ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޓީގެ ރައީސަކަށް ރިއްފަތު

އިބްރާޙިމް ރިއްފަތު: ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާ ކަމަށް ބުނާ މައްސަލަ ބެލުމަށް އުފެއްދި ކޮމެޓީގެ ރައީސަކަށް އޭނާ ވަނީ ހަމަޖައްސާފައި -- ސަން ފައިލް ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ގޭންގުތަކާއި ފަނޑިޔާރުންނާ ދެމެދު ގުޅުން އޮންނަ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގެ ހަގީގަތް ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެކުލަވާލި ކޮމިޓީގެ ރައީސަކަށް ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު އައްޔަނު ކުރައްވައިފި އެވެ.

ރިއްފަތަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރެކެވެ.

މިއަދު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގްކުރުމަށް ރައިސުލްޖުމްހޫރިއްޔާ އުފެއްދި ކޮމިޝަނުގެ ރައީސް ހުސްނުއް ސުއޫދު ފާހަގަކޮށްފައިވާ ކަންތައްތަކުގެ ހަގީގަތް ހޯދައި އެކަންކަމުގެ ހެކިތަކުގެ މައުލޫމާތު ހޯދުމަށް ނިންމާފަ އެވެ.

"ހުސުނުއް ސުއޫދުގެ ފަރާތުން ފޯރުކޮށްދެވެންހުރި މައުލޫމާތާއި ހެކި ހިއްސާކޮށް ދެއްވުމަށް ދެންނެވުމަށާއި އަދި ދައުލަތުގެ ތަހްގީގީ އިދާރާތަކުންނާއި އެހެނިހެން ފަރާތްތަކުން މައުލޫމާތު ހޯދުމަށް ވެސް މިއަދުގެ ބައްދުލުވުމުގައި ނިންމި،" ޖޭއެސްސީ އިން ބުންޏެވެ.

ފަނޑިޔާރުންނާއި މެދު ކުރެވިފައިވާ ތުހުމަތުތަކަކީ ރައްޔިތުންގެ ނުހަނު ކަންބޮޑުވުންތައް އެކަމުގައި ޝާމިލުވާ ކަމަކަށްވާތީއާއި އެކަމުގެ ހަގީގަތް ހޯދުމަކީ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރުކޮށް ޖުޑިޝަރީއާ މެދު އޮންނަ އިތުބާރު ދެމެހެއްޓުމަށް މުހިންމު ކަމެއް ކަމަށް އެ ކޮމެޓީން ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ކޮމެޓީގެ މަސައްކަތް ހަލުވިކަމާއި އެކު ކުރިއަށް ގެންދިއުމަށް ނިންމައި އަދި ކޮމެޓީގެ މަސައްކަތް ކުރިއަށްދާގޮތް އާންމުކޮށް ހިއްސާކުރުމުން ގެންދިއުމަށް ވެސް ވަނީ ކޮމެޓީން ނިންމާފަ އެވެ.

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،"

އޭނާ ވިދާޅުވީ، "ގޭންގު"ތަކުން ނޮމިނޭޓު ކުރާ ފަނޑިޔާރުން ކްރިމިނަލް ކޯޓަށް އައްޔަން ކޮށްފައި ހުންނަ ކަމާއި، ވަކި ވަކި "ގޭންގު"ތަކަށް ފަނޑިޔާރުންގެ ކޯޓާއެއް ކަނޑައަޅާފައި ހުންނަ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމަށެވެ.

"ހަގީގަތުގައި ޝަރުއީ މަރުހަލާ އެބިއުޒް އެ ކުރެވެނީ. އޮބްސްޓްރަކްޝަން އޮފް ޖަސްޓިސް އެއްގޮތަކުން ބަލަންޏާ އެއީ،" ސުއޫދު ވިދާޅުވިއެވެ.

comment ކޮމެންޓް