މުގާބޭގެ 150،000 ޑޮލަރު ހުރި ފައިސާ ފޮށްޓެއް ވަގަށް ނެގި މައްސަލައެއް ބަލަނީ

ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭ -- ފޮޓޯ: ރޮއިޓާސް

ހަރާރޭ (ޖެނުއަރީ 11): ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބާޓް މުގާބޭގެ ގެކޮޅުން ފައިސާ ފޮށްޓެއް ވަގަށް ނެގި މައްސަލައެއް އެގައުމުގެ ކޯޓަކުން ބަލަން ފަށައިފިއެވެ.

މިދިޔަ މަހުގެ ތެރޭގައި މުގާބޭގެ ގެކޮޅުން 150،000 ޑޮލަރު ހުރި ފައިސާ ފޮށްޓެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި މުގާބޭގެ އާއިލާގެ މެމްބަރެއް ކަމަށްވާ ކޮންސްޓެންޓިއާ މުގާބޭވެސް ހިމެނެއެވެ.

ރިޕޯޓުތަކުގައިވާ ގޮތުން ކޮންސްޓެންޓިއާ މުގާބޭގެ އަތުގައި މުގާބޭގެ ގެކޮޅަށް ވަންނަ ތަޅުދަނޑިއެއް އޮވެ އެވެ. އަދި އެވައްކަމުގައި ބައިވެރިވި އިތުރު ތިން މީހަކު އެގެއަށް ވެއްދީ އެތަޅުދަނޑި ބޭނުންކޮށްގެންނެވެ.

އެމައްސަލައާ ގުޅިގެން ޕްރޮސިކިއުޓަރުން ވިދާޅުވި ގޮތުގައި އެ ހަތަރު މީހުން ވަނީ ވަގަށް ނެގި ފައިސާ ކާރާއި ގެތަކާއި ޖަނަވާރު ގަތުމަށް ހަރަދުކޮށްފައެވެ. އެ ހަތަރު މީހުން މިހާރު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ޒިމްބާބުވޭގައި 37 އަހަރު ވަންދެން ބޮޑުވަޒީރުކަމާއި ރައީސްކަން ކުރެއްވި މުގާބޭ 2017 ވަނަ އަހަރު މަގާމުން އިސްތިއުފާ ދެއްވީ ގައުމުގެ އަސްކަރިއްޔާއިން ބަޣާވާތެއް ކުރުމުންނެވެ. އަދި މުގާބޭގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުތައް ކޮށްފައިވީ ނަމަވެސް އެގައުމުގެ އަސްކަރިއްޔާއިން ވަނީ އޭނާއާއި އޭނާގެ އާއިލާގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް