މިފަހަރު އެއްވެސް ޕާޓީއަކަށް ބޮޑު އަޣުލަބިއްޔަތެއް ނުދެމާތޯ؟

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން --- ފައިލް ފޮޓޯ/ މަޖިލިސް

ކުރިއަށް އޮތް ޢާއްމު އިންތިޚާބުގައި ތިމާގެ ދާއިރާ އަށް ކުރިމަތި ލާފައި ތިބި ކެންޑިޑޭޓުންނަށް ވޯޓު ލުމުގެ ކުރިން ވިސްނަން ޖެހޭ ވަރަށް ބައިވަރު ކަންތައްތައް އެބަހުއްޓެވެ. މި ފަސް އަހަރުގެ ރައްޔިތުންގެ މަޖިލީހުން ފިލާވަޅު ލިބިގަންނަންވީ ބައިވަރު ކަންތައްތައް އެބަހުއްޓެވެ. ރައްޔިތުންގެ މަޖިލީހަށް ތަޢުލީމީ ބޭފުޅުން ހޮވުން މުހިއްމު ބާވަ އެވެ. ރައްޔިތުންގެ މަޖިލީހުގައި ވަރަށް މޮޅަށް ކިޔަވައި ވިދާޅުވެގެން ތިއްބެވި ބޭފުޅުން އެބަތިއްބެވި އެވެ. އަދި ބައެއް ފަންނުގައި ރާއްޖެ އިން ލިބެން ހުރި އެންމެ ތަޖުރިބާކާރު ބޭފުޅުން އެބަ ތިއްބެވި އެވެ. މަޖިލީހަށް ބިލްތައް ހުށައެޅޭ އިރު އެބޭފުޅުންގެ ފަންނުގެ ބިލް ހުށައެޅޭ ބައެއް ފަހަރު ފަހަރު ވެސް ހިމޭނުން ތިއްބެވުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް ދެކެވަޑައި ގަންނަވަ އެވެ. އަދި ވޯޓަށް އެހުމުން ފެހި ފިތައް ފިއްތަވާލެއްވުމަކީ އެންމެ ރައްކާތެރި ގޮތްކަމަށް ދެކެވަޑައި ގަންނަވަ އެވެ. އެއީ ރަނގަޅު ވިސްނުންފުޅަކަށް ވެދާނެ އެވެ. އެބޭފުޅުންގެ ޒާތީ ފައިދާ އާއި ފަސޭހަ އިން ކަންކަން ކުރެއްވުމަށް ބަލާއިރު ގަ އެވެ. ރައްޔިތުންގެ މަޖިލީހަށް ބޭނުންވާ ކަމަށް ފަހަކަށް އައިސް ވަރަށް ގިނަ މީހުންނަށް ފެންނަނީ ލަދުގެ ކަންފުޅެއް ވެސް ނެތް ދޫ ނުބައި، އަޑު ގަދަ، ވައި އެބުރި އުޅޭ މޫސުމުގައި އެނބުރޭ ވަހުތާނެއްހެން ސިޔާސީ ބާރާއި ފައިސާގެ ނުފޫޒު އޮންނަ ދިމާއަކަށް އެނބުރޭ މީހުންނެވެ.

ދާދި ފަހުން މިނިސްޓަރެއްގެ އަރިއަހަށް މަޝްވަރާ ބައްދަލުވުމަކަށް ދިޔަ ބަޔަކު، އަދަބާއި ޚިލާފަށް ކަންތައް ކުރަމުން އަޑުގަދަ ކުރަމުން ބުނަމުން ދިޔައީ، އެމީހުން އެފަދަ އަމަލުތައް ދަސްކުރީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުން ކަމުގަ އެވެ. އެއީ ތެދަކަށް ވިޔަސް ނުވަތަ ދޮގަކަށް ވިޔަސް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މަޖިލީހުގެ ޖަލްސާގެ ތެރޭގައި ވާހަކަ ދައްކަވާ އުޅުއްވާ ބަހުރުވަޔާއި ހަރަކާތްތެރި ވެވަޑައިގަންނަވާ ގޮތް ފެނިފައި ވަނީ އެފަދަ ހައިބަތު ހުންނަ ތަންތާގައި، އެ ފެންވަރުގެ ބޭފުޅުންގެ އަމަލުތައް ހުންނަން ޖެހޭ މިންގަނޑަށް ވުރެ މާ ދަށް މިންގަނޑެއްގަ އެވެ. އެބޭފުޅުން ގިނަ ފަހަރަށް ވާހަކަ ދައްކަވަނީ ހުށައެޅިފައި އޮންނަ މައްސަލަ އަކަށް ނޫނެވެ. އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ވާހަކައެއް ދައްކަވާފައި އަބުރާ ބެހެން ބޭނުންވާ މީހެއްގެ އަބުރާ ބެހިވަޑައިގަންނަވާފައި އިށީދެވަޑައިގަންނަވަނީ އެވެ. މަޖިލީހުގެ ރައީސްގެ ރޯލެއް ކަމަށް ފާއިތުވި ދުވަސްވަރުގައި ފެނިފައި ވަނީ ތަންކޮޅެއް އުސް ސްޓޭޖެއްގެ މަތީގައި މެމްބަރުންނަށް ވާހަކަ ދައްކަވަން ފުރުޞަތު ދެއްވަން އިންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ކުރިމަތީގައި ހިނގާ ކަންތައްތަކުގެ ކުޅި ބަލަން އިންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ. ޤަވައިދުގައި ބުނާ ގޮތަށް މަޖިލީސް ކަންޓުރޯލު ނުކުރައްވާ ތީވެ އެވެ.

މިހާރު މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އަލަށް މެމްބަރު ކަމުގެ ގޮނޑީގައި އިށީދެ ވަޑައިގަތުމުގެ ކުރިން މެމްބަރު ކަމާއި ކުރިމަތިލުމަށް ދައްކަން ޖެހޭ ފީ ވެސް އަތްޕުޅުގައި ނެތް ކަމަށް ވިދާޅުވި އަޑު އަޅުގަނޑު މެން އެހީމެވެ. މިހާރު އެބޭފުޅުންނަކީ މާތްﷲގެ މިންވަރުފުޅުން ގޮނޑި ގެއްލުނަސް، އެކަމުގެ އެއްވެސް އަސަރެއް އެބޭފުޅުންގެ ދިރިއުޅުމަށް ނުކުރާނެ ވަރުގެ ތަނަވަސް ދިރިއުޅުމެއް އުޅުއްވާ ބޭފުޅުންނެވެ.

ފާއިތުވި ދައުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން ކުރައްވާފައިވާ މަސައްކަތަށް ބަލާ އިރު އެބޭފުޅުން އެންމެ ބުރަކޮށް މަޖިލީހުގެ ތެރޭގައި ކުރައްވާ ފައި އޮތް މަސައްކަތަކީ ސަރުކާރުން ފޮނުވާ ބިލްތަކާ ބެހޭ ގޮތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެކެވޭ އިރު ޙާޒިރުވެވަޑައިގަންނަވާ ދުވަސް ދުވަހު އަޑު އައްސަވަން ތިއްބެވުމެވެ. އެ އަށް ފަހު އެ ބިލް އަކަށް ވޯޓު ދެއްވުމަށް ވޯޓުދޭ ސިސްޓަމުގެ ފިތަކަށް