ރަޖަމު ކުރުން ނެތް ކަމަށް ވިދާޅުވެ، ދިޔާނާ ސުވާލު އުފައްދަވައިފި

ދިޔާނާ ސައީދު: އޭނާ ވިދާޅުވީ ޒިނޭގެ ހުކުމް ގުރުއާނުގައި އޮތް ނަމަވެސް ރަޖަމުކުރުން ނެތް ނޫންތޯއޭ --

ޒިނޭގެ ހުކުމް ގުރުއާނުގައި އޮތް ނަމަވެސް ރަޖަމު ކުރުމުގެ ހުކުމް ގުރުއާނުގައި ނެތެއް ނޫންތޯއޭ ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ސުވާލު އުފައްދަވައިފި އެވެ.

ގާނޫނީ ވަކީލާ ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "ޒިނޭގެ ހުކުމް ގުރުއާނުގައި ކަނޑައަޅާފައި އޮތް އިރު ރަޖަމް ކުރުމަށް ނެތެއް ނޫން ތޯ" އެވެ.

އޭނާގެ ޓުވީޓަށް ބާރުދީ އެހެން މީހަކު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ހައްދު ޖެހުމަށް ފަހު، ކީރިތި ރަސޫލާ ވެސް ރަޖަމު ކުރުމަށް ހުއްދަ ނުދެއްވި ކަމަށެވެ.

އެ ޓުވީޓް ދިޔާނާ ވަނީ ރިޓުވީޓް ކުރައްވައިފަ އެވެ.

ޒިނޭގެ ހުކުމާ ގުޅިގެން ތާފަތު މޭރުމުން ސޯޝަލް މީޑިއާގައި އާންމުން ޝުއޫރު ފާޅުކުރަމުންދާ އިރު ޝެއިހް އަލީ ޒައިދު ވިދާޅުވީ މުހުސަނެއް (ކައިވެންޏެއް ކޮށްފަ ހުރި މީހަކު) ޒިނޭ ކޮށްފި ނަމަ އެ މީހަކު ރަޖަމް ކުރަން ޖެހޭނެ ކަން އިސްލާމީ ޝަރީއަތުގައި އެއްވެސް ޝައްކެއް ނެތް މިންވަރަށް އެގެން އޮތް ކަމަށެވެ.

އަލީ ޒައިދު ވިދާޅުވީ ޝަހާދަތް ކިޔައި އިސްލާމް ވުމަށް ފަހު އެންމެ ބޮޑު އަޅުކަމަކީ ނަމާދު ކަމަށާއި ނަމަވެސް ނަމާދު ކުރަންވީ ގޮތުގެ ތަފްސީލް އެގެން އޮތީ ސުންނަތުން ކަމަށެވެ.

"ވީމާ ރަޖަމްގެ އާޔަތް ގުރުއާނުން ފެންނަން ނެތިގެން ހައިރާން ވާކަށް ނުޖެހޭ. ރަޖަމް އަކީ އޮތް ހުކުމެއް އެއާ މެދު ނެތް ކުޑަވެސް ޝައްކެއް. ސުންނަތަކީ ވަހީ،" އަލީ ޒައިދު ވިދާޅުވި އެވެ.

އެކަމާއި ގުޅިގެން ޑރ. މުހައްމަދު އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޒިނޭގެ ހައްދަކީ ގުރުއާނާއި ސުންނަތުން އަދި އުއްމަތުގެ އިޖުމާއު އިން ސާބިތުވާ ކަމެއް ކަމަށެވެ.

ޒިނޭގެ ހުކުމް ތަފްސީލު ކޮށްދެއްވަމުން އިޔާޒު ވިދާޅުވީ، މުހުސަނެއް ޒިނޭ ކޮށްފި ނަމަ ހުކުމަކީ ރަޖަމް ކުރުން ކަމަށެވެ. އަދި ޣައިރު މުހުސަނެއް (ކުރިން ކައިވެނި ނުކުރާ މީހެއް) ޒިނޭ ކޮށްފި ނަމަ އޭނާގެ ހުކުމަކީ 100 އެތިފަހަރުން ހައްދު ޖަހައި އެއް އަހަރަށް އަރުވާލުން ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް