އިންޑިއާގެ ދީނީ ލީޑަރު ރާމް ރަހީމް ނޫސްވެރިޔަކު މަރާލިކަން ސާބިތުވެއްޖެ

ޑެރާ ސައްޗާ ސޯދާގެ ލީޑަރު ރާާމް ރަހީމް: ނޫސްވެރިޔާ ރާމް ޗާންދަރު ޗަތުރަޕަޓީ މަރާލި މައްސަލަ އޭނާގެ މައްޗަށް ވަނީ ސާބިތުވެފައި ---

އިންޑިއާގެ ދީނީ ހަރުކަށި ޖަމާތެއް ކަމަށްވާ ޑެރާ ސައްޗާ ސޯދާގެ ލީޑަރު ރާމް ރަހީމް 2002 ވަނަ އަހަރު ނޫސްވެރިއަކު މަރާލި ކަމަށް ބުނާ މައްސަލަ ހަރުޔާނާގެ ކޯޓެއްގައި އޭނާގެ މައްޗަށް ސާބިތުވެއްޖެއެވެ.

ރާމް ރަހީމްގެ މައްޗަށް ސާބިތުވީ، އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ރާމް ޗަންދަރު ޗަތުރަޕަތީ މަރާލި މައްސަލަ އެވެ. 2002 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޗަތުރަޕަތީ މަރާލީ އޭނާ ދިރިއުޅުނު ގޭގެ ކުރިމަތީގައި ދިން ބަޑީގެ ހަމަލާއަކުންނެވެ.

ޗަތުރަޕަތީ މަރާލީ، ޑެރާ ސައްޗާ ސޯދާގެ ހެޑްކުއާޓާގައި އަންހެނުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނެ އެ ނޫހަށް އާންމު ފަރާތަކުން ފޮނުވި ސިޓީއެއް އޭނާ އެޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ނޫސް ކަމަށްވާ "ޕޫރާ ސާޗާ"ގައި ޝާއިއު ކުރުމުންނެވެ.

އޭނާ މަރާލި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރިއެވެ. އޭގެ ތެރޭގައި ރާމް ރަހީމްވެސް ހިމެނޭ އިރު އެ ހަތަރު މީހުންގެ މައްޗަށްވެސް ދައުވާ ވަނީ ސާބިތުވެފައެވެ. އެ މައްސަލައިގައި އެ މީހުންގެ މައްޗަށް ހުކުމް ކުރާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.

ޗަތުރަޕަތީ މަރާލި މައްސަލަ ރާމް ރަހީމްގެ މައްޗަށް ސާބިތުވެފައިވާ އިރު މިހާރުވެސް އޭނާ ގެންދަނީ، އޭނާއަށް ތަބާވި ދެ އަންހެނުން ރޭޕް ކުރި މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ރާމް ރަހީމްގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމް އިއްވި ދުވަސްވަރު އޭނާގެ ސަޕޯޓަރުން ވަނީ ހަރުޔާނާ ސްޓޭޓުގައި އެތައް ހަމަނުޖެހުންތަކެއް ހިންގާފައެވެ. އެ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވިއެވެ.

ޑެރާ ސައްޗާ ސޯދާ އަކީ ވަކި ދީނަކަށް ނިސްބަތް ނުވާ އަމިއްލަ ދީނީ ހަރަކާތެކެވެ. އެ ޖަމާއަތުން ބުނާ ގޮތުން އެ ޖަމާއަތަށް ތަބާވާ 50 މިލިއަނެއްހާ މީހުން އުޅެ އެވެ.

comment ކޮމެންޓް