ރަސޫލާ ދެކެ ލޯބިވުމުގެ ރިވެތި މިސާލުތައް ހުތުބާއިން!

އިސްލާމީ މަރުކަޒުގެ އެތެރެ -- ސަން ފޮޓޯ/ އަހްމަދު މުޖްތަބާ

ކީރިތި ރަސޫލާ ސައްލަﷲ އަލައިހިވަސައްލަމަ ދެކެ ލޯބިވުމުގެ ރިވެތި އެތައް މިސާލެއް މިއަދުގެ ހުކުރު ހުތުބާގައި ފާހަގަކޮށްފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައި ވަނީ ރަސޫލާއަށް ދެވިފައިވާ މަގާމަކީ މަތިވެރިވެގެންވާ މަގާމެއް ކަމަށާއި، އެއީ އެހެން އިންސާނުން ދެކެ ލޯބިވުން ފަދަ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އީމާންކަމުގެ ތެރެއިން ހިމެނިގެންވާ ކަމެއްކަން ވަނީ ފާހަގަކޮށްފައެވެ.

ހުތުބާގައި ބުނެފައި ވަނީ، މަސްޖިދުލްނަބަވީއަށް ޒިޔާރަތް ކުރާ އިރުގައިއާއި، އެކަލޭގެފާނުގެ ގަބުރުފުޅަށް ޒިޔާރަތް ކުރާ އިރުގައިއާއި، އެކަލޭގެފާނުގެ ހަދީސްފުޅުތައް އަޑުއިވޭ އިރުގައިއާއި ހަދީސްފުޅުތައް ދިރާސާ ކުރާ އިރުގައި މަޑުމައިތިރިކޮށް ހުރުމާއި، އަޑު ހަރުކޮށް ނުހެދުމަކީ އެކަލޭގެފާނަށް ލޯބިވުމުގެ ގޮތުން ކުރެވިދާނެ ކަންކަން ކަމަށެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި ހުތުބާގައި ނަގާފައި ވަނީ އިމާމް މާލިކެވެ. އިމާމް މާލިކު ހަދީސް އިލްމު ދިރާސާ ކުރެއްވީ، ވުޟޫ ކުރައްވައި، އެންމެ ރިވެތި ފޭރާން ލައްވައި، އަތަރުވެސް ލައްވައިގެން ކަމަށް ހުތުބާގައި ފާހަގަ ކުރިއެވެ. އަދި އިމާމް މާލިކް އާލާސްކަންފުޅާ އުޅުއްވާ އިރުގައިވެސް ރަސޫލާގެ ހަދީސްފުޅެއް ވިދާޅުވާ ނަމަ، އޮށޭވެ އޮތުގެ ބަދަލުގައި އިށީނދެ އިންނަވައިގެން ހަދީސްފުޅު ވިދާޅުވި ކަން ހުތުބާގައި ފާހަގަކުރިއެވެ.

ރަސޫލާ ސައްލައްﷲ އަަލައިހިވަސައްލަމް ދެއްވާފައިވާ ހުރިހާ ހަބަރުތައް ހެޔޮ ހިތުން ގަބޫލު ކުރުމަކީވެސް އެކަލޭގެފާނަށް ލޯބިވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.

އެގޮތުން، އެކަމުގެ މިސާލެއްގެ ގޮތުގައި ހުތުބާގައި ފާހަގަކޮށްފައި ވަނީ، ރަސޫލާ ބައިތުލްމަގުދިސްއަށް އަރައިވަޑައިގެންނެވި ހަބަރު ބައެއް މީހުން ދޮގު ކުރަމުން ދަނިކޮށް، އެކަން އިވުމުން އެއްވެސް ޝައްކު ކުރުމަކާ ނުލައި އަބޫބަކުރުގެފާނު އެ ވާހަކަ ގަބޫލު ކުރެއްވި ކަމެވެ. އަދި އެކަމަށްޓަކައި އެކަލޭގެފާނަށް އަބޫބަކުރުއްސިއްދީގުއޭ ކިޔުނުކަން ހުތުބާގައި ފާހަގަ ކުރި އެވެ.

އޭގެ އިތުރުން، އެކަލޭގެފާނަކީ ކޮންމެ ކަމެއްގައިވެސް ނަމޫނާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭ ކަމަށާއި، އެއީވެސް އެކަލޭގެފާނަށް ލޯބިވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ހުތުބާގައި ވިދާޅުވި އެވެ.

އަދި އެކަލޭގެފާނުގެ ސަހާބީބޭކަލުން، އަމިއްލަ ނަފްސާއި މުދަލާއި، އަނބިދަރީންނާއި، މައިބަފައިން އެކަލޭގެފާނަށްޓަކައި ފިދާ ކުރެއްވިކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ.

އެކަމުގެ މިސާލެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، މުޝްރިކުން ރަސޫލާ އަވަހާރަކޮށްލަން އައި ވަގުތު، އަލީގެފާނު، އަމިއްލަ ފުރާނަފުޅަށް ބެލުމެއް ނެތި ރަސޫލާގެ އެނދުދާންކޮޅުގައި އޮންނެވި ކަމެވެ.

ހުތުބާ ނިންމަމުން އެދިފައި ވަނީ ރަސޫލާއަށް ސަލަވާތް ލެއްވުން އެދި ދުއާ ކުރުމަށެވެ. އަދި އެއީ އެންމެހާ މުއުމިނުތަކުންގެ މައްޗަށް އަމުރުކުރައްވާފައިވާ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

comment ކޮމެންޓް