ފަސް އަހަރު ތެރޭގައި 40،000 ވަޒީފާ އުފައްދާނަން: އިކޮނޮމިކް މިނިސްޓަރު

އެމްޑީޕީގެ ޖަލްސާއެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ -- ސަން ފައިލް ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 40،000 ވަޒީފާ އުފެއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

މަންދު ކޮލެޖުގެ ފަރާތުން މިއަދު ދަރުބާރުގޭގައި "ދެންވާންވީ ކީއް؟"ގެ ނަމުގައި ކެރިއާ ގައިޑަންސް ޕްރޮގްރާމެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތަކީ ރާއްޖޭގައި ވަޒީފާ އުފައްދަން ބޭނުންވާ ދާއިރާތައް ބެލުން ކަމަށެވެ.

"މިހާރު ކުރަމުންދާ މަސައްކަތަކީ ރާއްޖޭގައި ވަޒީފާ އުފެއްދުމަށް ބޭނުންވަނީ ކޮން ކަމެއްތޯއާއި [ބޭނުންވާ] ދާއިރާތައް ބެލުމުގެ މަސައްކަތް. އިގްތިސޯދު ފުޅާވެގެން ވަޒީފާ އުފެދޭނީ، އަދި ރައޔްިތުންނަށް އޭގެ މަންފާ ކުރާނީ،" ފައްޔާޒް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 96،000 ވަޒީފާ އުފެއްދުމުގެ ވައުދު ވެފައި އޮތް އޮތުމަށް ނިސްބަތްކުރައްވައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވިދާޅުވީ އެހާ ވަރަށް ވަޒީފާ އުފެއްދިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެން ނަމަވެސް 40،000 އެއްހާ ވަޒީފާ އުފެއްދޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި 30،000 ނުވަތަ 40،000 އަކަށް ވަޒީފާ އުފެއްދޭތޯ މަސައްކަތް ކުރާނަން. މިކަމަށް ވަރަށް ގިނަ މަސައްކަތްތަކެއް ބޭނުންވޭ. ޚާއްސަކޮށް ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުގައި ހަރަކާތްތެރިވާ ކޮލެޖުތަކުގެ އެހީތެރިކަން ސަރުކާރަށް ބޭނުންވޭ،" ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މަތީ ތައުލީމާއި ޓެކްނިކަލް ތަމްރީނު ދީގެން ވަޒީފާ އުފައްދަން ސަރުކާރުން ބޭނުންވާ ދާއިރާތަކެއް އެބަ ހުރި ކަމަށާއި، ޕްރައިވެޓް ކޮލެޖުތަކުން ބޭނުން ވަނީ އެކަމުގެ އެހީތެރިކަން ކަމަށެވެ.

އަދި ސަރުކާރުން ބަލާނީ ސަރުކާރާ އިދިކޮޅު ފިކުރު ހުންނަ ފަރާތްތަކަށް ވެސް އެހީތެރިވެގެން އިގްތިސޯދު ވަރުގަދަކުރުމަށާއި ރައްޔިތުންނަށް ލިބެން ޖެހޭ ހިދުމަތްތައް ވަރުގަދަކުރުމަށް ކަމަށް ވިދާޅުވި އެވެ.

"މަންދު ކޮލެޖާއި އެހެން ކޮލެޖުތަކަށް ވެސް މި ސަރުކާރުން ފަހި ފުރުސަތުތަކެއް ފަހިކޮށްދެވޭނެ،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް