ޗައިނާއިން ހަނދަށް ފޮނުވި އުޅަނދުގައި ހުރި އޮށުން ގަސް ފަޅައިފި

ޗައިނާއިން ވަނީ އެ ގައުމުގެ ޖައްވީ އުޅަނދުން ހަނދަށް ގެންދިޔަ އޮށުން ގަސް ފަޅާފައިވާ ކަމަށް ބުނެފައި -- ފޮޓޯ: ޗޮންގްކިންގް ޔުނިވާސިޓީ

ބެއިޖިން (ޖެނުއަރީ 15): ޗައިނާގެ ޖައްވީ އުޅަނދަކުން ހަނދަށް ގެންދިޔަ އޮށުން ގަސް ފަޅައިފި ކަމަށް އެ ގައުމުގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން (އެންއެސްއޭ)އިން ބުނެފި އެވެ.

ހަނދުގެ ދުނިޔެއަށް ނުފެންނަ ފަޅިއަށް ޗައިނާއިން ފޮނުވި ޗަންގްއާ 4 ހަނދުގައި ޖެއްސީ މިމަހުގެ ތިނެއްގަ އެވެ. އެއުޅަނދުން ގެންދިޔަ ކާގޯގެ ތެރޭގައި ވައި ބޭރު ނުވާ ގޮތަށް ހަދާފައިވާ ކޮންޓެއިނާއެއްގައި ތަފާތު ވައްތަރުގެ އޮށް އިންދާފައި ހުރި ފަސް ހިމެނެ އެވެ.

ހަނދުގައި ކުރިއަށްދާ ތަހުލީލުގައި އިސްކޮށް ހުންނަވާ ޕްރޮފެސާ ލިއު ހަންލޮންގް ވިދާޅުވި ގޮތުގައި ހަނދަށް ގެންދިޔައީ ކަފަ، ރޭޕްސީޑް އަދި އަލުވި އޮށުގެ އިތުރުން ފުރުޓް ފްލައިގެ ބިހެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ފެޅީ ކަފަ ގަސް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިވިސްނަނީ މުސްތަގުބަލުގައި ޖައްވުގައި ދިރިއުޅެވޭނެ ގޮތްތަކާ ބެހޭ ގޮތުން. [ހަނދުގެ] ގްރެވިޓީ ދަށް މާހައުލުގައި އެގަސްތައް ހެދޭ ގޮތް ދިރާސާ ކުރުމުން މުސްތަގުބަލުގައި އަޅުގަނޑުމެންގެ ޖައްވީ މަރުކަޒެއް ބިނާ ކުރުމަށް މަގު ފަހި ވާނެ،" ޕްރޮފެސާ ލިއު ވިދާޅުވި އެވެ.

ޕްރޮފެސާ ލިއު ވަނީ ކުރިއަށް އޮތް ތަނުގައި ޖައްވީ ދިރާސާތައް ކުރާ އިރު، އެފަދަ މިޝަންތަކުގައި މިގޮތަށް ގަސްތައް އިންދިދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެގަސްތަކުން ލިބޭ އަލުވި ކެއުމަށް އަދި ކަފަ އަންނައުނަށް ބޭނުންކޮށް، ރޭޕްސީޑުން ތެޔޮ ހެދޭނެ ކަމަށް ވިދާޅުވެފަ އެވެ.

ޗައިނާގެ ވެރިކަން ކުރާ ޕާޓީއާ ގުޅުން ހުރި ޕީޕަލްސް ޑެއިލީ ނޫހުން ވެސް ވަނީ އެކާމިޔާބީ ފާހަގަކޮށް، އެގައުމުން "ހަނދުގައި ފުރަތަމަ ފަހަރަށް ބައޮލޮޖިކަލް އެކްސްޕެރިމެންޓެއް" ކުރިއަށް ގެންގޮސްފައިވާ ކަމަށް ޓުވީޓުކޮށްފަ އެވެ.

comment ކޮމެންޓް