން -- ނިޒާމްބެ ފޭސްބުކް ޕްރޮފައިލް

ޓީސީއާ އެކު ނިޒާމްބެ ހޭދަކުރި މުއްދަލުގައި އޭނާއަކީ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކޯޗުކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެގޮތުން ރާއްޖޭގައި ބޭއްވޭ ބޮޑެތި މުބާރާތްތަކާއި ސަރަހައްދީ ފެންވަރުގެ މުބާރާތްތަކުގައި ނިޒާމްބެ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށްލެވެއެވެ.

ނިޒާމްބެ ޓީސީއާ ހަވާލުވީ ދެވަނަ ޑީވިޜަންގައި އެޓީމު އޮތްއިރުއެވެ. އޭރު ޓީސީއަކީ ދިވެހި ފުޓްބޯޅައަށް މުޅިން އާ ނަމެކެވެ. ނަމަވެސް ފަސް އަހަރު ތެރޭ މާލޭ ލީގުގެ ރަނަރަޕްކަން ހަތަރު ފަހަރު ހޯދައި ވޭތުވެ ދިޔަ އަހަރުގެ ޗެމްޕިއަންކަން ހޯދުމުން އެކަން ވަނީ މުޅިން ބަދަލުވެގެން ގޮސްފައެވެ.

ގައުމީ ފެންވަރުގެ މުބާރާތްތަކުން ހޯދި މި ކާމިޔާބު ތަކުގެ އިތުރުން ބަންގްލަދޭޝްގައި ބޭއްވުނު ޝެއިޙް ކަމާލް ކަޕުގެ ޗެމްޕިއަންކަން ހޯދުމުން ނިޒާމްބެ އަދި ޓީސީއަށް ވެސް ވަނީ ދިވެހި ފުޓްބޯޅައިގެ ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފައެވެ. މިވަގުތު ޓީސީ ސްޕޯރޓްސް އޭ ބުނުމުން ރާއްޖޭގެ ގިނަ ބަޔަކަށް އެ ޓީމުގެ ފެންވަރު އެނގޭނެއެވެ.

ދިވެހި ފުޓްބޯޅަޔަށް ފާހަގަ ކޮށްލެވޭ ގިނަ ކުޅުންތެރިން ތަކެއް އުފައްދައި ނެރެދީފައިވާ ނިޒާމްބެއަކީ ކޯޗުކަމުގައި ކުރިއަރަމުން އަންނަ އެހެން ކޯޗުންނަށްވެސް ހުރި ނަމޫނާއެކެވެ. ނިޒާމްބެ ދިވެހި ފުޓްބޯޅަ، ހާއްސަ ގޮތެއްގައި ޓީސީ ސްޕޯރޓްސް ކުލަބަށް ކޮށްދީފައި ވާ މަސައްކަތްތަކަކީ ފުޓުބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކު ބަލައި ގަންނަ މަސައްކަތް ތަކެކެވެ.

ނިޒާމްބެ އަހަރުގެ މޮޅު ކޯޗު ކަމުގެ އިނާމް ހިފައިގެން -- ނިޒާމްބެ ފޭސްބުކް ޕްރޮފައިލް

"ފަސް އަހަރުގެ ކާމިޔާބު ދުވަސް ތަކަކަށް ފަހު ޓީސީ ސްޕޯޓްސް ކުލަބު ދޫކޮށްލަން އަހަރެން ގަސްތު ކޮށްފިން. ކުލަބުގެ އުންމީދުތަށް ހަގީގަތަކަށް ހަދައިދެވިއްޖެ ކަމަށް އަހަރެން ގަބޫލު ކުރާ ހާލު ޓީމުގެ މެނޭޖުމެންޓާއި ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުން ހިންހަމަޖެހޭފަދަ މަސައްކަތެއް ކުރެވުން ކަމަށް ހީކުރަން،" ނިޒާމްބެ އޭނާގެ ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

"އަހަރެން އެދެނީ ކުލަބުގެ އޮފިޝަލުންނާއި ކުޅުންތެރިން އަދި ސަޕޯޓަރުންނަށް އުފާ ފާގަތި ދުވަސްތަކެއް މިނވަރު ކޮށްދިނުމަށް."

comment ކޮމެންޓް