ޕުޓިންއާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ މައުލޫމާތު ޓްރަމްޕް ސިއްރު ކުރެއްވި: ރިޕޯޓު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ވަނީ 2017 ވަނަ އަހަރު ޖަރުމަނުގައި ބައްދަލު ކުރައްވާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖެނުއަރީ 13): ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ބޭއްވި ބައްދަލުވުމާ ބެހޭ ބައެއް މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިއްރު ކުރެއްވި ކަމަށް ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފި އެވެ.

ވައިޓް ހައުސްގެ ކުރި އާއި މިހާރުގެ މުވައްޒަފުންނާ ހަވާލާދީ ޕޯސްޓުގައި ލިޔުނު ރިޕޯޓު ބިނާކޮށްފައި ވަނީ ޖުލައި 2017ގައި ޖަރުމަނުގެ ހެމްބާގުގައި ޓްރަމްޕާއި ޕުޓިން ބޭއްވެވި ބައްދަލުވުމަށެވެ. އެބައްދަލުވުމުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކްސް ޓިލާސަންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޕޯސްޓުގައިވާ ގޮތުން ރައީސް ޓްރަމްޕް ވަނީ އެބައްދަލުވުމުގައި ދެބޭފުޅުން ދެއްކެވި ވާހަކައާ ބެހޭ ތަފްސީލު ހާމަ ނުކުރުމަށް ތަރުޖަމާނު ގާތު ވިދާޅުވެފަ އެވެ.

އަދި ބައެއް މައުލޫމާތު ސިއްރު ކުރިކަން އޮފިޝަލުންނަށް އެނގުނީ، އެބައްދަލުވުމާ ބެހޭ ގޮތުން ޓިލާސަން ހިއްސާ ކުރެއްވި މައުލޫމާތުގެ އިތުރު ތަފްސީލު ދިނުމަށް ތަރުޖަމާނު ކައިރީގައި ވައިޓް ހައުސްގެ އިސް އޮފިޝަލުން އެދުމުންނެވެ.

ނަމަވެސް ރައީސް ޓްރަމްޕްގެ ސަރުކާރުން ވަނީ އެރިޕޯޓު ދޮގުކޮށްފަ އެވެ. އަދި އެބައްދަލުވުމަށް ފަހު ޓިލާސަން ވަނީ ބައްދަލުވުމުގައި ދެއްކި ވާހަކަ އެމެރިކާގެ އޮފިޝަލުންނަށާއި މީޑިއާއަށް ކިޔާ ދެއްވާފައި ކަމަށް ބުނެފަ އެވެ.

ވޮޝިންޓަން ޕޯސްޓުން އެފަދައިން ރިޕޯޓުކޮށްފައި ވަނީ، ޓްރަމްޕާއި ރަޝިއާއާ އޮތް ގުޅުމާ ބެހޭ ތަހުގީގެއް އެފްބީއައިއިން 2017 ވަނަ އަހަރު ފެއްޓި ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓު ކުރި ފަހުންނެވެ.

އެރިޕޯޓުގައިވާ ގޮތުން ޓްރަމްޕް މަސައްކަތް ކުރައްވަނީ ރަޝިއާއަށް ކަން ދޭހަވާ ހެއްކެއް ތަހުގީގަށް ފެނުނުކަން އެފްބީއައި އިން ހާމަ ނުކުރެ އެވެ. އަދި އެތަހުގީގާ ބެހޭ ގޮތުން ވާހަކަ ދައްކަން އެފްބީއައި އިން ވަނީ ދެކޮޅު ހަދައިފަ އެވެ.

comment ކޮމެންޓް