"އޯޓަމް ބްލޭޒް"ގޭގެ މައިދޮރު ހުޅުވާލާފައި އަމްރާން ގޭތެރެއަށް ވަނުމާއިއެކު ފޯނު ކޯލެއް އައިސްގެން ހެޑްސެޓް އަޅާލުމަށްފަހު އިށީދެލީ ކައުޗްގައެވެ. ސިޓިންރޫމްގެ ތަޅުންމަތީގައިވާ މާބްލްގެ އޮފްގަދަކަމުން މޫނުވެސް ފެންނަފަދައެވެ. އެހާ ވިދައެވެ. ފްރެންޗް ސްޓައިލަށްވާ ކުޑަދޮރުތަކުގައި ދަމާފައިވާ ރަންކުލައިގެ ފަރުދާތަކުގެ ތިރީ ބައި ހުދު މާބްލްތަކާއި މައްލަވަކޮށްލާއިރު ލޯތަކަށް އަރާމުވާހާ ފުރިހަމައެވެ. ފާރުގައި ވާ ކުރެހުންތަކާއިއެކު ލެދާ ފަރުނީޗަރު ސެޓު އަދި ޗާންދަލިޔާތަކައި ބިތުގައި ހަރުކޮށްފައިވާ ޑިޒައިނާ ބޮކިތައްވެސް ތަނުގެ ހައިބަވަންތަކަން އެތައް ގުނަ އިތުރުކޮށްދެއެވެ. އޭސީގެ ފިނިކަމާއިއެކު ހިތްފުރޭފަދަ ލުއިވަހެއް ތަނުގައި ހިފާލާފައިވިއެވެ.

ފޯނަށް ގެއްލިފައި އިންދާ ފަހަތުން އައިސް ކޮންމެވެސް މީހަކު މަޑުމަޑުން ބައްދާލައިފިއެވެ. ފިނި އޮމާން އަތްތިލައިގެ ބީހިލުމުން އަމްރާންއަށް ވަގުތުން ކާކުކަން އެނގި އެދެއަތްތިލައިގާ ހިފަހައްޓާލާފައި ބޮސްދިނެވެ. ކުޑައިރު އޭނަގެ ބޮލުގައި ރިއްސާލިޔަސް އެ އަތުގެ އެންމެ ބީހިލުމަކުން ޝިފާ ލިބޭ އޭނަގެ މާމަގެ "ހީލިން" އަތެވެ. އެއަތް ޖައްސާލާއިރަށް ލިބޭ އަރާމަކުން ދެލޯ މަރައިލެވެއެވެ. އޭނައަށް ތަންދޮރު ވަކިވާން ފެށީއްސުރެ މާމަގެ އަތަށް އޭނަ ދިން ނަމަކީ އެއީއެވެ.

"މާމާ..." އަމްރާން ހުރިހާ ކަމެއް ހުއްޓާލާފައި ތެދުވެ މާމަގެ ގައިގާ ބައްދައިލީ އިހުތިރާމް އަދި ލޯބި އެކުލެވޭފަދަ ގޮތަކަށެވެ. ބޮޑުދައިތަމެންނާއިއެކު ދިރިއުޅުނަސް ދޭތެރެއިން ފިރިހެންދަރިފުޅަށް ޒިޔާރަތްކޮށްލާ ހެދުމަކީ މާމަގެ އުފަލެކެވެ.

"މާމަގެ ނާއިބު ރައީސްއަށް މަރުހަބާ. ހަޔާތުގައިވެސް މާމައަށް ލިބުނު އެންމެ ބޮޑު އުފާ. މާމަގެ ދަރިއަކު ރާއްޖޭގެ ވެރިކަމުގެ ހުންނަތަން ދެކޭހިތުން ލޯ ބޭގަރާރު ވި ދުވަހެއް އައި......" މާމަ އަމްރާންގެ އިސްތަށިގަނޑާއި ބުރަކަށީގައި ފިރުމަ ފިރުމާފައި ވާހަކަދެއްކިއިރު އެލޮލުގައި ވިދަވިދާ ހުރި ކަރުނައިގެ ތިކިތަކަކީ އުފަލުގެ ކަރުނައެވެ. އަމްރާން ނާއިބު ރައީސަކަށް ވުމުގެ އުފަލުގައި މާމައަށް ރޮވުނީއެވެ. މާމައާއި ވާހަކަދައްކާލަން އަމްރާން ސޯފާގައި ޖައްސާލުމާއިއެކު މާމަ ފެށި ވާހަކައަކުން ތޮބީއަތު ގޯސްވާގޮތް ވިނަމަވެސް އޭނަ އެކަމެއް މޫނުމަތިން ނުދައްކައެވެ. މާމަ އެދުނީ އަވަހަށް ކައިވެންޏެއް ކުރުމަށެވެ. ދިރިއުޅުމުގެ ހުންގާނުގައި ހަވާލުވާން ވަފާތެރި ގެވެހި އަންބެއް ހުންނަން ޖެހޭނެކަމުގައެވެ. މާމައާއި ބައްދަލުވާ ކޮންމެ ފަހަރަކު ކައިވެނި ކުރަން ބާރު އަޅައެވެ. މިފަހަރުވެސް މާމަގެ ހޮވުމަށް ވީ މުއްސަދި އާއިލާތަކުގެ ސްޓައިލިޝް އަންހެންކުދިންނެވެ. އެކިކުދިންގެ ނަންތައް ކިޔާފައި އަމްރާންއަށް ކަމުދާ އަންހެންކުއްޖަކު ހުރިތޯ އެހިއެވެ. އަމްރާން ހީލަ ހީލާ އިނަސް ހިތުތެރޭގައި އެކަމަށް އެއްވެސް ޝައުގެއް ނެތެވެ. އަންހެނުންނަށް އިތުބާރުކުރެވޭނީ ކިހިނެއް ހެއްޔެވެ. މާޒީގެ ހިތި ހަނދާންތައް އަދިވެސް އަމްރާންގެ ހިތަކުން ނުފިލައެވެ. މާގިނަ އިރުތަކެއް ނުވަނީސް އޭނަގެ ބައްޕަ އަބުދުލްއަޒީޒު ނިކުންނެވިއެވެ. އަމްރާން ބައްޕައަށް އިހުތިރާމް އަދާ ކުރުމުގެ ގޮތުން ތެދުވުނެވެ. ދަރިފުޅު ގެނެސް މޭގައި ޖައްސަވައިލެއްވީ ފިސާރި ޖޯޝާއިއެކުގައެވެ. އަބުދުލްއަޒީޒު ގެ ފުރާނަފަދަ ލޯބިވާ ދަރިފުޅަށްޓަކާ މާލާއި ޖާނުންވެސް ގުރުބާންވާން އޭނަ ހުންނަވަނީ ތައްޔާރަށެވެ. އޭނަގެ ހުރިހާވެސް އުފަލަކީ މި ފިރިހެންދަރިފުޅެވެ. އަމްރާން ދުނިޔެއަށް ނޭވާލީ ފުރަތަމަ ދުވަހު އެ ތުއްތު ދަރިފުޅު ފެނުމާއެކު އަބުދުލްއަޒީޒު އެކުއްޖާދެކެ މޮޔަވާހާ ލޯބިވިއެވެ. އެޖެހުނު ވަރުގަދަ ލޯތްބަކީ އެހެން ބައްޕައަކު ދަރިއަކުވާފަދަ ލޯތްބަށްވުރެ މަތިވެރި ލޯތްބެކެވެ. ލޮލުގެ ކުރިމަތިން އެންމެ ފަހަރަކުވެސް ދުރަށްދާން ނޭދޭ ދެލޮލުގެ ނޫރެވެ.

"މަރުހަބާ އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން......."

"ތެންކިއު ޑޭޑް ޑޭޑްގެ ބްލެސިންއާއިއެކު މިފަދަ ނަސީބެއް ލިބުނީ..........." އަމްރާން ހީލުމުން ހުދުހުދު ދަތްތައް ވިދައިލިފަދައެވެ.

މެންދުރަށް ކާން ތައްޔާރުކޮށްފައިވާ އިރު ސުފުރާމަތީގައި އަމްރާން ހިތް އެދޭ ބާވަތުގެ ހުރިހާ އެއްޗެއް ހުއްޓެވެ. ޚާއްސަކޮށް ގްރިލްޑް ކުކުޅު އަދި ފިހުނު މަހާއި ރޮށްޓާއި ބިރިޔާނިއެވެ. ޕާސްތާއާއި ބީފްއެވެ. ސެލެޑްތަކެވެ. ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ކޮންމެވެސް ވަރަކަށް ސިޔާސީ ވާހަކަތަކާއި އާއިލީ ވާހަކަތައް ދެކެވުނެވެ. އެވާހަކަތަކުގައި ތިއްބާ ފޯނު ކޯލެއް އައުމުން އަބުދުލްއަޒީޒު ފޯނުނަގާފައި މޫނުމައްޗަށް ވެރިވި ނުތަވަސްކަމުން ބޮޑުކަމެއް ވެއްޖެކަން އަމްރާން ދެނެގަތެވެ. ފޯނު ނިންމުމަށްފަހު އަބުދުލްއަޒީޒު ތެދުވެންނެވިއެވެ.

"ހަމްދާންގެ ދެމަފިރިންވެސް ހުވާކުރުމުގެ ރަސްމިއްޔާތަށް ރާއްޖެ އައި މަގުމަތީގައި ދުބާއީގައި މަޑުކޮށްލީ. ކާރު އެކްސިޑެންޓެއްގައި ވަރަށް ބޮޑުވަރުވެ އައިސީޔޫގައި. ކޮންމެހެންވެސް ފުރަން މިޖެހުނީ. އެކަމަކު އިރާދަކުރެއްވިއްޔާ އެގާރައިގާ މާލޭގައި ހުންނާނަން......." އަބުދުލްއަޒީޒު އޭނަގެ މަންމަގެ ނިތްކުރީގައި ބޮސްދިނެވެ. ދަރިފުޅާއިވެސް ބައްދާލުމަށްފަހު ސަލާމްކޮށްލިއެވެ. ހަމްދާންއާއި އަބުދުލްއަޒީޒު އަދިވެސް އެމީހުންނާއެކު ކިޔެވި ގާތްއެކުވެރިންގެ ދޭތެރޭ އޮތް ދުވަސްވީ އެކުވެރިކަމާއި ގުޅުން ބަދަހިވެފައިވަނީ މިސާލު ޖެހޭވަރަށެވެ. ހަމްދާންގެ އެކްސިޑެންޓްގެ ވާހަކަ އިވުމާއިއެކު އެންމެ މިނިޓެއްވެސް ދުއްވާ ނުލާ އެކުވެރިޔާއާއިއެކު ވުމަށް އަބުދުލްއަޒީޒު އެ ގާތްގުޅުމެވެ.

އަމްރާން އޭނަގެ ކޮޓަރިއަށް ވަނުމާއެކު ތަފާތު ޚިޔާލުތައް ސިކުނޑިއަށް ވެރިވެގަތެވެ. އެކި ހަނދާންތަކާއި ގުޅިފައިވާ މި ގެއަކީ ކޮންމެގޮތެއް ވިޔަސް އޭނަގެ އަމިއްލަ ގެއެވެ. ސްވީޓް ހޯމްއެވެ. ތަނަވަސް އެޕާޓްމެންޓެއްވަރުގެ ކޮޓަރިތެރެ ތަނަވަސްކަމުން ނިއުޔޯކްގައި އޭނަ އުޅުނު އެޕާޓްމެންޓަށްވުރެ ތަންފުކެއް ދެރައެއް ނޫނެވެ. ލޮލަށް ހިތްފަސޭހަ ލައިޓްތަކާއިއެކު އެ އުމުރުގެ ޒުވާނަކާއި އެންމެ އެކަށީގެންވާ ކުލަތަކުން ކޮޓަރީގެ ފާރާއި މާބްލް އަދި ފަރުނީޗަރަށް ދާންދެން ހޮވާފައިވާއިރު ވޯކިން ކްލޯޒެޓާއި ތަނަވަސް ފާޚާނާވެސް އެންމެ ހިތްހަމަޖެހޭހާ ހިތްގައިމެވެ. ލޯތައް އާޝޯޚުވާފަދަ ޑިޒައިންތަކެވެ. ސޫޓު ބާލާފައި ކޮނޑުގައި އެޅުވިއެވެ. ހަމައެކަނި ފަޓުލޫނުގައި ހުރެ ލޯގަނޑު ކައިރީ ހުއްޓި އަތުކުރީގައިވާ ގަޑި ބޭލިއެވެ.

"ހެހެ ގްރޭންވެސް ދޯ. މީހަކާއި ނީދެގެން އަދި ސަލާމަތްވާ ހިސާބަކަށް ނުދޭ. އެކަމަކު އައިމް ގޮއިން ޓު ބީ ތާޓީ ދޯ. ފިރިހެނަކާއި ބަލާއިރު ކެތްގަދަ މީހެއްނު. ކާކާ ވަކި އިންނާނީ........." އެއް މިޔަކަނުން ހީލަމުން ލޯގަނޑަށް ބަލާލެވުމާއިއެކު ލޯގަނޑުން ފެންނަން ހުރި އޭނަގެ ހިތްގައިމު ސޫރަ ފެނުނެވެ.

މީހަކު ޓަކިދިނުމުން ކަންނެތް ހިނގުމެއްގައި އައިސް ދޮރު ހުޅުވައިލިއިރު އޭނަގެ ކަނައަތް ކަމަށްވާ އަޒިކިއަލްއެވެ. އަޒިކިއަލްއަކީ އޭނަގެ "ބޮޑީމޭން"އެވެ. ހަމައެކަނި ހަށިފާރަވެރިޔާއެއްވެސް ނޫނެވެ. އޭނަގެ ޕާސަނަލް އެސިސްޓެންޓަށް ވެފައި ގާތް އެކުވެރިއާވެސް މެއެވެ. އޭނަގެ ހުރިހާ ސިއްރުތައް އެނގޭނީ އަޒިކިއަލްއަށެވެ. ކޮންމެ ކޮންމެ ވާހަކައެއް ދައްކައިލެވޭހާ ގުޅުން ދެމީހުން ދޭތެރޭ އޮވެއެވެ.

"ކަލޭ ކޮޓަރިއަށް ވަންނާކަށް ގަޑިއެއް ގަޑިއެއްވެސް ނޯވޭ ދޯ......." އަމްރާން އެތެރެއަށްވަދެ ދޮރު ލައްޕާލައިފިއެވެ.

"ހަދާންވާވަރުން ނޯވެވިގެން....." އަޒިކިއަލް ހިނިގަނޑެއް ޖަހައިލިއެވެ.

"ކަލޭ އަންހެނަކަށް ބަދަލުވީ ކޮންއިރަކު ހަދާން ތިވަނީ. އަންބަކަށް އެކަށީގެންވާ ކަހަލަ އަންހެންކުއްޖަކު ހޯދަދީބަލަ..........." އަމްރާން ސަމާސާ ރާގަކަށް ބުނެލިއެވެ.

"އެހެރީ ނު ހަޔާތީ. ޝަރުތުކޮށްފައެއްނު އެއްކަލަ ވިހި މިލިއަން ރުފިޔާ ކޭސް އިހަށް ޑިލޭ ކޮށްލީ. އަހަރެމެން ބޭނުންވާ ގޮތަށް އެއްބަސް ނުވަންޏާ އަނެއްކާ އެ ކޭސް ފައިލް ކުރަން ޖެހިދާނެކަން އަންގާފަ އޮތީ. ޝީ ވޯޒް ޑެސްޕެރެޓް. ވަރަށް ހާލުގައި އެކުއްޖާ އުޅެނީ. އެހެންވެ ކަން ނޭގޭ މެއިޑަކަށް ހުރެދޭނަން ހެއްޔޯ އެހީމަވެސް ވަގުތުން އާއެކޭ ބުނީ. އެޗްއެމް ގަތްފަހުންމިހާރު އޭނަ ވޯކްކުރަނީ ކުރީގެ ސަރުކާރަށް އަޅުވެތިވެ ގޮސް ހުސްވެފައިވާ ނިއުސްޕޭޕަރަށް. އަދިވެސް ކުރިން އުޅުނު އެޕާޓްމެންޓްގައި ހަޔާތީ އެކަނި މާ އެކަނި ދިރިއުޅެނީ. އޭނަގެ މަންމަ ކެންސަރަށް ފަރުވާކުރަން އަދިވެސް ބެންގަލޫރުގައި ފިރިހެންކޮއްކޮއާއިއެކު ހުރީ. ފިރިހެންކޮއްކޮ ކޮންމެވެސް ކޯހެއް ހަދަނީޔޯ. ހަޔާތީ ގެނެސް ހެދުން ދޮވެއިސްތިރިކުރުވާ ޕާސަނަލް މެއިޑަކަށް ދުވަސްކޮޅަކަށް ބަހައްޓާ. ހިތްހަމަޖެހެންޏާ މެރީ ކުރެވިދާނެ. ބަލައިލަން ރީތި. ތަންކޮޅެއް ރުޅިގަދަ ރުންކުރުކުއްޖެއް....... " އަޒިކިއަލް ބުނެދިނެވެ.

"ޔޫ އާ ރައިޓް. ސޫޓުތަކާއި އެއްޗެހި ދޮވެ އިސްތިރިކޮށް ކައްކަން އެނގޭ ކުއްޖަކު މުހިއްމު......." އަމްރާން ވިސްނާލާފައި ބުނެލިއެވެ.

" އައި ވިލް ޓޯކް ޓު ހާ...."

"އަހަރެންގެ ފަރާތުން ޕްރޮޕޯސްކޮށްލަންވީނު...." އަމްރާންއަށް މަޖާވިއެވެ.

"ސީރިޔަސްތަ؟ "

"ނޮޕް. މާމަމެން ބާރު އެބައަޅާ މީހަކައި އިންނަން. އަހަރެން އެކަން ސީރިޔަސްކޮށް ކުރާ ހިތެއްނެތް. މީހުންނަށް ދައްކަން މީހަކާ އިންނަން ވެއްޖެއް ހާލަތެއްގައި ހަޔާތީ ކަހަލަ އަންހެނަކު ދޯ ހޯދަން ޖެހެނީ؟ އޭނަ ދޯ ބުނީ އިންނާނެ މީހަކު ނުވާނެއޭ....." އަމްރާން ހަދާންކޮށްލަދިނެވެ.

"މިގެއަށްވުރެ ފިނިފެންމާ ގިނަ ގެއެއް ރާއްޖެއަކު ނުވާނެ. އެކިކުލައިގެ ފިނިފެންމާ ވެޔޮތަކާއި ގަސްތަކުން ގޭގައި ރޯޒްގާޑަންއެއް މިއޮތީ. ސޯ މިތަނުން ރޯޒް ބުކޭއަށް ގެންގޮސްފައި ބުނާނަން އަމްރާންފޮނުވީއޭ. ވަރަށް ސަޕްރައިޒްވާނެ. ޑޯންޓް ވޮރީ. ކޮންމެގޮތެއް ހަދާފައިވެސް ކޮންވިންސްކުރުވާނަން. އެހެންނޫނަސް އެއްކަލަ ވިހި މިލިއަން ރުފިޔާގެނަން ކިޔާލިޔަސް އެކުއްޖާ ފެއިންޓްވެދާނެ. ޝީ ވިލް ޑޫ އެނީތިން ވީ އާސްކް..." އަޒިކިއަލްގެ ޔަގީންކަން އޮތެވެ.

އަބުދުލްއަޒީޒު ދުބާއީއަށް ފޯރުމަށްފަހު ވަގުތުނަގާ ނުލާ އެކުވެރިޔާގެ ހާލުދެކެލަން އައިސީޔޫއަށް ވަންއިރު ހަމްދާން އެންމެފަހުގެ ނޭވާތައް ގުނަނީއެވެ. ހަމްދާންގެ ލޮލުން ކަރުނަ އައުމާއެކު އުދަގުލުން އެންމެ ވަސިއްޔަތެއް ކުރިއެވެ. އޭނަގެ ދަރިފުޅު އެލީން ދަރިއެއް ފަދައިން ބަލާ ދިނުމަށެވެ. ވެވޭނެނަމަ ޅީދަރިއެއްގެ މަގާމު ދިނުމަށެވެ. ފެށުނީއްސުރެ އޭނަދެކެމުން އައި ހުވަފެނަކީ އެއީކަމުގައެވެ. އަބުދުލްއަޒީޒު ހިތްދަތިކަމާއި އެކު ކަރުނަ އަޅާ ހާލުގައި އެކުވެރިޔާއަށް ވައުދުވީ އަމްރާންއާއި އެލީންގެ ކައިވެނި ކޮށްދޭނެކަމުގައެވެ. އެކަމުގައި އަމްރާން ދެކޮޅު ނަހަދާނެކަމަށެވެ. އެލީންގެ ދުނިޔެވެސް ކުނޑިކުނޑިވެގެން ދިޔައީ އޭނަގެ ބައްޕަ ނިޔާވިކަން އެނގިފައެވެ. އެކްސިޑެންޓްގައި މަންމަ ވަގުތުން ނިޔާވިނަމަވެސް ބައްޕައަށް ފަރުވާދޭން އައިސީޔޫއަށް ލުމުން އެލީން އުއްމީދު އާވިއެވެ. ނަމަވެސް ބަދުނަސީބު އެލީންއަށް އޭނަގެ މައިންބަފައިން އެއްދުވަހެއްގައި ގެއްލި ހިތާމައިގެ ކަނޑަކަށް ޣަރަގުވެއްޖެއެވެ. ދުނިޔެއަށް އެކަނިވި އެހިތްދަތި ވަގުތު އޭނަގެ ބައްޕަގެ އެކުވެރިންގެ ފަރާތުން އެހީތެރިކަން ލިބުނެވެ. ބައްޕަގެ ގާތްއެކުވެރިޔާ އަބުދުލްއަޒީޒު އާއިއެކު މާލެ ގެންދަން އޭނަ ނިންމެވިއެވެ.

