ކިޑްނެޕް ކުރި މީހާގެ އަތްދަށުގައި ހޭދަ ކުރި 88 ދުވަހާއި ސަލާމަތްވި ގޮތް!

ޖޭމީ (ވ) ކިޑްނެޕް ކުރި ޖޭކް ތޯމަސް ޕެޓާސަން އަދި ޖޭމީ --

ބެރޮން (ޖެނުއަރީ 15): މިދިޔަ އޮކްޓޯބަރު މަހު އެމެރިކާގެ ވިސްކޮންސިންގައި ކިޑްނެޕް ކުރި 13 އަހަރުގެ ޖޭމީ ކްލޮސް، ކިޑްނެޕް ކުރި މީހާގެ އަތްދަށުގައި ހޭދަ ކުރި 88 ދުވަހާއި ސަލާމަތްވި ގޮތުގެ ވާހަކަ ފުލުހުންނަށް ކިޔާ ދީފި އެވެ.

ޖޭމީ ކިޑްނެޕް ކުރި ޖޭކް ތޯމަސް ޕެޓާސަންއާ މައްޗަށް ކޯޓުން ވަނީ ދެ މީހަކު މެރުމާއި ކިޑްނެޕް ކުރުމާއި ވައްކަން ކުރުމުގެ ދައުވާކޮށްފަ އެވެ. އަދި އެމައްސަލައާ ގުޅިގެން ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ވަނީ އެ ހާދިސާ ހިނގި ގޮތް ޖޭމީ އާއި ޕެޓާސަން ކިޔާ ދިން ގޮތް ހިމަނާފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކާ ވާހަކަ ދައްކަމުން ޕެޓާސަން ބުނި ގޮތުގައި އޭނާއަށް ފުރަތަމަ ޖޭމީ ފެނުނީ ސްކޫލު ބަހަށް އަރަނިކޮށެވެ. އަދި އެކުއްޖާ ކިޑްނެޕް ކުރަން އޭނާ ނިންމީ އެހާހިސާބުންނެވެ.

އުމުރުން 13 އަހަރުގެ ޖޭމީ ކްލޮސް ފެނިފައި ވަނީ ގެއްލުނުތާ 18 ދުވަސް ފަހުން -- ފޮޓޯ: އެފްބީއައި

ޕެޓާސަން ބުނި ގޮތުގައި އޭނާ ވަނީ ޖޭމީ ކިޑްނެޕް ކުރުމުގެ ބޭނުމުގައި އެ ކުއްޖާ ދިރިއުޅޭ ގެ ކައިރިއަށް ދެ ފަހަރަކު ގޮސްފަ އެވެ. ނަމަވެސް އެގޭގައި މާގިނަ މީހުން ތިބުމުން އެދެ ފަހަރު އޭނާ އަނބުރާ ދިޔައީ އެވެ. އަދި އޭގެ ފަހުން އޭނާ ކްލޮސް އާއިލާ ދިރިއުޅޭ ގެޔަށް ދިޔައީ އޮކްޓޯބަރު 15ގަ އެވެ.

ޖޭމީ ބުނި ގޮތުގައި އެރޭ އޭނާއަށް ހޭލެވުނީ ގެކައިރީގައި ކާރެއް އޮތްވަ އެވެ. އަދި ގޭގެ ދޮރު ކައިރިއަށް ބަޑިއެއް ހިފައިގެން ހުރި މީހަކު އައުމުން، އެއީ ކާކުތޯ ބަލަން ޖޭމީގެ ބައްޕަ ދިޔަ އެވެ. އޭރު ޖޭމީ އާއި އޭނާގެ މަންމަ ތިބީ ފާހާނާ ތެރޭ ފިލަ އެވެ. ދެން އިވުނީ ދޮރު ކައިރީ ހުރި މީހާ ބަޑި ޖެހި އަޑެވެ. އަދި އެވަގުތު ޖޭމީގެ ބައްޕަ މަރާލިކަން އެނގުނު ކަމަށް އެކުއްޖާ ބުންޏެވެ.

ޖޭމީ ކިޔާ ދިން ގޮތުގައި، ބަޑި ޖެހި އަޑު އިވުމުން އެކުއްޖާގެ މަންމަ ފުލުހުންނަށް ގުޅަން މަސައްކަތްކުރި އެވެ. ނަމަވެސް އެވަގުތު ބަޑި ހިފައިގެން ހުރި ޕެޓާސަން ފާހާނާއަށް ވަދެ، ފޯނު ބޭއްވުމަށް އެންގި އެވެ. އަދި ޖޭމީގެ މަންމަ ލައްވާ އޭނާގެ އަނގާގައި ޓޭޕު އެޅުވުމަށް ފަހު، މަންމަގެ ގަޔަށް ބަޑި ޖަހާ މެރި ކަމަށް ޖޭމީ ބުންނެވެ.

