އަބްދުﷲ ރިޔާޒް ކުރިމަތިލައްވަނީ ތިމަރަފުށި ދާއިރާއަށް

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކިނބިދޫ ދާއިރާާގެ މެމްބަރު، އަދި ސަރުކާރު ހިންގާ ކޯލިޝަނުގެ ޖޮއިންޓް ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލައްވާނީ ތިމަރަފުށި ދާއިރާއަށް ކަމަށް އިއުލާނުކުރައްވައިފިއެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް އޭނާގެ އުފަން ރަށް ކަމަށްވާ ތިމަރަފުށީ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވިކަން އިއުލާނު ކުރެއްވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ރިޔާޒް ތިމަރަފުށި ދާއިރާއަށް ކުރިމަތިލައްވަން ނިންމެވިކަން އިއުލާނު ކުރެއްވި އިރު، މިހާރު ތިމަރަފުށީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު މުސްތަފާ ވަނީ އެ ދާއިރާގެ ޓިކެޓް ހޯއްދެވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފަ އެވެ.

އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސަރުކާރު ކޯލިޝަންގެ ޕާޓީތަކުން ވަކިވަކިން ވާދަ ކުރުމަށް ވަނީ ނިންމައިފައެވެ. އެހެން ކަމުން ކޯލިޝަނުގައި ހިމެނޭ އެއް ޕާޓީގެ ކެންޑިޑޭޓަކު އަނެއް ޕާޓީގެ ކެންޑިޑޭޓަކާވެސް ވާދަކުރަން ޖެހޭނެއެވެ.

ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ނިންމާފައިވަނީ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށެވެ. ކޯލިޝަނުގައި ދެން ހިމެނޭ ޕާޓީތަކުންވެސް ވަނީ އެ ޕާޓީތަކުގެ ނަމުގައި ވާދަ ކުރަން ހުޅުވާލާފައެވެ.

comment ކޮމެންޓް