ބަލި އެނދުގައި 11 އަހަރު، ބޭނުމީ އެހީއެއް!

އަލީ މީސަމް--- ފޮޓޯ/އާއިލާ

ދަރިފުޅު ދުނިޔެއަށް އުފަންވާ ވަގުތަކީ އެ ކުއްޖާގެ މައިންބަފައިނަށް ބަޔާންކުރަންވެސް ނޭނގޭ އުފާވެރި އިހްސާސްތަކެއް ކުރުވާ ވަގުތުކޮޅެކެވެ. ނަމަވެސް ކޮންމެ ކުއްޖަކީ އެންމެ ފުރިހަމަ ސިއްހަތެއްގައި އުފަންވާނެ ކުއްޖެއް ނޫން ކަމަށް ގަބޫލުކުރަން ޖެހެއެވެ.

"އުފަންވީއްސުރެ ދަރިފުޅަށް ފިޓް ޖެހެމުން އަންނަނީ. ބޭސް ކެއީމަ ވަގުތީ ހައްލެއް ލިބެނީ،" އަހްމަދު އަލީ އޭނާގެ ދަރިފުޅާ ބެހޭ ގޮތުން ބުންޏެވެ.

އަހްމަދުގެ ދަރިފުޅު އަލީ މީސަމް 11، އަކީ ފިޓްޖެހުމުގެ ސަބަބުން ހެލިފެލިވެ ވާހަކަ ނުދެއްކޭ އަދި ނުހިނގޭ ކުއްޖެކެވެ.

ވިހޭއިރު ވެސް ދަރިފުޅު ހުރީ ވަރަށް އަނަރޫފަކޮށް ކަމަށާއި ވިހޭތާ ދެވުސްފަހުން ދަރިފުޅު ހުއްޓޭ ގޮތް ވާތީ ޑަކްޓަރަށް ދެއްކި ކަމަށް އޭނާ ބުންޏެވެ. ޑަކްޓަރު ވިދާޅުވި "ސިކުނޑިއަށް ގެއްލުންތަކެއް ވެދާނެ ކަމުގެ ޗާންސް ބޮޑު ކަމަށް،"

"އޭރު އިންޑިއާގައި އުޅޭ ޑަކްޓަރެއް މާލެ އައިސްގެން އުޅޭތީ ދައްކާލިން. ދައްކާފަ ބޭސްތައް ބޭނުންކުރަން ފެށުމުން މަޑުމަޑުން ރަނގަޅުވި. ޑަކްޓަރު ބުނި ތިން މަހުން އެއްފަހަރު އަންނާށޭ ދައްކަން. އެވަގުތު އަޅުގަނޑު ބުނިން މާލީ ތަނަވަސްކަމެއް ނެތޭ އެވަރަކަށް. ބުނީމަ ޑަކްޓަރު ވިދާޅުވީ ހަމަހުން އެއްފަހަރު އައުމަށް،"

ދަރިފުޅަށް ހަތަރު އަހަރުވީތަނާ ކޮންމެވެސް ވަރަކަށް އިށީދެގެން އިދެވޭ ކަމަށް އަހްމަދު ބުންޏެވެ.

"ޑަކްޓަރު ވިދާޅުވީ ހަ އަހަރުވީމައޭ ހިނގޭނީ ދަރިފުޅަށް. ބަރާބަރަށް ވާހަކަ ނުދެއްކޭނަމަ ގޯސްވާނޭ ވެސް ވިދާޅުވި. މީހެއްގެ އެހީގައި އުނދަގުލުން ހިނގާލެވިދާނެ. ނާރުގައި ވަރު ނެތީމަ އަމިއްލައަށް ހިނގަން މަސައްކަތް ކޮސްފިނަމަ ވެއްޓޭ. އެހެންވެ ފާހަނާއަށް ވެސް ގެންދަން ވަރަށް އުނދަގޫ. ނެޕީ ޖަހައިގެން ގެންގުޅެނީ،" އަހުމަދު އަސަރާ އެކީ ބުންޏެވެ.