ޖޭމީ ކްލޮސް ކިޑްނެޕް ކުރި ޖޭކް ތޯމަސް ޕެޓާސަން -- ފޮޓޯ: އެންވައިޓައިމްސް

އެއަށް ފަހު ޕެޓާސަން، ޖޭމީގެ ދެ އަތާއި ދެ ފައި ބަނދެގެން ގޮސް އޭނާގެ ކާރަށް އެރުވި އެވެ.

ޖޭމީ ބުނި ގޮތުގައި ޕެޓާސަން އޭނާ ގެންދިޔައީ އޭނާގެ ގެޔަށެވެ. އަދި ބައެއް ފަހަރު ޕެޓާސަންގެ އެކުވެރިން އެގެޔަށް ދާ ކަމަށާއި އެފަދަ ވަގުތުތަކުގައި، ޕެޓާސަންގެ އެނދު ދަށުގައި ޖޭމީ ފިލަން މަޖުބޫރު ކުރުވާ ކަމަށް ޖޭމީ ބުންޏެވެ.

"އެނދު ދަށުގައި (ޖޭމީ) ފިލަން މަޖުބޫރު ކުރުވި އިރު، ޖޭމީއަށް ނުނިކުމެވޭ ގޮތަށް، އެނދުގެ ވަށައިގެން ބަރުކޮށްފައިވާ ފޮށިތަކާއި ވަށިގަނޑުތައް ބެހެއްޓި،" ޖޭމީ ބުނި ކަމަށް ކޯޓަށް ހުށަހެޅި ލިޔުމުގައިވެ އެވެ.

ޕެޓާސަން ބުނި ގޮތުގައި ޖޭމީ ވަނީ ދެފަހަރަކު އެގެއިން ފިލަން މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން ޖޭމީ ބިރު ގަންނަވަން ހަޅޭއްލަވާ ފާރުގައި ތެޅި ކަމަށް ވެސް އޭނާ ބުންޏެވެ.

އަދި ކްރިސްމަސް ޗުއްޓީ ތެރޭ ޕެޓާސަން އެ ގެ ދޫކޮށް ދިޔަ ކަމަށާއި އޭގެ ސަބަބުން 12 ގަޑި އިރުވަންދެން ފާހާނާ އަށް ނުގޮސް، އެނދު ދަށުގައި ޖޭމީއަށް އޮންނަން ޖެހުނު ކަމަށް ލިޔުންތަކުގައިވެ އެވެ.

އޭގެ ފަހުން ޖޭމީއަށް ސަލާމަތްވެވުނީ މިދިޔަ ބުރާސްފަތި ދުވަހު ޕެޓާސަން އަނެއްކާ ވެސް ގެއިން ބޭރަށް ދިޔުމުންނެވެ. ޖޭމީ ފިލީ އެނދު ކައިރީގައި ހުރި ފޮށިތައް އެއް ފަރާތްކޮށް، ޕެޓާސަންގެ ބޫޓަށް އަރައިގެންނެވެ.

އަދި ޖޭމީ އެގެއިން ނުކުމެގެން ދަނިކޮށް ޕެޓާސަން ހުންނަ ގެއާ ކައިރިން ހިނގާފައި ދިޔަ މީހަކަށް އެކުއްޖާ ފެނިގެން ކުއްޖާ ސަލާމަތް ކުރީ އެވެ.

ޕެޓާސަން ބުނި ގޮތުގައި އެ ދުވަހު އޭނާ ގެއިން ބޭރަށް ދިޔައީ ގާތްގަނޑަކަށް ފަހެއް ނުވަތަ ހަ ގަޑި އިރަށެވެ. އަދި ފުލުހުން އޭނާ ހައްޔަރު ކުރީ ޖޭމީ ހޯދުމަށް ނުކުމެގެން އުޅެނިކޮށެވެ.

އެ މައްސަލަ ބަލަމުންދާ ކޯޓުން ނިންމި ގޮތުގައި ޕެޓާސަން ކަފާލާތުގެ ދަށުން ދޫކޮށްލެވޭނީ ފަސް މިލިއަން ޑޮލަރު ދެއްކުމުންނެވެ. އަދި ދެން އޭނާ ކޯޓަށް ހާޒިރު ކުރާނީ އަންނަ މަހުގެ ހަޔެއްގަ އެވެ. --

ސީއެންއެން

ގުޅޭ ޓެގު
comment ކޮމެންޓް