ރޭ އިނގިރޭސި ޕްރިމިއާ ލީގު މެޗުތަކުގައިވީ ކިހިނެއް؟

މުހަންމަދު ސަލާހު ގޯލް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ދުނިޔޭގެ އެންމެ ވާދަވެރި ލީގު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސް ވަނީ ވަރުގަދަ މެޗުތަކެއް ކުޅެފަ އެވެ.

އެއް ވަނާގައި ހަތް ޕޮއިންޓްގެ ލީޑެއް ލިވަޕޫލް އިން ނެގި މެެޗުގައި ކުޅެފައި ވަނީ ބްރައިޓޮން އާ ދެކޮޅަށެވެ. ދެ ޓީމުގެ ވާދަ ވެރި ކުޅުމަކަށް ފަހު މެޗު ނިމިގެން ދިޔައީ 0-1ގެ ނަތީޖާއަކުން ލިވަޕޫލް ކުރި ހޯދައިގެންނެވެ. އެ މެޗުގެ ހަމަ އެކަނި ގޯލް، މެޗުގެ 50 ވަނަ މިނަޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައި ވަނީ މިސްރުގެ ފޯވާޑް މުހަންމަދު ސަލާހް އެވެ.

މުހަންމަދު ސަލާހު ގޯލް ޖެހުމަށް ފަހު އުފާ ފާޅުކުރަނީ

ރޭ ސަލާހު ކާމިޔާބު ކޮށްދިން ގޯލާ އެކު އޭނާ ވަނީ މި ސީޒަނުގެ ޓޮޕް ސްކޯރާގެ ރޭހުގެ އެންމެ ކުރީގައި އޮތް ޓޮޓެންހަމްގެ ހެރީ ކޭން އާއި އާސެނަލްގެ ޕެރިކް އޮބަމަޔަންގް އާއި އެއްހަމަ އަކަށް ޖެހިފަ އެވެ.

އެއިން ކޮންމެ ކުޅުންތެރިއެެއް މި ސީޒަނުގައި ވަނީ 14 ގޯލް ކާމިޔާބުކޮށްފަ އެވެ.

ޗެލްސީ އަދި ނިއު ކާސަލް ޔުނައިޓެޑް ބައްދަލު ކުރި މެޗު 1-2ގެ ނަތީޖާ އަކުން ކާމިޔާބު ކުރީ ޗެލްސީ އެވެ. މި މެޗުގައި ޗެލްސީގެ ގޯލްތައް ކާމިޔާބު ކޮށްދީފައި ވަނީ ޕެޑްރޯ އަދި ވިލިއަން އެވެ. ނިއު ކަސަލް އިން ޖެހި ހަމައެކަނި ގޯލު ޖަހާފައި ވަނީ މެޗުގެ 40 ވަނަ މިނަޓުގައި ކިއަރަން ކުލާކް އެވެ.

އިނގިރޭސި ފުޓުބޯޅައިގެ ގަދަ ބާރެއްކަމުގައިވާ އާސެނަލް ވަނީ ރޭގެ މެޗުން ބަލި ވެފަ އެވެ. ތާވަލުގެ ނުވަ ވަނާގައި އޮތް ވެސްޓް ހާމްއާ ބައްދަލުކޮށް 0-1ގެ ނަތީޖާއަކުން ބަލިވި މެޗުގައި ވެސްޓް ހާމްގެ ހަމައެކަނި ގޯލް ކާމިޔާބު ކޮށްފައި ވަނީ 48 ވަނަ މިނަޓުގައި ޑެކްލަން ރައިސް އެވެ. މި ބައްޔާ އެކު ތާވަލުގެ ހަތަރު ވަނައަށް އެރުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސްއެޅިފަ އެވެ. ސަބަބަކީ މިހާރު ހަތަރު ވަނާގައި އޮތް ޗެލްސީ ވަނީ ރޭ މެޗުން މޮޅުވެ ހަ ޕޮއިންޓަށް ފަރަގު ބޮޑު ކޮށްފަ އެވެ.

ޝޭން ލޯންގު ލެއިސްޓާ ކޮޅަށް ގޯލް ޖެހުމަށް ފަހު

ދެހާސް ސޯޅަ ވަނަ އަހަރުގެ ޗެމްޕިއަން ލެއިސްޓާ ސިޓީ އާއި ސައުތަމްޕްޓޮން ބައްދަލު ކުރި ފޯރި ގަދަ މެޗު ނިމިގެން ގޮސްފައި ވަނީ 1-2ގެ ނަތީޖާއަކުން ސައުތަމްޕްޓޮމް ކުރި ހޯދައިގެން އެވެ. އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު ސައުތަމްޕްޓޮމް ރޭގެ މޮޅާ އެކު ރެލިގޭޝަން ޒޯން އިން ވަގުތީ ގޮތުން ވަނީ ސަލާމަތް ވެފަ އެވެ.

ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާ އިރު ބާންލީ އާއި ފުލްހަމް ބައްދަލު ކުރި މެޗު 1-2 އިން ބާންލީ ކާމިޔާބު ކުރި އިރު ކާޑިފް އަދި ހަޑަލްސްފީލްޑް ބައްދަލު ކުރި މެޗު ނިމިގެން ގޮސްފައި ވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 އެއްވަރު ވެގެން އެވެ. އޭގެ އިތުރުން ކްރިސްޓަލް ޕެލެސް އަދި ވެޓްފޯޑް ބައްދަލު ކުރި މެޗު 1-2 އިން ކާމިޔާބު ކުރީ ވެޓްފޯޑް އެވެ.

މިރޭ ވެސް ޕްރިމިއާ ލީގުގެ ފޯރި ގަދަ މެޗު ތަކެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޓޮޓެންހަމް އަދި މެންޗެސްޓާ ޔުނައިޓެޑް ބައްދަލު ކުރާ މެޗު ފާހަގަ ކޮށްލެވެ އެވެ.

comment ކޮމެންޓް