ރޭޕް މައްސަލައިގައި ފުލުހުން ރޮނާލްޑޯގެ ޑީއެންއޭ ސާމްޕަލެއް ނަގަނީ

ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ---

ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެމެރިކާގެ ނަވާޑާގެ ލަސް ވޭގަސްގެ ހޮޓަލެއްގެ ތެރޭގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އޭނާގެ ޑީއެންއޭ ސާމްޕަލެއް ނަގަން ލަސް ވޭގަސްގެ ފުލުހުން އެދިއްޖެއެވެ.

ދެ ހާސް ނުވަވަނަ އަހަރު ހިނގި ކަމަށް ބުނާ އެ ހާދިސާ ރޮނާލްޑޯ މީގެ ކުރީން ވަނީ ދޮގުކޮށްފަ އެވެ. އޭނާ ބުނާ ގޮތުގައި އޭނާ ރޭޕް ކުރި ކަމަށް ބުނާ އަންހެން މީހާ ކެތަރިން މަޔޯގާއާއެކު ގުޅުން ހިންގީ ދެމީހުން ރުހިގެންނެވެ.

ރޮނާލްޑޯ މަޔޯގާ ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ބަލަން ނިންމާފައިވާ އިރު ލަސް ވޭގަސްގެ ފުލުހުން މިހާރު ވަނީ ރޮނާލްޑޯގެ ޑީއެންއޭ ސާމްޕަލެއް ހޯދުމަށް އިޓަލީގެ ކޯޓެއްގައި އެދިފައެވެ. އެކަމާ ގުޅިގެން އުމުރުން 33 އަހަރުގެ ރޮނާލްޑޯގެ ވަކީލު ޕީޓާ ކްރިސްޓިއަންސަން ބުނީ އެފަދަ މައްސަލަތަކުގައި ޑީއެންއޭ ސާމްޕަލެއް ހޯދުމަށް އެދުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށެވެ.

އޭނާ ވަނީ، ރޮނާލްޑޯއާ މަޔޯގާ ގުޅުން ހިންގީ ދެފަރާތުން ރުހިގެން ކަމަށް ރޮނާލްޑޯ މީގެ ކުރިންވެސް ބުނެފައިވާކަން ފާހަގަކޮށް، ރޮނާލްޑޯގެ ޑީއެންއޭ މަޔޯގާގެ ހަށިގަނޑުން ފެނުނު ޑީއެންއޭއާ މެޗު ވާނެ ކަމަށް ބުނެފައެވެ.

ރޮނާލްޑޯ މަޔޯގާ ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ފެންމަތިވީ، ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑާ ސްޕައިގަލް އިން މަޔޯގާގެ ވާހަކަތައް ރިޕޯޓު ކުރުމުންނެވެ. އެ ނޫހުން ރިޕޯޓު ކުރި ގޮތުގައި، މަޔޯގާ ވަނީ އޭނާ ރޭޕް ކުރި ކަމަށް ބުނި ރޭގައި އެ މައްސަލަ ފުލުހަށްވެސް ހުށަހަޅާފަ އެވެ. ނަމަވެސް، ރޮނާލްޑޯއާ އޭނާއާ ދެމެދު ހިނގި ކަންކަމުގެ ވާހަކަ ނުދެއްކުމަށް ރޮނާާލްޑޯ މަޔޯގާއަށް 375،000 ޑޮލަރު ދިން ކަމަށްވެއެވެ.

އެ ފައިސާ ދިންކަން ރޮނާލްޑޯ ދޮގެއް ނުކުރެއެވެ. އެހެން ނަމަވެސް، އެއީ އޭނާ މަޔޯގާ ރޭޕްކުރިކަމުގެ ހެއްކެއް ނޫން ކަމަށް އޭނާގެ ވަކީލު ބުނެއެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއަށްދޭ ބެލެންޑިއޯ އެވޯޑު ފަސް ފަހަރު ހޯދާފައިވާ ކުޅުންތެރިޔެކެވެ.

comment ކޮމެންޓް