ފިއްތަވާ ލެއްވުމެވެ. ވެރިކަން ކުރާ ޕާޓީގެ މެންބަރުން އަބަދު ވެސް ފިއްތަވަނީ ސަރުކާރުން އެދޭ ގޮތަށް ސަރުކާރުގެ ބިލްތަކަށް ފެހި ފިތަށެވެ. އެހެން ބަޔަކު ބިލެއް ހުށައަޅައިފި ނަމަ ރަތް ފިތަށެވެ. ބައެއް ފަހަރު ސަރުކާރުގެ ޕާޓީގައި ނުހިމެނޭ ބައެއް މެމްބަރުން، އެ ފަރާތްތަކުން އެދޭ ގޮތަށް ސަރުކާރުން އެ ފަރާތުން އެދޭ ކަމެއް ކޮށްދިނުމަށް ވަޢުދު ވެއްޖެ ނަމަ ސަރުކާރާ އެއްކޮޅަށް ފެހި ފިތަށް ފިތާލަ ދެއްވަ އެވެ. މިގޮތަށް ވޯޓު ހޯދަން ކުރެވުނު އެއް ވަޢުދެއް، އެފަރާތުން އެދުނު ގޮތަށް ސަރުކާރުން ފަހުން އެ ވަޢުދު ފުއްދާ ނުދޭ ކަމުގައިވެ އެވެ. އެއީ ޤާނޫނު އަސާސީ އިޞްލާޙް ކުރުމަށް ބޭނުންވާ ޢަދަދަށް ވޯޓު ހޯދި ފަހަރު ކަމުގައިވެ އެވެ. ރައްޔިތުންގެ ހައްޤުތަކަށް ވަކާލާތުކޮށް ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް މިހާރު މިއޮތް މަޖިލީހުގައި އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރެވުނު ކަމަށް އަޅުގަނޑަށް ޤަބޫލު ނުކުރެވެ އެވެ. އެބޭފުޅުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވީ އަމިއްލަ އެޖެންޑާ އަކަށެވެ. އަމިއްލަ ލަނޑުދަނޑިއެއް ޙާޞިލް ކުރައްވާށެވެ. މުޅި ރައްޔިތުންގެ ފައިދާ އަށް ނުވަތަ މުޅި މުޖުތަމަޢުގެ ފައިދާ އަކަށް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލުނަސް އެބޭފުޅުންނަށް ކުރާނެ މާ ބޮޑު ގެއްލުމެއް ނެތެވެ. އެބޭފުޅުން ވަނީ އެބޭފުޅުން އަމިއްލަފުޅަށް ވޯޓު ދެއްވައިގެން ވަރަށް ބޮޑު މުސާރައެއް ވެސް ފާސް ކުރައްވައިފަ އެވެ. ވަރަށް ބޮޑެތި ޢިނާޔަތްތައް ވެސް ލިބިވަޑައިގަންނަވާ ގޮތަށް ފާސްކުރައްވައިފަ އެވެ. ހެލްތު އިންސުއަރެންސް ރާއްޖެއިންނާއި ދެކުނު އޭޝިއާއިންނާއި އީސްޓު އޭޝިއާއިން ލިބިވަޑައި ގަންނަވަ އެވެ. ހައުސިންގް އެލަވަންސް ލިބިވަޑައި ގަންނަވަ އެވެ. ކޮމިޓީ އެލަވަންސް ލިބިވަޑައި ގަންނަވަ އެވެ. އޮފީސް އެލަވަންސް ލިބިވަޑައި ގަންނަވަ އެވެ. ދާއިރާ އަށް ކުރައްވާ ދަތުރުގެ ޚަރަދު ލިބިވަޑައިގަންނަވަ އެވެ. އަދި މީގެ އިތުރަށް ފަސް އަހަރު ދުވަހުގެ ދައުރެއް ފުރިހަމަ ކުރައްވައިފި ނަމަ އުމުރުދުވަހަށް ޕެންޝަން ލިބޭ ގޮތަށް ވެސް ހަމަޖައްސާ ފައި އޮންނަ ކަމުގައި ވާހަކަ ދެކެވެ އެވެ. ސިދާކޮށް ލިބިވަޑައިގަންނަވާ މިފައިދާތަކުގެ އިތުރަށް ވެރިކަންކުރާ ޕާޓީގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އަރިމަތީ-ފައިދާ ވެސް ވަރަށް ގިނަ އެވެ. ދަރިންނާއި، ރައްޓެހިންނާއި ތިމާގެ މީހުންނަށް ސަރުކާރުގެ މަތީ ފެންވަރުގެ ސިޔާސީ ވަޒީފާ ލިބުމާއި ސަރުކާރުގެ މަޝްރޫޢުތައް ފަސޭހަ އިން ލިބުމާއި، ސަރުކާރުގެ ކުންފުނިތަކުން ޢާއްމުން ކޮންމެ ދުވަހަކު ހެން ބޭނުން ކުރާ ބައެއް ޒަރޫރީ އެއްޗެތި އަގުހެޔޮކޮަށް ގަނެފައި، އެހެން ބަޔަކަށް ވިއްކުމުގެ ފުރުޞަތު ވެސް ތަނަވަސްވެ އެވެ. އަދި މީގެ އިތުރަށް ސަރުކާރުގެ ކުންފުނިތަކުން ކުރެޑިޓަށް ނަގާ އެއްޗެތި ވެސް ކުރެޑިޓަށް ނުނަގާ އެއްޗެތި ކަމަށް ވެސް ނިންމާ ފައިވެ އެވެ. ލިއުންތައް ވެސް ހުއްޓަ އެވެ. މިފަދަ ކަންކަން މިގޮތަށް ދާނީ އެއްކޮޅުގައި ހުންނަނީ ސަރުކާރަށް ތާއީދުކުރާ "މެމްބަރު މުދަލާލި" އަކަށް ވަންޏާ އެވެ.

މަޖިލީހުގެ ޖަލްސާތައް ބާއްވަން ބޭނުންވާ ޙާޒިރީ ނުލިބިގެން ކިތަންމެ ޖަލްސާއެއް ކެންސަލް ކުރެވިފައިވެ އެވެ. ކޮމިޓީތަކުގެ ޖަލްސާތަކުގެ ޙާޒިރީ އާއި އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ކޮމިޓީ އެލަވަންސާއި ގުޅިފައި އޮންނާތީވެ ކޮމިޓީތައް ބޭއްވޭ ގޮތްވެ އެވެ. ކޮމިޓީތަކުގެ ޙާޒިރީ ފަންސާސް އިން ސައްތަ އަށް ދަށް ވެއްޖެ ނަމަ އެ މަހުގެ ކޮމިޓީ އެލަވަންސް އެއްގޮތަކަށް ވެސް ލިބިވަޑައި ނުގަންނަވަ އެވެ. ވަރަށް ގިނަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާގެ ތެރޭގައި ހަޅޭފުޅު ލައްވާ އަޑު ގަދަ ކުރައްވާ، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ހުތުރު އެއްޗެތި ވިދާޅުވެ ގަޔަށް ބޮލަށް އަރައިގަންނަ ހިސާބަށް މެމްބަރުންގެ ޢިއްޒަތްތެރިކަން ދެ އެވެ. އެ ހިސާބަށް ކަންތައް ދިއުމުން މަޖިލީހުގެ ސިކިއުރިޓީ ބަލަހައްޓާ މީހުން ބައެއް މެންބަރުން "ޢިއްޒަތު"ގައި ޖަލްސާ ކުރާ މާލަމުން ގަދަކަމުން ނެރެވިފައި ވެސްވެ އެވެ. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަނީ ރައްޔިތުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށާއި ޤައުމާއި ރައްޔިތުންގެ ޙިމާޔަތް ކުރުމަށް މަޖިލީހުގައި ވަކާލާތުކޮށް ޤާނޫނު ފާސް ކުރުމަށެވެ. މިހާރު މިއޮތް މަޖިލީހުން އެކަން ކޮށްފައި އޮތް ކަމަކަށް އަޅުގަނޑަށް ޤަބޫލު ކުރަން އުނދަގުލެވެ. އަލަށް ވަޑައި ގަންނަވާ މެމްބަރުން މާ ބޮޑު ކަމެއް ކުރައްވާނެ ކަމަކަށް ނޫނެވެ. އެ ބޭފުޅުންނަކީ މެމްބަރު ކަމަށް ވަޑައިގަންނަވާ އިރު އާދައިގެ ދިރިއުޅުމެއް އުޅުއްވާ ބޭފުޅުން ކަމަށްވާ ނަމަ ފަސް އަހަރު ދުވަހު މަޖިލީހުގައި މަސައްކަތް ކުރުއްވުމަށް ފަހު މުޖުތަމަޢުގެ ތެރެއަށް ނުކުމެ ވަޑައިގަންނަވާނީ އެންމެ ކުޑަ މިނުން މެދުފަންތީގެ ދިރިއުޅުމެއް އުޅުއްވޭ ވަރުގެ ބޭފުޅެއްގެ ގޮތު ގަ އެވެ. ކުޑަ ވިޔަފާރިވެރިއެއް ކުރައްވާ ބޭފުޅަކަށްވާ ބޮޑު ވިޔަފާރިވެރިއެއްގެ ގޮތުގަ އެވެ.