އަބަދުހެން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލްގައި އުޅެންޖެހޭ ކަމަށާއި ދޭތެރެ ދޭތެރެއިން ދަރިފުޅު ގޮވައިގެން އިންޑިއާއަށްވެސް ދާ ކަމަށް އޭނާ ބުންޏެވެ.

"ވާހަކަވެސް ނުދެއްކޭ. މަންމަ އޭ އެކަނި ބުނެލާނީ. ދެން އެހެން ހުރެފައި ހަޅޭއްވެސްލަވާފާނެ. އަބަދު ފިޓް ޖެހޭތީވެ ސިކުނޑީގެ މައްސަލަވެސް އުޅޭ،"

އަހުމަދު ބުނީ ބޭސް ބޭނުންކުރަމުން އަންނާތީ ފިޓްޖެހޭ މިންވަރު ކުޑަކަމަށެވެ. ނަމަވެސް ބޭސް ހުއްޓާލާއިރަށް ފިޓްޖެހޭލެ މިންވަރު އިތުރުވާ ކަމަށެވެ.

"ކާ އެއްޗެހި ކާން ވަރަށް އުނދަގޫ ދަރިފުޅަށް. ނުއެއް ހެފޭ. ހުރިހާ އެއްޗެއްވެސް ކާންދެނީ ހިމުން ކޮށްގެން،"

ޑަކްޓަރުންނާ ހަވާލާދީ އަހުމަދު ބުނީ ގިނަ މުއްދަތަކަށް ދަރިފުޅަށް ބޭސްކޮށްފިނަމަ ދަރިފުޅު ރަނގަޅުވާނެ ކަމަށެވެ. އާސަންދަ ހޯދުމަށް ސިޓީ ލާފައިވާ ކަމަށާއި ނަމަވެސް އަދި އެކޮޅުން ޖަވާބެއް ނުދެއްވާ ކަމަށްވެސް އޭނާ ބުންޏެވެ.

"މިހާރުވެސް މިތިބީ އިންޑިއާ އަށް ނުފުރިފައި. އަޅުގަނޑަކީ ތިން ދަރިން ތިބި މީހެއް. އެކަނި މާއެކަނި މަސައްކަތްކޮށްގެން ދެކޮޅު ނުޖެހޭ ގިނަ ފަހަރު. އެހީއެއް ލިބޭއިރަށް ލަސްނުކޮށް އިންޑިއާއަށް ދާނަން،"

އަހުމަދު އެދެނީ އޭނާގެ ލޯބިވާ ދަރިފުޅަށް ތިބޭފުޅުންގެ ދީލަތި އެހީއެއް ދިނުމަށެވެ. އަދި ހެޔޮ ދުޢާކޮށްދިނުމަށެވެ.

އަލީ މީސަމްއަށް އެހީތެރިވުމަށް

ފޯނު ނަންބަރު: 7908027 (އަހުމަދު އަލީ/ މީސަމްގެ ބައްޕަ)

ބީއެމްއެލް އެކައުންޓް ނަންބަރު: 7708386135101 (މީސަމްގެ މަންމަ ޒުނީނާ ސާލިހުގެ އެކައުންޓާ ގުޅިގައިވާ ނަންބަރު)

ނޯޓް: ސަންގެ މި ސެގްމެންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމުގެ ކަންކަން އެ އާއިލާއާ ގުޅިގެން ކުރިއަށް ގެންދިއުން އެދެމެވެ. ފައިސާގެ އެއްވެސް ކަމެއްގައި ސަން އިން ބައިވެރިއެއް ނުވާނެއެވެ. ސީދާ އާއިލާއަށް އެހީތެރިވެ ދެއްވާށެވެ.

އެހީތެރިކަމަށް އެދޭ ފަރާތްތަކުން ސަން ކުލުނުގައި ބައިވެރިވުމަށް ‎9992747 ނުވަތަ ‎9982747 އަށް ގުޅައިގެން ކުރިއަށް ގެންދެވުން އެދެމެވެ.

comment ކޮމެންޓް