"ބައްޕައެއްގެ މަގާމު ފުރާ ދެވޭނެ އެއްވެސްމީހަކު ދުނިޔެއަކު ނުވާނެކަން އެނގޭ. އެކަމަކު ބައްޕަގެ އަންހެން ދަރިއެއް ނެތުމާއެކު މިއަދުން ފެށިގެން ތީ މި ބައްޕަގެ އަންހެންދަރިއެއްކަމަށް ބަލައިގެންފިން..ޔޫ އާ ކަމިން ވިތް މީ...." އަބުދުލްއަޒީޒު އެލީންގެ އިސްތަށިގަނޑުގައި ފިރުމައިލަމުން ބުނި ޖުމްލައިން އެލީންގެ ހިތަށް ކުޑަނަމަވެސް ފިނިކަމެއް ލިބިގެން ދިޔައެވެ. ނަމަވެސް އެކަރުނަތައް ހުއްޓުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ބައްޕައާއި މަންމައާއިއެކު ހޮޓަލަށް އައުމަށްފަހު ކަންނެތްވެފައި އޮތުމުން އޭނަ ބުރުޖު ޚަލީފާ ބަލަން އެދުވަހު ދާ ހިތްނުވީއެވެ. މަންމަމެން އަންނާންދެން ނިދާލާނީ ކަމަށް ބުނެފައި އޭނަ އޮތީ ކޮޓަރީގައެވެ. މަންމަމެންނާއިއެކު ދެވުނުނަމައެވެ. އޭނަވެސްމަރުވި ނަމައެވެ.

އަމިއްލައަށް މަރުވާންވެސް އެލީންގެ ހިތަށް އެރިފަހަރު މަދެއް ނޫނެވެ.

ނަމަވެސް އަބުދުލްއަޒީޒު ދުރުވެ ދެއްކެވި ވާހަކަތަކުން އޭނައަށް ހިތްވަރު ލިބި ކަރުނަތައް ފޮހެލާފައި ތެދުވެ މައިންބަފައިންގެ ޖަނާޒާގައި ބައިވެރިވާން ކަޅުހެދުމެއް ލައިގެން ތައްޔާރުވާންފެށިއެވެ. މަންމަމެން ނިޔާވެ ދިޔުމުން ހަޔާތަށް އައި އިންގިލާބުގެ ސަބަބުން ލިބުނު މާޔޫސްކަން ފިލުވައިލާ އެމީހުންނަށްޓަކާ އެންމެފަހުގެ އިހުތިރާމާއި ވާޖިބު އަދާންކުރުމަށް އޭނަގެ ޟަމީރު ބާރުއެޅިއެވެ. ކިޔަވައިގެން ހުރި ގާބިލު އަންހެންދަރިއަކަށް ވުމާއިއެކު މައިންބަފައިން އޭނައާއި ދޭތެރޭ ކުރާނެ އުއްމީދުތަކެއް ހުންނާނެއެވެ. އެމީހުން ދުނިޔޭގައި ނެތަސް އެމީހުން ފަޚުރުވެރިވާފަދަ އަންހެންދަރިއަކަށް އޭނަ ވާނެއެވެ.

ވާރޭގެ ބޯ ތިކިތައް ކެނޑިނޭޅި "އޯޓަމް ބްލޭޒް"އަށް ހަމަލާދެމުން ދާއިރު އެ އިމާރާތް ފެންނަލެއް ނިކަން ޗާލެވެ. ބޯ ވާރޭގެ ތެރޭގައި ވާރޭ ކޯޓުލައިގެން ދޮރުމަތީގައި ސިކިއުރިޓީއިން ތިބިއިރު އެތެރެއަށްވަނީ އަޒިކިއަލްއެވެ. ވާރޭގެ ތިކިތަކުން ތެމިފައިވާ ލެވެންޑާފިނިފެންމާތަކަށް އެއްވެސް ގެއްލުމެއްނުދީ ކަނޑަން ހުރިއިރު އަޒިކިއަލްގެ މޫނަށްވެސް ވާރޭގެ ތިކިތައް ބުރުއްސާލައެވެ. އޯޓަމް ބްލެޒްގެ އެންމެ ޚާއްސަ ރީތި އެއްސިފައަކީ އެގޭގެ ވަށައިގެން އިންދާފައިވާ ފިނިފެންމާ ގަސްތަކެވެ. ޕޮޓްތަކުގައި ބޭބީ ރޯޒްތަކާއި ކުލަކުލައިގެ ފިނިފެންމާތައް ވާދަކުރާއިރު ތަބުތަކަށް އަރުވާފައި ހުންނަ ވެލުގައިވެސް ފިނިފެންމަލެވެ. ހުސްކޮށް އޮތް ތާގައިވެސް ފިނިފެންމާގަސްތަކެވެ. އެތައް ސަތޭކަ މާތައް ފޮޅިފައިވާއިރު މަލުގެ މީރުވަހުން ޖައްވު އޮންނަނީ ސެންޓުލެވިފައެވެ. ވާރޭގެ ސަބަބުން މިއަދު ފަތްތައް ދޮވެވި މާތައް ވަކިން ތާޒާއެވެ. ގަސްތައް އެހާ ފަރުވާތެރިކަމާއިއެކު ބަލަހައްޓަމުންދާ މީހާއަށް ތައުރީފު ހައްގެވެ.

