މިސް ވޯލްޑް މަނޫޝީ ބޮލީވުޑަށް!

މަނޫޝީ ޗިއްލަރު---

އެންމެ ފަހުން ދުނިޔޭގެ ރީތީގެ ރާނީއަކަށް ހޮވުނު މަނޫޝީ ޗިއްލަރު ބޮލީވުޑް އަށް ގުޅެން އުޅޭ ކަމުގެ ހަބަރު ފެތުރެން ފަށައިފިއެވެ.

ޑައިރެކްޓަރު/ޕްރޮޑިއުސަރު ފަރާ ޚާން އުފައްދާ ފިލްމަށް މަނޫޝީއަށް ފުރުސަތު ލިބިފައިވާއިރު އެ ހުށަހެޅުން މަނޫޝީ ގަބޫލުކުރިކަމެއް އެނގިފައެއް ނުވެއެވެ.

ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ކުރަމުންއަންނައިރު އެ ފިލްމު ރަސްމީ ސިފައެއްގައި އިއުލާންކުރާނީ ސްކްރިޕްޓް ލިޔެ ނިންމުމަށްފަހު ކަމަށް ހަބަރުތައް ބުނެއެވެ.

މަނޫޝީ ވަނީ ބޮލީވުޑްގެ ބައެއް ތަރިންނާއެކު އިޝްތިހާރުކުޅެފައެވެ.

ބޮލީވުޑާ ގުޅުމުގެ ވިސްނުން ހުރިކަމަށް މަނޫޝީ ވަނީ މީގެ ކުރިން ބުނެފައެވެ. މަނޫޝީ ކުރިން ދިން އިންޓަވިއުއެއްގައި ބުނީ އަދި ފިލްމެއްގެ ހުށަހެޅުން ލިބިފައި ނުވި ނަމަވެސް، އެފަދަ ފުރުސަތަކަށް އޭނާ އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

މަނޫޝީ އަކީ މިސް ވޯލްޑް ހޯދި އިންޑިއާގެ ހަ ވަނަ ރީތީގެ ރާނީ އެވެ. އަދި މަނޫޝީ އަކީ 2000 ވަނަ އަހަރުގެ ފަހުން މިސް ވޯލްޑް ލިބުނު ފުރަތަމަ އިންޑިއާގެ ރީތީގެ ރާނީ އެވެ. ދެހާސް ވަނަ އަހަރު މިސް ވޯލްޑް ލިބުނީ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަށެވެ.

comment ކޮމެންޓް