ސައުދީ ކުއްޖާއަށް އޮސްޓްރޭލިއާއިން ހިމާޔަތް ދީފި: ތައި އޮފިޝަލުން

ރަހަފްއަށް އޮސްޓްރޭލިއާއިން ހިމާޔަތް ދީފައިވާ ތައިލޭންޑުން ބުނޭ -- ފޮޓޯ: އޭއެފްޕީ

ބޭންކޮކް (ޖެނުއަރީ 11): އާއިލާއަށް ފިލައިގެން ތައިލޭންޑަށް ދިޔަ ސައުދީ އަރަބިއާގެ 18 އަހަރުގެ ކުއްޖާއަށް އޮސްޓްރޭލިއާއިން ހިމާޔަތް ދީފި ކަމަށް ތައިލޭންޑުގެ އިމިގްރޭޝަން އޮފިޝަލަކާ ހަވާލާދީ ސީއެންއެންއިން ބުނެފި އެވެ.

ތަައިލޭންޑުގެ ޗީފް އޮފް އިމިގްރޭޝަން ސުރަޗަތޭ ހަކްޕާން ވިދާޅުވި ގޮތުގައި އޮސްޓްރޭލިއާގެ އިތުރުން ކެނެޑާއިން ވެސް ދަނީ ރަހަފް މުހައްމަދު އަލް ގުނޫނަށް ހިމާޔަތް ދިނުމާ ބެހޭ ގޮތުން އދ.ގެ ރެފިއުޖީ އޭޖެންސީ (ޔޫއެންއެޗްސީއާރު)އާ މަޝްވަރާ ކުރަމުންނެވެ.

"އޮސްޓްރޭލިއާއިން ވަނީ ހިމާޔަތް ދީފަ. ނަމަވެސް އަޅުގަނޑުމެން މިތިބީ (ރަހަފް) ދާނެ ތަނެއް އެކުއްޖާ އަމިއްލަޔަށް ބުނަންދެން،" ހަކްޕާން ވިދާޅުވި އެވެ.

ރަހަފްގެ އާއިލާއަކީ ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ކުރާ ބައެއް ކަމަށް ބުނެ، އޭނާ މިދިޔަ ހޮނިހިރު ދުވަހު ތައިލޭންޑަށް ދިޔައީ އާއިލާއާ އެކު ކުވޭތުގައި ހުރުމަށް ފަހުގަ އެވެ. އަދި ތައިލޭންޑުން ރަހަފް އަނބުރާ ކުވޭތަށް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް އޭނާ ވަނީ ބޭންކޮކުން ފުރަން ދެކޮޅު ހަދައި، އޭނާގެ ތަޖުރިބާ ޓުވިޓާގައި ހިއްސާކޮށްފަ އެވެ.

އޭގެ ސަބަބުން އެތައް ހާސް މީހުން ވަނީ ރަހަފް އަނބުރާ ސައުދީއަށް ފޮނުވާ ނުލުމަށް އެދި ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކޮށްފަ އެވެ. އޭގެ ސަބަބުން ތައިލޭންޑުން ވަނީ ރަހަފްއަށް އެގައުމުގައި ހުރުމަށް ހުއްދަ ދީފަ އެވެ. އަދި އދ.އިން ވަނީ ރަހަފްއަކީ ރެފިއުޖީ ކަމަށް ކަނޑައަޅާފަ އެވެ.

ނަމަވެސް ޓުވިޓާ މެދުވެރިކޮށް ރަހަފަށް މަރުގެ އިންޒާރު ދެމުންދާތީ އޭނާގެ ޓުވިޓާ އެކައުންޓު މިހާރު ޑީއެކްޓިވޭޓުކޮށްފައިވާ ކަމަށް ރަހަފްގެ އެކުވެރިޔަކު ބުންޏެވެ.

ރަހަފްއަށް ކެނެޑާއަށް ނުވަތަ އޮސްޓްރޭލިއާއަށް ދެވެންދެން އޭނާ ހުރީ ޔޫއެންއެޗްސީއާރުގެ ބެލުމުގެ ދަށުގަ އެވެ.

ރަހަފްގެ ތުހުމަތުތަކާ ބެހޭ ގޮތުން އޭނާގެ އާއިލާއިން އަދި ވަކި އެއްޗެކޭ ބުނެފައި ނުވެ އެވެ.

comment ކޮމެންޓް