އަޒިކިއަލް ވާރޭ ކޯޓު ފެންޑާގައި އަޅުވާފައި އެތެރެއަށް ވަންއިރު އަމްރާނު ހޫނު ކޮފީއެއް ބޯލަން އިނީ ޓީވީ ހުޅުވާލައިގެންނެވެ. ޕްރިމިއަ ލީގް މެޗެއްގެ ރިކޯޑިންއެވެ.

"މިއިން އިރެއްގައި ހުއްޓާލާނެހެން ހިޔެއްނުވޭ. ރޭގައި ކަންނެތްވިވަރުން މެޗް ނުބެލި ނިދުނީ. ކިހިނެއްވަނީ......" މޭޒުމަތީގައި މާތައް ބަހައްޓާފައި އަޒިކިއަލް ސޯފާގައި ޖައްސައިލިއެވެ.

އަމްރާން ޓީވީގެ ވޮލިއުމް ދަށްކޮށްލައިފިއެވެ. ކުޑަދޮރުގެ ފަރުދާތަކުން ބަޔެއް ކަހާލާފައި ހުރުމުން ވާރޭވެހޭ ހިތްގައިމު މަންޒަރު ދޮރުތަކުން ފެންނާން ހުއްޓެވެ. އަމްރާންއާއި އަޒިކިއަލް އާއި ދިމާވެ ވާހަކަދައްކާއިރު ދެމީހުން އެއްގޮތަކަށްވެސް ސިޔާސީ ވާހަކައެއް ނުދައްކާނެއެވެ. އެއީ މުޅިން މަނާކަމެކެވެ. އެންމެ ގިނައިން ދެކެވޭނީ ކުޅިވަރުގެ ވާހަކަތައް ނޫނީ ދަތުރުކުރުމާއި ވިޔަފާރި ނޫނީ ތާރީޚީ ވާހަކަތަކެވެ. މަދުންނަމަވެސް އަންހެންކުދިންގެ ވާހަކަތައް ދެކެވުނަސް އަމްރާން އެވާހަކައަށް ޝައުގުވެރި ނުވާކަން އަޒިކިއަލް ދަނެއެވެ.

"ބައްޕަ ދުރުވަނީ ކޮންއިރަކުން......" އަޒިކިއަލްވެސް ކޮފީއެއް ހަދައިގެން އައިސް ހޫނު ކޯވަރެއް ބޯލިއެވެ.

"ފަހަރެއްގައި މާދަން. ކޭޒިއާ ހޮޓެލްސް އޯނާވެސް ކުއްލިއަކަށް ދުނިޔެއާއި ވަކިވީ. ބައްޕަގެ ސްކޫލް ދައުރުގައި އެއްކޮށް އުޅުނު ގްރޫޕް އެންމެން އަދިވެސް އެކުވެރިކަން މަތީގައި އުޅެނިކޮށް ކޭޒިއާ ހަމްދާން ނިޔާ ވީ. ބައްޕަގެ އެންމެ ގާތް އެކަކު.......އަދި ދެމަފިރިން އެކީގައި. އެލީންވެސް އެކަނިވީ....." އަމްރާން ބުނެލިއެވެ.

"ހަމްދާންގެ އަންހެންދަރިފުޅަކީ ހަމަ ޖަވާހިރެއް. އެވަރު ކުއްޖަކާއި ނޫނީ ނާއިބު ރައީސްނުގުޅޭ......" އަޒިކިއަލް ބުނެލިއެވެ.

"ކޮންއިރަކު މެއިޑަށް ތި ރޯޒް ގެންގޮސްދެނީ؟ " އަމްރާން ވަގުތުން މައުޟޫ އޮޅުވާލައިފިއެވެ. އަންހެންކުދިންނާއި ބެހޭގޮތުން ވާހަކަދައްކަން ފަސޭހައެއް ނޫނެވެ. އަޒިކިއަލް ހައިރާންވަނީ އަމްރާން ހަޔާތީދެކެ ކުރާ ނަފްރަތާއިއެކު ގައި ވެސް ހަޔާތީގެ ވާހަކަދެކެވެންޏާ ގަޔާވާތީއެވެ.

"މިހާރުވެސް ވިދާޅުވެއްޖެއްޔާ ހަމަ މިނައްޓައިލީ..." އަޒިކިއަލް ވަގުތުން ތެދުވެ ސެލިއުޓެއްކޮށްލުމުން އަމްރާން ހިނި އައެވެ.

"ނޫން އިހަށް މަޑުކޮށްލާ. މީގެ މާނަ ބުނެބަލަ. މި ކުލައިގެ ފިނިފެންމާ..." އަމްރާން އެއްބުމަ އަރުވައިލިއެވެ.

"ލެވެންޑާ ކުލައިގެ ފިނިފެންމާ އަކީ އެންޗާންޓްމެންޓް މެޖެސްޓީ ލަވް އެޓް ފަސްޓް ސައިޓް...." އަޒިކިއަލްގެ ޖަވާބުން އަމްރާން މަޖާވެފައި އަނގަޔަށް ގޮތެއް ހަދައިލީ ހަގީގަތުގައިވެސް އޭނަގެ ފަރާތުން އެ މާތައް ހަޔާތީއަށް ހައްގުހެއްޔޭ އަހާލާފަދަ ގޮތަކަށެވެ. އަޒިކިއަލްވެސް ހީލިއެވެ.

ހަޔާތީ ހައިރާންވީ އަޒިކިއަލް ލެވެންޑާ ކުލައިގެ ފިނިފެންމާ ބުކޭއެއް ހިފައިގެން އައުމުންނެވެ. ވާރެޔާ ތެމިފައިވާ މާތައް ރީތިކަމުން ހަޔާތީއަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. ނަމަވެސް އަޒިކިއަލްގެ މޫނަށް ބަލައިލުމާއިއެކު ރުޅިގަދަވެގެންގޮސް އެ މާތައް އަތުކޮޅަށް އެއްލާލައިފިއެވެ.

"މިސްޓަރ އަމްރާންގެ ޕާސަނަލް މެއިޑަކަށް ދުވަސްކޮޅަކަށް އަންނަން ކެރޭނެތަ؟ "

"އައްޗީޑި. މެއިޑަކަށޭ؟ " ހަޔާތީ އަނަގަޔަށް ހަދައިލިގޮތުން ވިހައެއް ކެވުނުފަދައެވެ.

"ރާއްޖޭގެ ވައިސްޕްރެޒިޑެންޓްގެ މެއިޑަކަށް އައީމަ ލިބޭނެ ސެލެރީ އެނގޭތަ؟ ނޫސްވެރިޔަކަށް ހުރެގެން ލިބޭ ފައިސާގެ ދިހަގުނަ ގިނަވާނެކަން ހަދާން ކުރޭ. އެހެންނޫނަސް ކޮބާ ޑީލް؟ ހަޔާތީ ބުނީމެއްނު ބުނި ކޮންމެކަމެއް ކޮށްދޭނަމޭ. އައިމް ހިޒް ޕީއޭ ސޯ އަހަރެން އޭނަގެ ކަންތައްތަކާ ހަވާލުވެ ހުންނަނީ. މައްސަލައެއްނެތޭ ނޫސްވެރިކަން ކުރަމުންވެސް ބައެއް ގަޑިތަކުގައި އެގެއަށްގޮސް ހަމައެކަނި މިސްޓަރ އަމްރާންގެ ހެދުންތައް ދޮވެލާ އިސްތިރިކޮށް ތަންމަތި އަޅާ އެކަހަލަ ކުދިކަންތައް ކޮށްލަދޭނީ. އޯކޭތަ؟ " އަޒިކިއަލް ވާހަކަދެއްކިއިރު ހަޔާތީ ހުރީ ދެލޯ ބޮޑުކޮށްގެންނެވެ.

"އިޑިއަޓް...." ހަޔާތީ ގެ އަތް ވައިގެ ތެރޭ ހިންގައިލިއެވެ. އަޒިކިއަލް އަޅާވެސްނުލާ ހަޔާތީ ދިން ހޫނު ހަދިޔާ ބަލައިގަތެވެ. ނާޒުކް އަންހެންކުއްޖެއްގެ އެފަދަ އެތިފަހަރަކުން އަޒިކިއަލް ފަދަ ވަރުގަދަ ޒުވާނަކަށް އެހާ ތަދު އިހުސާސް ނުކުރެވޭއިރު އެއަތުގައި ހިފާ ހުއްޓުވުމުގެ މާނައެއް އޮތްކަމަކަށް ނުދެކެނީއެވެ.

"ތީ ކަލޭމެންގެ މަސައްކަތް ދޯ. ނިކަމެތި އަންހެންކުދިން ބްލެކްމެއިލްކުރަމުން އުދަގޫކުރަމުން ފަހަތުން ނުނެއްޓިގެން އުޅުން. ކަލޭމެން އަހަރެންގެ ނުސްވެރިކަން ބަރުބާދުކޮށްފި. އެޗް އެމް އަތުލައިގެންފި. އެވަރުންވެސް ނުފުދުނު. މިހާރުވީ ނާއިބު ރައީސްގެ ހެދުންތައް ދޮންނަން ދާން. އަގް.....ހާދަ ފޫއްސޭ. އަހަންނަށް މާ މޮޅު ކަމަކަށްވެގެން ފައިސާއާއި ހެދި އުޅޭނެކަމައް ހީވެގެން ދޯ. ގޮސް ބުނޭ ބޭނުމެއް ނުވެއޭ..." ހަޔާތީ އެތިވަރު ގޮވާލުމުން އަޒިކިއަލް ހީލާފައި ބުނީ ޚިޔާލު ބަދަލުވެއްޖެއްޔާ އޭނައަށް ގުޅާލުމަށެވެ. ހަޔާތީ ބާރަކަށް ދޮރު ލައްޕާލާފައި އެތެރެއަށްވަދެ ދޮރުތަޅުލައިފިއެވެ. އަޒިކިއަލް ގެ ބޫޓުގެ އަޑު ކެނޑުމުން ނުކުމެ ދެފަރާތް ހޯދާލާފައި ގުދުވެ އެ ރީތި ފިނިފެންމާ ބުކޭ ނެގިއެވެ. އެމާތަކުގެ ކޮން ކުށެއް ހެއްޔެވެ؟ ހާދަ ލޯތްބެވެ. ހާދަ ރީއްޗެވެ. ފިޔަމަތީ ޝަބްނަމްގެ މުތީތައް ވިދާގޮތް އެހާ ޗާލެވެ.

