ކާމިޔާބު އޮޕަރޭޝަނަކަށް ފަހު މަރަޑޯނާ އެނބުރި ޑޮރަޑޮސްގެ ކޯޗު ކަމަށްް

ޑިއޭގޯ މަރަޑޯނާ ޑޮރަޑޮސްއަށް ކޯޗުކަން ކޮށްދެނީ

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ، އާޖެންޓީނާގެ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާގެ ކާމިޔާބު އޮޕަރޭޝަނެއް މިއަދު ކޮށްފިއެވެ.

އާރޖެންޓީނާގެ ކުރީގެ ކެޕްޓަން އަދި މިހާރު މެކްސިކޯގެ ޑޮރަޑޮސްއަށް އިރުޝާދުދެމުން އަންނަ ކޯޗު މިއަދުގެ ވަގުތެއްގައި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް ޑޮރަޑޮސްގެ ކޯޗު ކަމާއި އެނބުރި ހަވާލުވާނެ ކަމަށް މަރަޑޯނާއާ ހަވާލާދީ އޭނާގެ ލޯޔަރު މައުލޫމާތުދެއެވެ. މި އޮޕަރޭޝަން ކޮށްފައި ވަނީ އާޖެންޓީނާގެ ވެރި ރަށް ބިއުނަސް އޭރީޒްގެ ކްލިނިކާ އޮލިވޯސްގައެވެ.

ޑިއޭގޯ މަރަޑޯނާ ވޯލްޑް ކަޕް އުފުލާލަނީ

މި އޮޕަރޭޝަން ކުރުމުގެ 3 ދުވަސް ކުރިން އެއްވެސް ކަމަކާ ނުލައި ސަޕޯޓަރުން ހާސް ކުރެވުނީތީ މާފަށް އެދޭ ކަމަށް ބުނެ 58 އަހަރުގެ މަރަޑޯނާ ވަނީ އޭނާގެ އިންސްޓަގްރާމުގެ ޕޭޖުގައި ޕޯސްޓެއް ވެސް ކޮށްފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން މަރަޑޯނާ ވަނީ ބިއުނަސް އޭރީޒްގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އެޑްމިޓް ކުރެވިފައި ވަނީ ގޮހޮރުން ލޭ އަންނާތީ ކަމަށްވެއެވެ. ނަމަވެސް މަރަޑޯނާގެ ދަރިއެއް ކަމަށްވާ ޑަލްމާ ވަނީ އެކަން ދޮގު ކޮށްފައެވެ. އޭނާ ބުނެފައިވަނީ ސީރިއަސް އެއްވެސް މައްސަލައެއް އޭނާގެ ބައްޕައަށް ކުރިމަތި ނުވާ ކަމަށެވެ.

"ޑިއޭގޯ މަރަޑޯނާ މިއަދު ވަނީ އޮޕަރޭޝަނެއް ކޮށްފަ. އަދި މި އޮޕަރޭޝަން ކާމިޔާބު ވުމުގައި އެހީތެރިވި ހުރިހާ އެންމެންނަށް ޝުކުރުވެރިވަން. މިހާރު ބަލަމުން މިދަނީ މަރަޑޯނާގެ ސިއްހީ ހާލަތު ރަނގަޅުވެ ވީހާވެސް އަވަހަކަށް ކޯޗު ކަމާއި ގުޅެވޭނެ ދުވަހަކަށް،" މަރަޑޯނާގެ ލޯޔަރު މަޓިއަސް މޯލާ ބުންޏެވެ.

މެކްސިކޯގެ އެސެންސޯ އެމްއެކްސް ކުލޯސަރާގައި ވާދަ ކުރުމުގެ ގޮތުން ޑޮރަޑޮސްއާ މަރަޑޯނާ ގުޅިފައިވަނީ މި އަހަރުގެ ޖަނަވަރީ 6ގައެވެ. އޭގެ ފަހުން މަރަޑޯނާ ކޯޗު ކަމުގައި ކުޅެވުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސެލެޔާއާއި ވާދަކޮށް 0-1 އިން ބަލިވެފައެވެ. ދެން އެންމެ އަވަހަށް ޑޮރަޑޮސް ވާދަކުރާ މެޗެއް އޮންނާނީ މިހަފްތާގެ ބުދަ ދުވަހުއެވެ. މި މެޗުގައި ޑޮރަޑޯސް ނުކުންނާނީ ކުއަރެޓެރޯ އާއި ދެކޮޅަށެވެ.

comment ކޮމެންޓް