ބެއިޖިން (ޖެނުއަރީ 15): ޗައިނާގައި މަސްތުވާތަކެތި ގެންގުޅުނު މައްސަލައެއްގައި އެގައުމުން ކެނެޑާގެ މީހަކު މަރަން ހުކުމްކޮށްފި އެވެ.
ޗައިނާއިން ރޮބަޓް ލޯއިޑް ޝެލެންބާގް ފުރަތަމަ ހައްޔަރު ކުރީ 2014 ވަނަ އަހަރު، ޗައިނާއިން އޮސްޓްރޭލިއާއަށް 227 ކިލޯގެ މަސްތުވާތަކެތި ގެންދަން ރޭވި ކަމުގެ ތުހުމަތުގަ އެވެ.
އެމައްސަލައިގައި މިދިޔަ އަހަރު ޝެލެންބާގްގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމެއްކޮށްފަ އެވެ. އަދި އޭނާ މަރަން އިއްޔެ ކޯޓުން ހުކުމް ކުރީ އެމައްސަލަ އިސްތިއުނާފު ކުރުމުންނެވެ.
ޝެލެންބާގް ވަނީ އޭނާގެ މައްޗަށްކޮށްފައިވާ ދައުވާ ދޮގުކޮށްފަ އެވެ. އަދި އެމައްސަލަ އިސްތިއުނާފު ކުރަން އޭނާއަށް 10 ދުވަސް ލިބޭނެ އެވެ.
ޗައިނާއިން ޝެލެންބާގް މަރަން ހުކުމް ކުރީ ކެނެޑާއިން ވާވޭގެ ސީއެފްއޯ މެންގް ވަންޖޯ މިދިޔަ މަހު ހައްޔަރު ކުރި މައްސަލައިގައި ދެގައުމުގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.
މެންގް ހައްޔަރު ކުރި ފަހުން ޗައިނާއިން ވަނީ ކެނެޑާގެ ދެ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެދެ މީހުންގެ މައްސަލައާ މެންގް ހައްޔަރު ކުރުމާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ.
މެންގް ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ކެނެޑާއިން އޭނާ ދޫކޮށްލީ އިލެކްޓްރޯނިކް ޓެގު އަޅުވައި، ޕާސްޕޯޓު ހަވާލު ކުރުމަށް އަމުރުކޮށްފަ އެވެ.
ކެނެޑާއިން މެންގް ހައްޔަރު ކުރީ އެމެރިކާގެ އެދުމުގެ މަތިންނެވެ. އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ ވާވޭއިން އީރާނާއެކު ވިޔަފާރި ކުރުމާ ބެހޭ ގޮތުން ބޭންކުތަކަށް އޮޅުވާލާފަ އެވެ. އަދި އެއީ އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވާ ކަމެކެވެ.