އެތެރެއަށް ވަންއިރު ކަފަލޮލީ ކަންނެތްކަމާއެކު ރަޖާގެ ހިމާޔަތުގައި ނިދާލާފައި އޮތެވެ.

ވާރޭގެ ހިތްގައިމު އަޑު ފަޒާ ގުގުމާލިއެވެ. ދަންވަމުން ދިޔަވަރަކަށް ފިނީގެ އުދަގޫ ބޮޑުވެ ހަށިގަނޑު ގަޑުފެންކޮޅަކަށް ވާގޮތްވިއެވެ. ހަޔާތީ ބޮލާއިއެކު ރަޖާ އޮޅާލައިގެން ބާލީސްތަކާއި ބައްދައިގެން ފިނިން ސަލާމަތްވާން މަސައްތަތްކުރިއެވެ. ސިކުނޑި ހިމޭންވާގޮތެއް ނުވިއެވެ. ވިސްނެނީ އަޒިކިއަލްގެ ހުށަހެޅުމާއިމެދުގައެވެ. ބޮޑު އަގެއް ލިބެންޏާ ކޮންމެފަދަ ކަމެއް ކުރަންވެސް އޭނަ މިހިރީ ތައްޔާރަށެވެ. މަޖުބޫރީ ހާލަތްތަކުން އަރައިގަންނަން އޭނަ ހާދަ މަސައްކަތްކޮށްފިއެވެ. އަދި ކާމިޔާބުވާގޮތެއް ނުވިއެވެ.

އަމްރާންއާއި އިމާދުއްދީން ހުވާކުރުމުގެ ރަސްމިއްޔާތަށްޓަކާ މާލެއަށް އިއްޒަތްތެރިން ވަޑައިގަންނަވަން ފައްޓަވައިފިއެވެ. އެކި ގައުމުތަކުގެ މަންދޫބުންނެވެ. ޖަމްއިއްޔާތަކަށްވެސް ދައުވަތު ދެވިފައިވިއެވެ. އެލްޑީޕީގެ ވެރިކަން ނުފެށިގެން އެތައް ރައްޔިތުންނެއް އިންތިޒާރުގައެވެ. ރަގަޅު ބަދަލަކަށް ބަލަބަލައެވެ. މާރާ މާރީތަކާއި މަސްތުވާ އެއްޗިއްސާއި ދީނާއި ދެކޮޅު މީހުން ގިނަވުން އަދި މުޖުތަމައުގައި ހިނގާ ނުބައި ކަންތައް ހުއްޓުވާނެ ރަގަޅުވެރިއަކަށްޓަކާ ރާއްޖެވަނީ ފެންބޮވައިގެންފައެވެ. އަދި ރާއްޖެތެރެ ތަރއްގީކޮށް މާލެއާއި އޮތް ތަފާތު ކުޑަވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މީހުން ގިނައެވެ. ދިވެހި ދިދައާއިއެކު އެލްޑީޕީގެ ވައިލެޓާއި ފެހި އަދި ނޫކުލަ އެކުލެވޭ ދިދަ ފެނުމުން ތަފާތޭ ހިތަށް އަރައެވެ. މެދުގައި އެލްޑީޕީ ލޯގޯ ޖަހާފައިވާއިރު އެދިދައަށްޓަކާ މަރުދޭ ޒުވާނުން އެހާ ގިނައެވެ.

ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހެވެ. އަމްރާން މެންދުރު ކެއުމަށްފަހު ޖައްސާލުމުން ކޮންމެވެސް ވަރަކަށް ނިދުނެވެ. ހޭލެވުނީ ބޯކޮށް ވާރޭވެހޭ އަޑުފަށްގަނޑު އިވިފައެވެ. ގައިމަތީ އަޅާފައި އޮތް ބޯ ކުއިލްޓް އެއްފަރާތް ކޮށްލާފައި އަމްރާން ފާޚާނާއަށްވަދެ ސްޓީމްރޫމަށް ވަނެވެ. ހޫނުފެނުން އަރާމުކޮށް ފެންވަރާލުމަށްފަހު ނުކުމެ ތައްޔާރުވާންފެށީ ހަވީރު އޮތް ބައްދަލުވުމަކަށެވެ. މަސްޓަޑްކުލައިގެ ސޫޓެއްގައި ހުރުމުން އޭނަގެ ފިރިހެންވަންތަކަމާއި ތަފާތުކަމުން އަންހެންކުދިންގެ ލޯތަކަށް ލިބޭނެ ފިނިކަމަކަށްވާނެ ކަން ގައިމެވެ. އަމްރާން ނިކުންނަ އިރެއްގެ އިންތިޒާރުގައި ހުރި އަޒިކިއަލް އަށް ވާރޭގެ ތެރެއިންވެސް ބެލް ޖެހި އަޑުއިވުނެވެ.

(ނުނިމޭ...)

https://sun.mv/113844

comment ކޮމެންޓް