ސައޫދީން ޕާކިސްތާނުގައި 10 ބިލިޔަން ޑޮލަރު އިންވެސްޓް ކުރަނީ

އިސްލާމް އާބާދު (ޖަނަވަރީ 10) : ޕާކިސްތާނުގައި 10 ބިލިޔަން ޑޮލަރު އިންވެސްޓް ކުރުމާ ބެހޭ އެއްބަސްވުމެއް ސައޫދީއާ އެކު ކުރަން ތައްޔާރުވަމުންދާ ކަމަށް ޕާކިސްތާނުގެ މާލީ ވަޒީރު އަސަދު އުމަރު ވިދާޅުވެއްޖެ އެވެ.

އިސްލާމް އާބާދުގައި ދެއްވި ބަޔާނެއްގައި އުމަރު ވިދާޅުވީ ޕާކިސްތާނުގެ އެކި ސެކްޓަރުތަކުގައި 10 ބިލިޔަން ޑޮލަރުގެ އިންވެސްޓް ކޮށްދިނުމަށް ސައޫދީ ސަރުކާރުން ނިންމައި އެކަން އަންގާފައިވާ ކަމަށާ މިހާރު ކުރަމުން ގެންދަނީ އެކަމާ ބެހޭ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކަމުގަ އެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ހަމަޖެހިފައި ވަނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އަންނަ ފެބްރުއަރީ މަހު ޕާކިސްތާނަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ކަމަށް ވެސް ޕާކިސްތާނުގެ މާލީ ވަޒީރު ވިދާޅުވި އެވެ.

ޗައިނާ ވެސް ވިހި ބިލިޔަން ޑޮލަރުގެ ބިޔަ މަޝްރޫއުތަކެއް ޕާކިސްތާނުގައި ހިންގަމުން ގެންދެ އެވެ. މީގެ ތެރޭގައި ހިމެނެނީ މަގުތަކާއި ހައިވޭއަކާ ކަނޑުގެ ބަނދަރަކާއި އެބަނދަނރާ ގުޅިފައިވާ ތަންތަނުގެ އިތުރުން ހަކަތައިގެ ޕްލާންޓްތަކަކާއި ކާރުޚާނާތަކެކެވެ. މިއީ ޕާކިސްތާނުގެ އިގްތިސާދު ބަދަލުކޮށްލާފަދަ ބިޔަ މަޝްރޫއުތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސައޫދީން ޕާކިސްތާނުގައި އިންވެސްޓްކުރާ ދިހަ ބިލިޔަން ޑޮލަރު ޚަރަދުކުރަނީ ކޮންބާވަތެއްގެ މަޝްރޫއުތަކަކަށްކަން އެގައުން އަދި ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ސައޫދީން ޕާކިސްތާނުގައި ހިންގަން ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހަކަތައާއި ޕެޓްރޯކެމިކަލްގެ ދާއިރާއާއި މައިނިންގްގެ އިތުރުން ސިނާއަތާބެހޭ މަޝްރޫއުތައް ހިމެނޭކަމަށް ޚަބަރުތައް ބުނެ އެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާންވަނީ އޭނާގެ ވެރިކަމުގައި އެގައުމުގެ އިގްތިސާދު މިހާރު އޮތް ހާލަތުން އެއަށް ވުރެ މަތީ ހާލަތަކަށް ގެންދިޔުމަށް ވައުދުވެ ވަޑައިގެންފަ އެވެ. މިކަމަށް ޓަކައި އިމްރާންޚާން ގެންދަވަނީ ޗައިނާއާއި ސައޫދީގެ އިތުރުން ޔޫއޭއީ އާއި މެލޭޝިޔާއިންވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ.

ޔޫއޭއީން މިހަފްތާގައި ވަނީ ޕާކިސްތާނަށް 6.2 ބިލިޔަން ޑޮލަރުގެ މާލީ އެހީގެ ޕެކެޖެއް ދީފަ އެވެ. މި ޕެކެޖްގައި ހިމެނެނީ 3.2 ބިލިއަން ޑޮލަރުގެ ސާފުނުކުރާ ތެޔޮ ހިލޭ ޕާކިސްތާނަށް ފޯރުކޮށްދިނުމާއި ތިން ބިލިއަން ޑޮލަރު، ނަގުދު ފައިސާގެ ގޮތުގައި ޕާކިސްތާނުގެ މަރުކަޒީ ބޭންކްގައި ބަހައްޓައި ދިނުމެވެ. އެއީ ޕާކިސްތާނުގެ ބޭރު ފައިސާގެ ރިޒާވް ރަނގަނޅުކުރުމަށާއި ޕާކިސްތާނުގެ ރުޕީގެ އަގު ހިފެހެއްޓުމުގެ ގޮތުންނެވެ. (އަނަތޯލިޔާ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު