ނަރްގިސް ބަނޑުބޮޑެއް ނޫން

ނަރްގިސް --

ބަތަލާ ނަރްގިސް ފަކްރީ ބަނޑުބޮޑު ކަމަށް ބުނެ ދައުރުވަމުން އަންނަ ރިޕޯޓުތައް ދޮގުކޮށް، ދޮގު މައުލޫމާތު ފަތުރާތީ އޭނާ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ނަރްގިސްގެ ލޯބިވެރިޔާ މެޓް އަލޮންޒޯގެ ދަރިއަކަށް އޭނާ ބަލިވެ އިން ކަމާމެދު ސުވާލު އުފައްދައި 'ދަ ލައިވް މިރާ' އިން ޚަބަރެއް ޖަހައިފައި ވަނީ ވަރަށް ފަހުން ބޭއްވި ހަފްލާއެއްގައި ނަރްގިސް ދޫކޮށް ހެދުން ލައިފައި ހުރުމުގެ އިތުރުން އޭނާ ކުރިއަށް ވުރެ ފަލަ ކަމަށް ފެންނާތީ އެވެ. އެ ޚަބަރުގެ ސަބަބުން ނަރްގިސް ވަނީ ވަރަށް ބޮޑަށް ރުޅި އައިސްފަ އެވެ.

ނަރްގިސް ކުރި ޓުވީޓެއްގައި އޭނާ ވަނީ އެ ޚަބަރު ނެގުމަށް ބުނެފަ އެވެ. އަދި އެ ޚަބަރުގައި ވަނީ ހުސް ދޮގު މައުލޫމާތު ކަމަށާއި ރިޕޯޓަރު އޭނާ "ބޮޑީ ޝޭމް" ކޮށްފައިވާ ކަމަށް ވެސް ނަރްގިސް ބުންޏެވެ. ނަރްގިސް ވަނީ އޭނާ ކޮންމެސް ބައްޔެއްގައި އުޅެމުން އަންނަ ފަދަ އިޝާރާތެއް ވެސް ކޮށްފަ އެވެ. އަދި ޚަބަރެއް ޖެހުމުގެ ކުރިން ކަމުގެ ދެކޮޅު ބަލައި ހުރިހާ ވާހަކައެއް ކަށަވަރު ކުރުމަށް ނަރްގިސް ވަނީ ބުނެފަ އެވެ.

ނަރްގިސް އާއި މެޓް ވަނީ އަހަރެއްހާ ދުވަސް ވަންދެން ގުޅިގެން އުޅެފަ އެވެ. ނަމަވެސް މިހާރު ދެމީހުން ވަކިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ދެމީހުން ވަކިވި ކަމަށް ރިޕޯޓުތައް ބުނީ މެޓް އާއެކު އޭނާ އިންސްޓަގްރާމަށް ލައިފައި ހުރި ފޮޓޯތައް ޑިލީޓް ކޮށްލުމުންނެވެ. މިއީ ނަރްގިސް ބަނޑުބޮޑު ކަމަށް ބުނެ ޚަބަރެއް ފެންމަތިވި ފުރަތަމަ ފަހަރެއް ނޫނެވެ.

ދެހާސް ހަތް ވަނަ އަހަރު ވެސް އޭނާ ބަނޑުބޮޑު ކަމަށް ވާހަކަތައް ދެކެވުނެވެ. ނަރްގިސް އެންމެ ފަހުން ފެނިގެން ދިޔައީ 2016 ވަނަ އަހަރު ރިލީޒް ކުރި ފިލްމު 'ބަންޖޯ' އިންނެވެ. ދެން އޭނާ އެންމެ އަވަހަށް ފެނިގެން ދާނީ އަންނަ ފެބުރުއަރީ މަހު ރިލީޒް ކުރާ ބިރުވެރި ފިލްމު 'އަމާވަސް' އިންނެވެ.

comment ކޮމެންޓް