ބަންގްލަދޭޝްގައި މުޒާހަރާކުރާ މުވައްޒަފުންނަށް މުސާރަ ނުދޭން ނިންމައިފި

ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ މުވައްޒަފުން މުޒަހަރާކުރަނީ --

ދާކާ (ޖަނަވަރީ 13) : މުސާރަ އާއި އިނާޔަތްތައް ބޮޑު ކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން ގެންދާ ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ މުވައްޒަފުންގެ މުސާރަ ނުދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ ގާމެންޓްސް ފެޑަރޭޝަންގެ ރައީސް ސިއްދީގުއްރަޙްމާން ދެއްވައިފި އެވެ.

މުޒާހަރާކުރާ މުވައްޒަފުންނާ މުޚަތަބު ކުރައްވައި ވާހަކަ ދައްކަވަމުން ސިއްދީގުއްރަޙްމާން ވިދާޅުވީ ހޯމަދުވަހު މުޒާހަރާކޮށްފި ނަމަ އެ މުޒާހަރާގައި ބައިވެރިވި އެއްވެސް މީހަކަށް މުސާރަ ނުދޭނެ ކަމަށާއި އަދި ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ ކާރުޚާނާތައް ވެސް ދިގު މުއްދަތަކަށް ބަންދު ކުރާނެ ކަމުގަ އެވެ.

މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް ގޮވާލައި ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގައި މަސައްކަތްކުރާ އެތައް ހާސް ބަޔަކު މުޒާހަރާ ކުރަމުންގެންދާތާ ދެ ހަފުތާވެފައިވާއިރު ވެސް އެމީހުންގެ އެދޭ އެދުންތަކަށް ސަރުކާރުންނާއި ގާމެންޓްސް ފެޑަރޭޝަނުން އިޖާބަ ދީފައެއްނުވެ އެވެ. މީގެ އިތުރުން މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ބަންގްލަދޭޝްގެ ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން އެކަކު މަރުވެ އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމްވެފަ އެވެ.

ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ މުވައްޒަފުން ކުރަމުން ގެންދާ މުޒާހަރާތަކުގައި އެމީހުން އެދޭ އެދުންތަކުގެ ތެރޭގައި މުވައްޒަފަކަށް ލިބޭ އެންމެ ކުޑަ މުސާރަ ކަނޑައެޅުމާއި މިހާރު ލިބޭ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމާއި ޗުއްޓީތަކާއި ސަލާމުގެ ދުވަސްތަކާއި އެނޫން ވެސް މުވައްޒަފުންނަށް ދޭން ޖެހޭ ފަސޭހަތައް މިހާރަށް ވުރެ ލުއިގޮތަކަށް ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ގޮވާލުން ހިމެނެ އެވެ. މީގެ އިތުރުން ގާމެންޓްސް އިންޑަސްޓްރީގެ ކާރުޚާނާތަކުގެ މަސައްކަތު މާހައުލު ރަނގަނޅުކޮށްދިނުމާއި މުވައްޒަފުންގެ ސިއްޙީ ކަންކަމަށްދޭ ސަމާލުކަން އިތުރުކުރުމަށް ވެސް މުވައްޒަފުން ގެންދަނީ ގޮވާލަމުންނެވެ.

ބަންގްލަދޭޝަށް ލިބޭ ބޭރު ފައިސާގެ ބޮޑުބައެއް ހިއްސާކުރަނީ އެގައުމުގެ ގާމެންޓްސް އިންޑަސްޓްރީންނެވެ. ޗައިނާ ފިޔަވައި ދެން އެންމެ ބޮޑު ގާމެންޓްސް އިންޑަސްޓްރީ އޮންނަނީ ބަންގްލަދޭޝްގަ އެވެ. ނަމަވެސް އެ އިންޑަސްޓްރީގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ކުޑަވެފައި އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ވަރަށް ދަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ބަންގްލަދޭޝްގެ ގާމެންޓްސް އިންޑަސްޓްރީގެ މުވައްޒަފުންގެ ތެރެއިން 90 ޕަސެންޓް މީހުންނަކީ އަންހެނުންނެވެ. (ރޮއިޓާސް)

comment ކޮމެންޓް