އެމެރިކާ ސިފައިން ތަންފީޒުކުރާނީ ޓްރަމްޕްގެ އަމުރު، ބޯލްޓަންގެ ބަޔާންތަކެއްނޫން

އެމެރިކާ ސިފައިން ސޫރިޔާގައި ގާނޫނާ ޚިލާފަށް ސޫރިޔާގައި ހަރަކާތްތެރިވަނީ

ވޮޝިންޓަން (ޖަނަވަރީ 11) : ސޫރިޔާގައިތިބި އެމެރިކާ ސިފައިން ބޭލުމުގެ ކަންތައް ފަށައިގެން ކުރިޔަށް ގެންދާކަމަށް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ބުނެފިއެވެ.

އެމެރިކާ ސިފައިންގެ ޖެނެރަލަކާ ހަވާލާދީ "ވޯލް ސްޓްރީޓް ޖޯނަލް" ބުނިގޮތުގައި އެމެރިކާ ސިފައިން ތަންފީޒުކުރާނީ ރައީސް ޓްރަމްޕްގެ އަމުރެވެ. އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ދައްކަވާ ވާހަކަތަކާއި ދެއްވާ ބަޔާންތަކެއް އެއްނޫނެވެ.

ޕެންޓަގަންގެ މަސްއޫލުވެރިންނާ ހަވާލާދީ "ވޯލް ސްޓްރީޓް ޖޯނަލް" ބުނިގޮތުގައި ސޫރިޔާއިން އެމެރިކާ ސިފައިން ބޭލުމަށް އެމެރިކާގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުގެ ޙައިސިއްޔަތުން ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ ޑިސެމްބަރު މަހު ކުރެއްވި އަމުރު ވަނީ ތަންފީޒުކުރަން ފަށާފައި ކަމަށާ ޓްރަމްޕްގެ އަމުރުގައި ސޫރިޔާގައި ތިބި އެމެރިކާގެ ހުރިހާ ސިފައިންނާއި ހަތިޔާރާއި އެނޫންވެސް ވަސީލަތްތައް ސޫރިޔާއިން ބާލައި އެމެރިކާއަށް ގެންދިޔުން ހިމެނޭކަމުގައެވެ.

ސޫރިޔާއިން އެމެރިކާ ފޭބުމުގެ މައްސަލާގައި އޮޅުންބޮޅުން އަރާގޮތަށް ބަޔާންތައް ދެއްވާފައިވަނީ އެމެރިކާގެ ހަރުކަށި ވިސްނުމުގެ ބޭފުޅެއްކަމަށްވާ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަންއެވެ. ބޯލްޓަން މިދިޔަ ހަފްތާގައި އިސްރާއީލަށާއި ތުރުކީއަށް ކުރެއްވި ދަތުރުފުޅެއްގައި އިސްރާއީލުގައި ހުންނަވައިގެން ދެއްވި ބަޔާނެއްގައި އެމެރިކާގެ ސިފައިން ސޫރިޔާއިން ބާލާނީ ތުރުކީ ސިފައިން ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ހަމަލާ ނުދޭނެކަމުގެ ގެރެންޓީ ތުރުކީ ސަރުކާރުން ދިނުމުން ކަމަށް ވިދާޅުވުމުން ތުރުކީވިލާތުންވަނީ އޭނާއަށް ބަހުގެ ހަމަލާތަކެއް ދީފައެވެ.

މި ބަޔާނާމެދު ކޯފާވެ ވަޑައިގެން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެމެރިކާއާއި ތުރުކީގެ ގުޅުންތައް ޚަރާބު ކުރަން ބޯލްޓަން މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ ބޯލްޓަންއަށް ބަހުގެ ހަމަލާތަކެއް ދެއްވައި އަދި ތުރުކީއަށް ވަޑައިގަތުމުން އޭނާއާ ބައްދަލުކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ.

ބޯލްޓަންގެ މިބަޔާނަށްފަހުވެސް ޓްރަމްޕް ވަނީ އެމެރިކާގެ ސިފައިން ސޫރިޔާއިން ބޭލުމުގެ ކަންތައް ކުރިޔަށް ގެންދާނެކަމަށާ ނަމަވެސް އެކަން ކުޑަކޮށް ލަސްވުން އެކަށީގެންވާ ކަމަށް ވިދާޅުވެފައެވެ. ބޯލްޓަންއަކީ އިސްރާއީލަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އިސްރާއީލަކީ އެމެރިކާ ސިފައިން ސޫރިޔާއިން ބޭލުމާ ދެކޮޅު ހަދާ ގައުމެކެވެ. އިސްރާއީލަށް ތާއީދު ކުރައްވާ އެމެރިކާގެ ގިނަ މަސްއޫލުވެރިންނަކީ އެމެރިކާގެ މަސްލަހަތަށްވުރެވެސް އިސްރާއީލުގެ މަސްލަހަތު ޙިމާޔަތް ކުރައްވާ ކަމަށް ތުހުމަތު ކުރެވޭ ހަރުކަށި ވިސްނުމުގެ ބޭފުޅުންނެވެ.

ސޫރިޔާއިން އެމެރިކާ ސިފައިންނާއި ހަތިޔާރާއި ވަސީލަތްތައް ބާލައި އަނބުރައި އެމެރިކާއަށް ގެންދިޔުމަށްޓަކައި އެމެރިކާގެ ކަނޑުގެ ސިފައިންގެ މަނަވަރުތަކެއް ސޫރިޔާއާ ދިމާއަށްވާގޮތަށް މެޑިޓަރޭނިޔަން ކަނޑުގައި ބަނދަރުކޮށްފައިވާ ކަމަށްވެސް އެ ނޫސް ބުނެއެވެ.

އެމެރިކާ ސިފައިން ސޫރިޔާގައި ތިބެނީ ސޫރިޔާގެ ހުއްދައަކާ ނުލައި ގަދަބާރުން އިސްތިއުމާރީ އުސޫލުންނެވެ. (އާރުޓީ)

ގުޅޭ ޓެގު
comment ކޮމެންޓް