ޕީޕީއެމް ދޫކޮށް، މުންދު ޕީއެންސީއާ ގުޅިއްޖެ

މުހައްމަދު ހުސައިން ޝަރީފް (މުންދު) ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްކަމުން އިސްތިއުފާދެއްވައި، އެޕާޓީން ވަކިވުމަށްފަހު ޕީއެންސީއާ ގުޅިވަޑައިގަތުން -- ފޮޓޯ/ މުހައްމަދު ހުސައިން ޝަރީފް

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން މުހައްމަދު ހުސައިން ޝަރީފް (މުންދު) އިސްތިއުފާ ދެއްވައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް ސޮއިކުރައްވައިފިއެވެ.

މުންދު ވަނީ މިކަން ކަށަވަރު ކޮށްދެއްވާފައެވެ.

"އަޅުގަނޑު މިއަދު ޕީޕީއެމްގެ އެސްޖީ ކަމުން އިސްތިއުފާ ދީ، ޕީޕީއެމްއިން ވަކިވުމަށްފަހު ކޮންގްރެސް ޕާޓީއާ ރަސްމީގޮތުން ގުޅުނު ވާހަކަ ދަންނަވާލަން،" މުންދު މިއަދު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، ފަހުން ޖަޕާން އަދި ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރުކަންވެސް ކުރެއްވި މުންދު ޕީއެންސީއަށް ސޮއިކުރެއްވި ފޯމު ހުށަހެޅުއްވީ ޕީއެންސީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވި، ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އާއެވެ.

އާ ޕާޓީއެއް އުފެއްދުމަށްޓަކައި 3،000 މެމްބަރުންގެ ފޯމު އިލެކްޝަންސްއަށް ހުށަހަޅާން ޖެހޭ އިރު، މިދިޔަ ހަފްތާ ތެރޭގައި ޕީއެންސީ އުފެއްދުމަށްޓަކައި 4،000 އަށް ވުރެ ގިނަ ފޯމު ވަނީ އެ ޕާޓީގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައެވެ.

ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ކޮމިޝަނަށް ހުށަހެޅި 4،000 ފޯމުގެ އިތުރަށްވެސް 6،000 އެއްހާ މެމްބަޝިޕް ފޯމު ހުށަނާޅާ އެބަ ހުރި ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި، ޕީޕީއެމްގައި މިހާރު އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދާ އިރު، ޕީޕީއެމްއާ ގުޅޭ މައްސަލަތަކެއް ކޯޓުތަކުގައި ދަނީ ހިނގަމުންނެވެ.

http://sun.mv/113789

އޭގެ ތެރޭގައި ސުޕްރީމް ކޯޓުގައި ހިނގާ މައްސަލައަކާއި، ރިޔާސީ އިންތިހާބުގެ ދުވަސްވަރު ކެމްޕޭން ހަރަކާތްތަކަށް މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރުމަށްފަހު ނުދައްކާ އޮތް 3.8 މިލިޔަން ރުފިޔާ ހޯދުމަށް އައިލެންޑް އޭވިއޭޝަނުން ޕީޕީއެމްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިމެނެއެވެ.

އަބްދުއްރަހީމް މީގެ ކުރިން ވިދާޅުވެފައިވަނީ އެ ދަރަނި އޮތްކަމަށާއި ނަމަވެސް ނުދެއްކި ވަނީ ޕީޕީއެމްގެ ހާލަތު އޮތް ގޮތުން ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާގައި އޭނާ ވިދާޅުވީ ދަރަންޏަށް ޕާޓީ ދޫކޮށް، އާ ޕާޓީ ހެދުމަކީ ރާއްޖޭގައި ސަގާފަތެއް ކަމަށެވެ.

http://sun.mv/113848

މިކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފް މިދިޔަ ހަފްތާގައި ވިދާޅުވީ ޕީޕީއެމް ދޫކޮށް ލީޑަޝިޕުން އާ ޕާޓީއެއް އުފެއްދުމުން ޕީޕީއެމްގެ ދަރަންޏާއި އެހެން ކަންކަމަށް ޒިންމާ ވާނެ ފަރާތެއް ނުހުންނާނެ ކަމަށާއި އެކަމާ މެދު ކޮމިޝަނުން ކަންބޮޑުވާ ކަމަށެވެ.

"ގާނޫނުގައި ވަކި ނުކުތާއެއް ނުވަތަ ކަމެއް ނެތް ކަމުގައިވިޔަސް އަޅުގަނޑުމެންނަށް ލިބިފައިވާ ގާނޫނީ ޒިންމާ ތެރޭން ޖަވާބުދާރީ ކުރެވޭނެ ގޮތްތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހޯދާނަން." ޝަރީފު ވިދާޅުވި އެވެ.

comment ކޮމެންޓް