މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މި އަހަރު ފަށާނަން: އެމްޕީއެލް

އެމްޕިއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން--- ސަން ފޮޓޯ/ އަހުމަދު އަވްޝަން

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް މި އަހަރުތެރޭ ފަށާނެ ކަމަށް އެމްޕީއެލްއިން ބުނެފި އެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ސީސީއޯ ޝާހިދު އަލީ ވިދާޅުވީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރެވޭނީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވިގެން ކަމަށެވެ.

"ތިލަފުށިން އެކަށީގެންވާ ޖާގަ ލިބޭނެ. ބަނދަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެ،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވިޔަފާރި ބަނދަރަަށް ގެންނަ މުދާ އިތުރުވަމުން އަންނަ ދަނޑިވަޅުގައި މި މައްސަލަ ހައްލުވެގެން ދިޔުމަކީ ލިބޭނެ ލުއި ފަސޭހައެއް ކަމަށެވެ.

ޖާގައިގެ ދަތި ކަމުގެ ސަބަބުން މުދާ ބާލަން ގިނަ ވަގުތުތަކެއް ދާ ކަމަށާއި މާލޭ ބަނދަރަށް ވުރެ ތިން ހަތަރު ގުނަ ބޮޑު ޖާގައެއް ބޭނުންވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މާލޭ ވިޔަފާރި ބަނދަރު --

"ބަނދަރުގައި އަބަދު ވެސް އޮވޭ ތިން ބޯޓު. އެއްފަހަރާ ހިދުމަތް ދެވެނީ ދެ ބޯޓަށް. ހިދުމަތްދޭ އިރު އިސްކަންދެން ހަލާކުވާ ޒާތުގެ މުދާތަކަށް،"

ޝާހިދު އިތުރަށް ވިދާޅުވީ ތިލަފުށްޓަށް ބަނދަރު ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށާ އިރު ކުރިއަށް އޮތް ތިން އަހަރު ތެރޭ އެ ބަނދަރު ބޭނުންކުރެވެން ފަށާނެ ކަމަށެވެ.

ބަނދަރުގައި ބޭނުން ކުރާ ވަސީލަތްތަކުގެ ސްޕެއާޕާޓްސް ހޯދައި އެ ތަކެތި ބޭނުން ކުރެވޭ ފެންވަރަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ބޮޑު ފަސް އިކުއިޕްމަންޓް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްކުރަމުން މިދަނީ."

comment ކޮމެންޓް