ދިވެހި ރައްޔިތުންނަށް އަޅުގަނޑު ހެޔޮ ނިޔަތުގައި، ހެޔޮ ހިތުން އަރުވާ ހެޔޮ ނަސޭޙަތަކީ އެއްވެސް ޕާޓީ އަކަށް ބޮޑު އަޣްލަބިއްޔަތެއް ލިބޭނެގޮތަށް ވޯޓު ނުދެއްވުމެވެ. ބޮޑު އަޣްލަބިއްޔަތެއް ނުލިބޭ ނަމަ ވެރިކަން ކުރަން އުނދަގޫވާނެ ކަމަށް ވިދާޅުވުމުން އަޅުގަނޑުމެން ޕީޕީއެމް އަށް ބޮޑު އަޣްލަބިއްޔަތެއް ދިނީމެވެ. އެބޭފުޅުން ބޭނުންފުޅު ގޮތަށް ވެރިކަން ކުރެއްވި އެވެ. ރައްޔިތުން ނޮޅާލީ އެވެ. ފަރުދީ ޙައްޤުތައް އޮޔާ ފޮނުވާލި އެވެ. ނޫސްވެރިންގެ މިނިވަންކަމާއި ޙައްޤުތައް ކަނޑަށް ޣަރަޤުކޮށްލި އެވެ. ކުޑަ އަޣްލަބިއްޔަތެއް ލިބިއްޖެ ނަމަ ޖެހޭނީ އެހެން ޕާޓީތަކާ ގުޅިގެން ވެރިކަން ކުރާށެވެ. ގުޅިގެން ވެރިކަން ކުރަން އަޅުގަނޑުމެން ދަސް ކުރަން ވެއްޖެ އެވެ. ނިޒާމް ބަދަލު ކުރިއަސް މި މައްސަލަ ނުކުންނާނެ އެވެ. ތަފާތަކަށް ވާނީ ވެރިކަމަށް އަންނަ މީހަކީ ރައްޔިތުންގެ ފަންސާސް އިން ސައްތަ އަށް ވުރެ ބޮޑު ތާއީދު ލިބިފައި އޮތް މީހަކަށް ނުވުމެވެ. ވަކި ޕާޓީއަކަށް ބޮޑު ތާއީދެއް ލިބިއްޖެ ނަމަ ޝަރުޢީ ދާއިރާ އިޞްލާޙު ކުރާނެ ވާހަކަތައް ދެކެވޭ އިރު ދެހާސް ނުވަ ވަނަ އަހަރުވީ ކިހިނެއްތޯ އެވެ؟ މާލެ މިއޮތީ ފުރިފަ އެވެ. މާލެ އަތޮޅު ސަރަހައްދު މިއޮތީ ފުރިފަ އެވެ. މާލޭގައި ދިރިއުޅޭ ގެދޮރު ނެތް ކޮންމެ ރައްޔިތަކަށް ގޮވައްޗެއް ދޭނީ ކޮންތާކުންތޯ އެވެ؟ ކަންނައްނޫރުންތޯ އެވެ؟ މުޅިން "ހޮޅި"! "ހޮޅި" ވާހަކަ އެވެ.

comment ކޮމެންޓް