އެކްޓަރު ވިޝާލް ތާކަރު ގެއްލިގެން ހޯދާތާ ތިން އަހަރު، އަދިވެސް ނުފެނޭ!

ވިޝާލް ތާކަރު --

ރާޖްކުމާރު ހިރާނީގެ ފިލްމު 'މުންނާ ބާއީ އެމްބީބީއެސް'ގެ ލަވަ "ޗައިލާ ކިޔާ ސޫރަތު ތީ" އިން ފެނިގެން ދިޔަ އެކްޓަރު ވިޝާލް ތާކަރު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދާތާ ތިން އަހަރު ވެފައިވާ އިރު، އަދި ވެސް އެއްވެސް ޚަބަރެއް ނުވާކަމަށް ފުލުހުން ބުނެފި އެވެ.

ވިޝާލްގެ އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައި ވަނީ ވިޝާލް އެންމެ ފަހުން ގެއިން ނުކުތީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭ 'ސްޓާ ވޯޒް: ދަ ފޯސް އަވޭކަންސް' ބަލަން އޭނާގެ މަންމަ އަތުން 500 ރުޕީޒް ހޯދައިގެން ކަމަށެވެ.

އަދި އޭނާ އާއެކު ފިލްމު ބަލަން ދާން މަންމަ ގާތު ބުނި ކަމަށާއި، ނަމަވެސް އޭނާގެ މަންމަ ފިލްމަށް ދާން އިންކާރު ކުރި ކަމަށެވެ. އަދި އެ ރޭ ދަންވަރު އެކެއް ޖަހާ އެހާކަށް ހާއިރު ޕާޓީ އަކަށް ދަނީ ކަމަށާއި، އަނެއް ދުވަހު ބައްދަލު ވާނެ ކަމަށް ބުނެ ވިޝާލް ވަނީ އޭނާގެ ބައްޕައަށް މެސެޖެއް ކޮށްފަ އެވެ.

ނަމަވެސް އެއީ ވިޝާލްގެ މައިންބަފައިންނަށް އޭނާގެ ޚަބަރެއްވީ އެންމެ ފަހު ފަހަރެވެ. އޭގެ ފަހުން ވިޝާލް ގެއަށް ގޮސްފައި ނުވާއިރު، މެސެޖެއް ވެސް ކޮށްފައެއް ނުވެ އެވެ.

"އަހަންނަށް ޚިޔާލަށް ވެސް ނުގެނެވޭ އަހަރެންގެ ދަރިފުޅަށް ވީގޮތެއް،" ވިޝާލްގެ މަންމަ ބުންޏެވެ.

ވިޝާލް ގެއްލުނު އިރު އޭނާ ދިރިއުޅެމުން ދިޔައީ މުމްބާއީގެ މުލުންދުގައި އޭނާގެ މައިންބަފައިންނާ އެކު އެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މުލުންދު އާއި 12 ވަރަކަށް ކިލޯމީޓަރު ދުރުން، ތާނޭގެ މަގެއް މަތިން، 2016 ވަނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހު ހެނދުނު 11:45 ހާއިރު އޭނާގެ ލޯބިވެރިޔާ އާއެކު އެވެ. އޭރު އޭނާ ދިޔައީ ފިލްމެއްގެ ޝޫޓިން އަށެވެ. އަދި 12:10 ގައި އާ އަހަރުގެ ތަހުނިޔާ ކިޔައި ވިޝާލް ވަނީ ފޭސްބުކް ޕޯސްޓެއް ކޮށްފަ އެވެ.

އެއަށް ފަހު އޭނާގެ ފޯނު ނިވާލި ގޮތަށް މިއަދާ ހަމައަށް ވެސް އަލުން ހުޅުވައިފައެއް ނުވެ އެވެ. ވަގަށް ނަގައިގެން ލާރި ހޯދަން ވެސް ބަޔަކު އާއިލާ އަށް ގުޅައިފައި ނުވާ އިރު، ވިޝާލް އޭނާގެ ބޭންކް އެކައުންޓު މެދުވެރިކޮށް ފައިސާގެ އެއްވެސް މުއާމަލާތެއް ވެސް ކޮށްފައެއް ނުވެ އެވެ.

ވިޝާލް ގެއްލިގެން ފުލުހުން ފުރަތަމަ ތުހުމަތު ކުރީ އޭނާގެ ލޯބިވެރިޔާގެ އަތެއް އެކަމުގައިވާ ކަމަށެވެ. ނަމަވެސް އަންހެން މީހާގެ ބަޔާނުން، ވިޝާލް ގެއްލުމާއި އޭނާ އާއި އެއްވެސް ގުޅުމެއް ނެތްކަން ސާފުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ވިޝާލް މަރާލީ ކަމެއް ނުވަތަ ވަގަށް ނެގީ ކަމެއް ނުވަތަ އޭނާ އަމިއްލައަށްނފިލީ ކަމެއް ވެސް އަދި ނޭނގޭ ކަމަށެވެ.

ވިޝާލް އަމިއްލައަށް ފިލީ ކަމަށް ބެލެވެނީ އޮކްޓޫބަރު 2015ގައި އޭނާ އާއި ދެކޮޅަށް ކުރީގެ ލޯބިވެރިޔަކު ފުލުހުންނަށް ހުށަހެޅި ރޭޕްގެ މައްސަލައެއްގެ ސަބަބުންނެވެ. ނަމަވެސް ފަހުން އެ އަންހެން ކުއްޖާ ވަނީ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

ވިޝާލްގެ މަންމަ ބުނީ އެ އަންހެން ކުއްޖާ ފުލުހަށް ދިޔައީ ދެމީހުންގެ ދޭތެރޭގައި ޖެހުނު މައްސަލައެއްގެ ސަބަބުން ކަމަށެވެ. މައްސަލަ އަނބުރާ ގެންދިޔަ ނަމަވެސް އެ މައްސަލައަށް ފަހު އޭނާގެ ކެރިއަރަށް އެކަމުގެ އަސަރު ވަރަށް ބޮޑަށް ކުރިއެވެ.

ފުލުހުން ބުނީ ތިން އަހަރު ވަންދެން ވިޝާލް ހޯދުމުގެ މަސައްކަތް ކުރަމުން އައި ނަމަވެސް، މިއަދާ ޖެހެންދެން ވެސް ވިޝާލްގެ އެއްވެސް ޚަބަރެއް ނުވާ ކަމަށެވެ.

'މުންނާ ބާއީ'ގެ އިތުރުން ވިޝާލް ވަނީ އަޖޭ ދޭވްގަން އަދި ބޮބީ ޑިއޯލް އާއެކު 'ޓެންގޯ ޗާލީ' ގައި ވެސް މައްސައްކަތްކޮށްފަ އެވެ. ފިލްމުގެ އިތުރުން ގިނަ ޓީވީ ޑްރާމާތަކަކުން ވެސް ވިޝާލް ފެނިގެން ދިޔަ އެވެ. އޭގެ ތެރޭގައި 'ތާރަކް މެހެތާކާ އުލްޓާ ޗަޝްމާ' އަދި 'ކިސް ދޭޝް މޭ ހޭ މެރާ ދިލް' ފާހަގަކޮށްލެވެ އެވެ.

comment ކޮމެންޓް