ޑޮކްޓަރުކަން ކިޔަވަން ހަދާ ޕްރީ މެޑިސިންގެ ކޯސްތައް ރާއްޖެއިން ގަބޫކުރުން ހުއްޓާލައިފި

ނޭޕާލަށް ކިޔަވަން ފުރި ޑޮކްޓަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފައިލް ފޮޓޯ: ހެލްތު މިނިސްޓްރީ

ޑޮކްޓަރުކަން ނުވަތަ އެމްބީބީއެސް ކޯސްތައް ހެދުމުގެ ކުރިން ހަދަމުންދާ ޕްރީ މެޑިސިންގެ އެކި ކޯސްތައް ގަބޫލުނުކުރާ ގޮތަށް މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ނިންމައިފި އެވެ.

އެމްބީބީއެސްގެ ކޯސްތަކުން އާންމުކޮށް ޖާގަލިބެނީ އޭ ލެވެލްގެ ބައެއް މާއްދާތަކުން މަތިން ފާސްވެފައިވާ ނަމަ އެވެ. ނަމަވެސް ބައެއް ކޮލެޖުތަކުން އޭ ލެވެލްގެ ބަދަލުގައި އެއް އަހަރު ދުވަހުން ފުރިހަމަކުރާ ޕްރީ މެޑިސިންގެ ކޯސްތައް ފުރިހަމަކޮށް ފާސްވެެއްޖެ ނަމަވެސް ޖާގަ ދީ ހަދަ އެވެ.

މެޑިކަލް ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕްރީމެޑިސިންގެ ކޯސްތައް، ބައެއް ގައުމުތަކުގައި ފަރުމާކުރެވިފައިވާ ގޮތުން ދަރިވަރުންގެ ތައުލީމީ ފެންވަރު ދަށްވަމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ ޕްރޮގްރާމްތަކުގެ ނަމުގައި ހަ މަސް ދުވަހުގެ ޕްރޮގްރާމްތައް ވެސް ހިންގާކަން ފާހަގަކުރެވޭ ކަމަށް އެ ކައުންސިލުން ބުންޏެވެ.

އެ ކައުންސިލުން ބުނީ ދިވެހި ދަރިވަރުންނަށް އަމާޒުކޮށް ބައެއް ގައުމުތަކުން އެފަދަ ކޯސްތައް ހިންގާތައް ފެންނަމުންދާ ކަމަށާއި އަދި އޭގެ ސަބަބުން ބައެއް ދަރިވަރުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ގެއްލުންވަމުންދާ ކަމަށެވެ.

"ޖީސީއީ އޭލެވެލްގެ ބަދަލުގައި، 1 އަހަރު ދުވަހުގެ ޕްރީ މެޑިސިންގް ޕްރޮގްރާމެއް ނިންމި ކަމުގައި ވިޔަސް، ދުނިޔޭގެ މަޝްހޫރު ގިނަ ޔުނިވާރސިޓީ ތަކުން، MBBS އަދި BDS އަށް ވަނުމަށް ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަ ނުވާކަން ވެސް ފާހަގަކުރަމެވެ." ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އެ ގަވައިދަށް އަމަލުކުރަން ފެށި ނަމަވެސް، ކައުންސިލްއިން ބުނީ މިއަހަރުގެ ކުރިން މި އަހަރުގެ ޖެނުއަރީ 14 އިގެ ކުރިން އެ ކޯސްތައް ހެދުމަށް ފައިސާ ދެއްކި ފަރާތްތަކާއި އެ މުއްދަތުގެ ކުރިން ކިޔެވުން ފެށި ދަރިވަރުން އިސްތިސްނާވާނެ ކަމަށެވެ.

comment ކޮމެންޓް