ވަރިއަކުން ދުނިޔޭގެ އެންމެ މުއްސަނދި އަންހެނާއަށް؟

ޖެފް ބެޒޮސްއާއި އޭނާ އަންހެނުން މެކެންޒީ

އެމޭޒަންގެ ވެރިޔާ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާ، ޖެފް ބެޒޮސްއާއި އޭނާގެ އަންހެނުން ވަރިވާން ނިންމުމުން، އޭނާގެ އަންހެނުން ދުނިޔޭގެ އެންމެ މުހައްސަނދި އަންހެން މިހާއަށް ވާނެތޯ ސުވާލު އުފެދިއްޖެ އެވެ.

ޖެފް ބެޒޮސްއާއި އޭނާގެ އަންހެނުން މެކެންޒީ ޓަޓެލް ބައްދަލުވީ 1992 ވަނަ އަހަރު، ބެޒޯސް ވޯލް ސްޓްރީޓުގައި ހެޖްފަންޑް މެނޭޖާއަކަށް އުޅުނު ދުވަސްވަރު އެވެ. އޭރު ބެޒޮސް އަކީ މަހުޖަނެއްވެސް ނޫނެވެ.

ބެޒޮސް އެމޭޒަން އުފައްދައިގެން ގަރާޖެއްގެ ތެރެއިން ހިންގުމާއި ދުނިޔޭގެ އެންމެ މުއްސަނދި މީހާއާ ހިސާބަށް ދިޔަ ދިޔުމާ ހިސާބަށްވެސް މެކެންޒީ އޭނާ ގާތުގައި ހުއްޓެވެ. އެހެން ނަމަވެސް، އުމުރުން 54 އަހަރުގެ ބެޒޮސް މެކެންޒީއަށް ބޭވަފާތެރިވުމާ އެކު އެ ދެމީހުންގެ ކައިވެނި ވަނީ ރޫޅިފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބެޒޮސް ގުޅުން ބާއްވާފައި ވަނީ ފޮކްސް ޓީވީގެ ކުރީގެ ހޮސްޓެއް ކަމަށްވާ ލޯރަން ސަންޗޭޒްއާ އެވެ. އަދި އެ ދެމީހުން ބައްދަލުކުރާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ދެމީހުން ކައިވެނި ކުރި އިރު، ޕްރީނަޕް އެގްރީމެންޓެއް ހަދާފައި ނުވެއެވެ. އެހެން ކަމުން، ވަރިވާއިރު ބެޒޮސްގެ މުދަލާއި ފައިސާ ދެ މީހުންގެ މެދުގައި ބަހަން ޖެހޭނެއެވެ.

ބެޒޮސްގެ މިލްކިއްޔާތުގައި 136 ބިލިއަން ޑޮލަރު ހުރެ އެވެ. އެހެން ކަމުން އެ އަދަދުގެ ދެ ބައިކުޅަ އެއްބަޔާ ގާތަށް މުދާ ބަހަން ޖެހުނު ކަމުގައިވީނަމަވެސް، މެކެންޒީ ވެގެންދާނީ ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މީހާ އަށެވެ.

މިހާރު ދުނިޔޭގެ އެންމެ މުއްސަނދި އަންހެން މީހާ އަކީ ކޮސްމެޓިކް ކުންފުންޏެއް ކަމަށްވާ ލޮރެއާލްގެ ވެރިފަރާތް ފްރަންސުއާސް ބެޓެންކޯޓް މެޔާސްއެވެ. އޭނާގެ މިސްކިއްޔާތުގައި 46 ބިލިއަން ޑޮލަރު ހުރެއެވެ.

ބެޒޮސްއާއި މެކެންޒީ ވަރިވާން ނިންމާފައިވާއިރު އެ ދެމީހުންގެ ފުރާވަރުގެ ހަތަރު ކުދިން ތިބެ އެވެ. އޭގެ ތެރެއިން އެއް ކުއްޖަކީ އެޑޮޕްޓެޑް ކުއްޖެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު