ހަސީނާގެ ފޮޓޯއަށް ބަދަލުގެނައި މީހަކު 7 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ބޮޑުވަޒީރު ޝޭހް ހަސީނާގެ ފޮޓޯތަކެއް އެޑިޓް ކުރި މީހަކު ވަނީ ހަތް އަހަރަށް ޖަލަށް ލާފައި -- ފޮޓޯ: ރޮއިޓާސް

ޑާކާ (ޖެނުއަރީ 11): ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާގެ ފޮޓޯތަކަކަށް ބަދަލުތަކެއް ގެނެސް ފޭސްބުކުގައި ހިއްސާ ކުރި މީހަކު ހަތް އަހަރަށް ޖަލަށް ލާން އެގައުމުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އުމުރުން 35 އަހަރުގެ މުހައްމަދު މުނީރުގެ މައްޗަށް ބަންގުލަދޭޝްގެ ސައިބާ ޓްރައިބިއުނަލްއިން ޖަލު ހުކުމް ކުރީ އެގައުމުގެ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ގާނޫނުގެ ދަށުންނެވެ.

މުނީރު އެޑިޓް ކުރި ފޮޓޯތަކުން ޝޭހް ހަސީނާ އާއި ކުރީގެ ރައީސް ޒިލޫރު ރަހްމާން ފެނިގެންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

"[މުނީރު] ވަނީ ބަދަލުތަކެއް ގެނެސްފައިވާ އެފޮޓޯތައް ފޭސްބުކުގައި ހިއްސާކޮށް އޭގެ ކެޕްޝަންގެ ގޮތުގައި ބޭދައަދަބީ ވާހަކަތަކެއް ލިޔެފައި،" ޕްރޮސެކިއުޓާ ނަޒްރުލް އިސްލާމް ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ބަންގުލަދޭޝްގެ ސައިބާ ކޯޓު 2013 ވަނަ އަހަރު ހުޅުވި ފަހުން އެގައުމުން ވަނީ އެފަދަ މައްސަލަތަކުގައި ހަތް މީހަކު ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އަދި އެކޯޓަށް ވަނީ އިތުރު 200 މައްސަލައެއް ހުށަހަޅާފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމްއިއްޔާތަކުން ވަނީ ސަރުކާރުން އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އައިސީޓީ ގާނޫނުގެ ބޭނުން ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު އެގައުމުން ވަނީ އެގާނޫނުގެ ދަށުން މަޝްހޫރު ފޮޓޯގްރާފަރު ޝާހިދުލް އަލަމް ހައްޔަރުކޮށްފަ އެވެ.

އޭނާ ހައްޔަރު ކުރީ އެގައުމުގައި އޭރު ދަރިވަރުންތަކެއް ކުރަމުންދިޔަ މުޒާހަރާތަކާ ބެހޭ ގޮތުން އިންޓަވިއުއެއް ދިން ފަހުންނެވެ. އަދި އަލަމް ހައްޔަރުކޮށްފައި ހުންނަތާ 100 ދުވަސް ފަހުން ދޫކޮށްލި ނަމަވެސް، އޭނާގެ މައްސަލަ އަދިވެސް ދަނީ ބަލަމުންނެވެ. އެމައްސަލައިގައި އަލަމް ކުށްވެރިވެއްޖެ ނަމަ އޭނާގެ މައްޗަށް 14 އަހަރުގެ ޖަލު ހުކުމެއް ކުރުން އެކަށީގެންވެ އެވެ.

މިދިޔަ ޑިސެމްބަރު މަހު އޮތް އާއްމު އިންތިހާބު ކާމިޔާބު ކުރައްވައި ޝޭހް ހަސީނާ ވަނީ ވެރިކަމުގެ ތިން ވަނަ ދައުރެއް ޔަގީން ކުރައްވާފަ އެވެ.

comment ކޮމެންޓް