"ސައުދީ އަރަބިއާއިން ފިލައިގެން ދިޔައީ މިނިވަންކަން ހޯދަން"

މީގެ އަށް މަސް ކުރިން ސަލްވާ ވަނީ އޭނާގެ އާއިލާއަށް ފިލައިގެން ސައުދީ އަރަބިއާއިން ގޮސް ކެނެޑާއިން ހިމާޔަތް ހޯދާފައި -- ފޮޓޯ: ސަލްވާ

ފަހުގެ އަހަރުތަކުގައި ސައުދީ އަރަބިއާއަށް ގެންނަމުންދާ އިޖުތިމާއި އަދި އިގުތިސާދީ ބަދަލުތަކުގެ ދަށުން އެގައުމުގެ އަންހެނުންނަށް ވަނީ ކުރިން ނުލިބޭ ހައްގުތައް ދޭން ފަށާފަ އެވެ. އޭގެ ތެރޭގައި ކާރު ދުއްވުމާއި ފުޓުބޯޅަ ސްޓޭޑިއަމްތަކަށް ވަނުމުގެ ހުއްދަ ދިނުން ހިމެނެ އެވެ.

ނަމަވެސް ސައުދީގައި އަދި ވެސް މާބޮޑު ބަދަލެއް ގެނެސްފައި ނުވާ އެއް ގަވާދަކީ އެގައުމުގެ "މޭލް ގާޑިއަންޝިޕް ސިސްޓަމް" އެވެ. އެނިޒާމުގެ ދަށުން އަންހެނަކު ޕާސްޕޯޓެއް ބޭނުން ނަމަ ނުވަތަ ގައުމުން ބޭރަށް ދަތުރު ކުރާ ނަމަ ނުވަތަ ހައްޔަރު ކުރުމުން ޖަލުން ދޫކޮށްލަން ބޭނުންވެއްޖެ ނަމަ އާއިލާގެ ފިރިހެނެއްގެ ހުއްދަ ހޯދަން ޖެހޭނެ އެވެ.

މިދިޔަ ހަފްތާ ތެރޭގައި ސައުދީ އަރަބިއާގެ 18 އަހަރުގެ ކުއްޖަކު އެގައުމުން ފިލައިގެން ދިޔުމަށް ކުރި މަސައްކަތުގެ ސަބަބުން، ސައުދީގެ ގާޑިއަންޝިޕް ސިސްޓަމާއި އަންހެނުންނަށް ލިބިދޭ ހައްގުތަކާ ބެހޭ ގޮތުން އަނެއްކާ ވެސް ވަނީ ވާހަކަ ދެކެވެން ފަށާފަ އެވެ.

އެގޮތުން މިއީ ރަހަފް އަލް ގުނޫން ގޮތަށް، މީގެ އަށް މަސް ކުރިން ސައުދީން ފިލައިގެން ދިޔަ އެހެން އަންހެނެއް ކަމަށްވާ 24 އަހަރުގެ ސަލްވާގެ ވާހަކަ އެވެ.

ރަހަފް އަލް ގުނޫނަށް ކެނެޑާގެ ފޮރިން މިނިސްޓަރު މަރުހަބާ ވިދާޅުވަނީ -- ފޮޓޯ: ރޮއިޓާސް

ސައުދީ ދޫކޮށް ދާން ތައްޔާރުވުން

ސަލްވާ ބުނި ގޮތުގައި އޭނާ އާއި އޭނާގެ 19 އަހަރުގެ އަންހެން ކޮއްކޮ ސައުދީ ދޫކޮށް ކެނެޑާއަށް ދިޔައީ އެކަން ކުރަން ވިސްނާތާ ހަ އަހަރު ފަހުންނެވެ. ނަމަވެސް ގައުމުން ބޭރަށް ދާން ދެމީހުންނަށް އައިޑީ ކާޑަކާއި ޕާސްޕޯޓެއް ބޭނުންވި އެވެ.

އަދި ނަސީބަކުން ސަލްވާ ޔުނިވާސިޓީގައި ކިޔަވަމުން ދިޔަ އިރު އޭނާގެ އާއިލާއިން އޭނާ އަށް އައިޑީ ކާޑެއް ހައްދަ ދިނެވެ. އަދި އިނގިރޭސި އިމްތިހާނެއް ހަދަން ޖެހޭތީ ޕާސްޕޯޓެއް ވެސް ހައްދާފައިވެ އެވެ. ނަމަވެސް ޕާސްޕޯޓު އޮތީ އޭނާގެ ބޭބެގެ އަތުގަ އެވެ.

ސަލްވާ ބުނި ގޮތުގައި އޭނާ ޕާސްޕޯޓު ހޯދީ، އޭނާގެ ބޭބެ ހުންނަ ގޭގެ ތަޅުދަނޑީގެ ކޮޕީއެއް ހައްދައިގެންނެވެ.

"އާއިލާގެ ހުއްދައާ ނުލައި އަހަންނަށް ގެ ދޫކޮށެއް ނުދެވޭ، އެހެންވެ އެމީހުން ނިދާފައި ތިއްބާ އަހަރެން ސިއްރުން ދިޔައީ. އެއީ ވަރަށް ނުރައްކާތެރި ކަމެއް. ސަބަބަކީ އެމީހުންނަށް އެނގުނު ނަމަ އަހަންނަށް އަނިޔާ ކުރާނެ،" ސަލްވާ ބުންޏެވެ.

ސަލްވާ ބުނި ގޮތުގައި ބޭބެ ހުންނަ ގޭގެ ތަޅުދަނޑިފަތި ލިބުމުން އޭނާއަށް އޭނާ އާއި ކޮއްކޮގެ ޕާސްޕޯޓު ހޯދުނެވެ. އަދި އޭގެ ފަހުން ބައްޕަގެ ފޯނު ނަގައި، އިންޓީރިއާ މިނިސްޓްރީގައި ބައްޕަގެ ނަމުގައި ރެޖިސްޓާ ކޮށްފައިވާ ނަމްބަރު ސަލްވާގެ ނަމްބަރަށް ބަދަލު ކުރި އެވެ. އެއީ ސަރުކާރުން ސަލްވާގެ ބައްޕައަށް ކުރާ މެސެޖުތައް އޭނާގެ ފޯނަށް އަންނަ ގޮތަށް ހެދުމަށެވެ.

މީގެ އިތުރުން، ސަލްވާ އާއި ކޮއްކޮ ގައުމުން ބޭރަށް ދިޔުމަށް ހުއްދަ ދިންކަން އެންގީ ވެސް ބައްޕަގެ ފޯނުން ކަމަށް އޭނާ ކިޔާދިނެވެ.

ސައުދީން ފުރައިގެން ދިޔުން

ސަލްވާ ބުނި ގޮތުގައި އެމީހުން ފުރަން ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ދިޔައީ ރޭގަނޑު އެންމެން ނިދާފަ ތިއްބާ އެވެ. އޭރު އަންހެނުންނަށް ކާރު ދުއްވުމުގެ ހުއްދަ އަދި ދީފައި ނުވުމުން އެމީހުން ދިޔައީ ޓެކްސީއެއްގަ އެވެ.

"އަހަރެމެން ކުރަން ދިޔަ ކަންތައް އޭރު އެއްވެސް މީހަކަށް އެނގުނު ނަމަ އަހަރެމެން މަރާލާނެ،" ސަލްވާ ބުންޏެވެ.

ސަލްވާ އާއި ކޮއްކޮ ސައުދީން ފުރާފައި ވަނީ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓުން -- ފޮޓޯ: ގެޓީ

ސަލްވާ ބުނި ގޮތުގައި އޭނާ އާއި ކޮއްކޮ ގޭގައި ނެތްކަން އެނގުމުން އޭނާގެ ބައްޕަ ފުލުހުންނަށް ގުޅި އެވެ. ނަމަވެސް އޭރު އެމީހުން ވަނީ ޖަރުމަނަށް ދާން ދަތުރު ފަށާފަ އެވެ.

ސަލްވާ ދަތުރަށް ބޭނުންވާ ދެ ޓިކެޓާއި ޖަރުމަނުގެ ޓްރާންޒިޓް ވިސާ ގަތީ، އޭނާ ޔުނިވާސިޓީގައި އުޅުނު އިރު މަސައްކަތް ކޮށްގެން އެއްކުރި ފައިސާއިންނެވެ.

ކެނެޑާއިން ހިމާޔަތް ހޯދުން

ޖަރުމަނަށް ދިޔުމަށް ފަހު ސަލްވާ ފެށީ ކެނެޑާއިން ހިމާޔަތް ހޯދުމުގެ މަސައްކަތެވެ. އޭނާ ބުނި ގޮތުގައި ކެނެޑާ ހިޔާރު ކުރީ އެއީ އިންސާނީ ހައްގުތަކަށް އިހުތިރާމް ކުރުމުގެ ރެކޯޑު ރަނގަޅު ގައުމަކަށްވާތީ އެވެ. އަދި ކެނެޑާއިން ހިމާޔަތް ލިބުމާއެކު އޭނާ އާއި ކޮއްކޮ އެގައުމަށް ދިޔަ އެވެ.

ސަލްވާ ބުނި ގޮތުގައި އޭނާ އާއި އޭނާގެ ކޮއްކޮ މިހާރު ކެނެޑާގައި ދިރިއުޅެނީ އެއްވެސް ހާސްކަމެއް، މަޖުބޫރު ކަމެއް ނެތި އެވެ.

"ސައުދީ އަރަބިއާގައި މާގިނަ ފައިސާ ހުރެދާނެ. ނަމަވެސް މިތަން މާ ރަނގަޅު. އަހަރެން އެޕާޓްމެންޓުން ބޭރަށް ދާން ބޭނުން ނަމަ ވަގުތުން ދާންވީ. އަހަންނަށް ހުއްދައެއް ބޭނުމެއް ނުވޭ. އެހެންވެ އަހަރެން ވަރަށް، ވަރަށް އުފާވޭ. އަހަންނަށް މިނިވަންކަން އިހުސާސުވޭ،" ސަލްވާ ބުންޏެވެ.

ބީބީސީއާ ވާހަކަ ދައްކަމުން ސަލްވާ ބުނި ގޮތުގައި އޭނާ އާއި އޭނާގެ އާއިލާއާ ދެމެދުގައި މިހާރު އެއްވެސް ގުޅުމެއް ނޯވެ އެވެ. ނަމަވެސް އެއީ ދެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ދެކެ އެވެ.

comment ކޮމެންޓް