ސީބީއައިގެ ވެރިޔާގެ ސަސްޕެންޝަން އުވާލިތާ 48 ގަޑި އިރުތެރޭ މަގާމުން ވަކިކޮށްފި

ސީބީއައިގެ ވެރިޔާ އަލޮކް ވަރުމާ ވަނީ މަގާމުން ދުރުކޮށްފަ -- ފޮޓޯ: އެންޑީޓީވީ

ނިއު ދިއްލީ (ޖެނުއަރީ 11): އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ވެރިޔާ އަލޮކް ވަރުމާގެ ސަސްޕެންޝަން އެގައުމުގެ ސުޕްރީމް ކޯޓުން އުވާލިތާ 48 ގަޑި އިރު ތެރޭ އޭނާ މަގާމުން ވަކިކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު އިންޑިއާގެ ސަރުކާރުން ވަރުމާއާއި އޭނާގެ ޑެޕިއުޓީ ރާކޭޝް އަސްތާނާ މަގާމުން ސަސްޕެންޑުކުރީ އެ ދެ މީހުން އެކަކު އަނެކެއްގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތު ކުރި ފަހުންނެވެ.

އެގޮތުން ވަރުމާ ވަނީ، ސީބީއައިއިން ތަހުގީގުކުރަމުން ދިޔަ މީހެއްގެ އަތުން އަސްތާނާ 409،000 ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމަށް ތުހުމަތުކުރައްވައިފައެވެ. ނަމަވެސް އަސްތާނާ ވަނީ އެއީ ދޮގު ތުހުމަތެއް ކަމަށް ވިދާޅުވެފައެވެ. އަދި 283,660 ޑޮލަރުގެ ރިޝްވަތު ނެންގެވީ ވަރުމާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

ނަމަވެސް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ސަރުކާރަށް ވަރުމާ ސަސްޕެންޑު ނުކުރެވޭނެ ކަމަށް ބުނެ އޭނާގެ މަގާމު އިޔާދަކޮށްފައެވެ.

އޭގެ ފަހުން އިއްޔެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްކޮށް ހުންނަވާ ކޮމިޓީއަކުން ވަނީ ވަރުމާ މަގާމުން ދުރުކުރުމަށް ނިންމާފަ އެވެ. އެކޮމިޓީގެ ބައިވެރިންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޭކޭ ސިކްރީއާއި ޕާލިމެންޓުގެ ތިރީގޭގެ އިދިކޮޅު ލީޑަރު މަލިކާރުޖުން ކަރުގޭ ހިމެނެއެވެ.

އަދި ވަރުމާ މަގާމުން ދުރުކުރުމަށް މޯދީއާއި ފަނޑިޔާރު ސިކްރީ ތާއިދު ކުރެއްވި ނަމަވެސް ކަރުގޭ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

އިންޑިއާގެ މައި އިދިކޮޅު ޕާޓީ ކޮންގްރެސްއިން ތުހުމަތު ކުރާ ގޮތުގައި ވަރުމާ މަގާމުން ދުރު ކުރީ ސަރުކާރާ ގުޅުން ހުރި ކޮރަޕްޝަނުގެ މައްސަލައެއް ސީބީއައިއިން ބަލާތީއެވެ.

ނަމަވެސް ސަރުކާރުން ވަނީ އެތުހުމަތުތައް ދޮގުކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް