ސުއޫދު ކުރީ ކޯޓުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް، ފިޔަވަޅު އެޅިދާނެ: ޑީޖޭއޭ

ޑީޖޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

ފަނޑިޔާރުންނާއި ގޭންގްތަކާ ގުޅުން އޮންނަ ކަަމަށް ބުނެ މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނުގެ ރައީސް އަދި ގާނޫނު ވަކީލު ހުސްނުއްސުއޫ ދެއްކެވި ވާހަކަތަކަކީ ކޯޓުތަކުގެ ހުރުމަތް ކެނޑޭ ފަދަ އަމަލެއް ކަމަށާއި ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ބުނެފިއެވެ.

ގޭންގްތަކުގެ ނުފޫޒު ފަނޑިޔާރުންގެ މައްޗަށް އޮތް ކަމަށް ސުއޫދު ވިދާޅުވެފައިވާތީ އޭނާގެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިންވެސް ދަނީ ބަލަމުންނެވެ.

މިއަދު ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑިޝަލް އެކަޑެމީގެ ޗާންސެލަރު އަހުމަދު މާޖިދު ވިދާޅުވީ ސުއޫދު ދެއްކި ވާހަކަތަކާ ގުޅިގެން އެކަމުގެ މައުލޫމާތާއި ހެކި ހިއްސާކޮށްދިނުމަށް އެދި ސުޕްރީމް ކޯޓުން މަރުތަކުގެ މައްސަލަ ބަލާ ކޮމިޝަނަށް ސިޓީއަކުން އެދުނު ކަމަށެވެ. ނަމަވެސް މުއްދަތު ހަމަވި އިރުވެސް ސިޓީގައި އެދުނު ކަންކަމަށް ސުއޫދު ޖަވާބެއް ނުދެއްވާ ކަމަށް މާޖިދު ވިދާޅުވިއެވެ.

އަދި އޭގެ ފަހުން އެ ސިޓީގައި ސުވާލު ކުރި ކަންކަމަށް ޖަވާބު ދިނުމަށް އިންކާރުކޮށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މާޖިދު ވިދާޅުވިއެވެ.

"ކޯޓުތަކާ ބެހޭގޮތުން އާންމު ރައްޔިތުންގެ އިތުބާރު ގެއްލޭފަދަ. އާންމު ރައްޔިތުންގެ މެދުގައި ކޯޓުތަކާއި ފަނޑިޔާރުންގެ މެދުގައި ނުބައި ތަސައްވަރެއް އުފެދޭ ފަދަ އަދި ކޯޓުތަކުން ކުރާ މަސައްކަތާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެދި އިތުވާރު ގެއްލޭ ފަދަ ވާހަކަތައް ފެތުރުމަކީ ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބެލެވޭނެ،" މާޖިދު ވިދާޅުވިއެވެ.

ޑީޖޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

މާޖިދު ވިދާޅުވީ ސުއޫދު ދެއްކެވި ވާހަކަތަކުގެ މައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާ ކުރަން އެދުމަކީ ސުއޫދުގެ އިހުލާސްތެރި ކަމާމެދު ރަައްޔިތުންގެ ހިތްތަކުގައި ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ.

އަދި ކްރިމިނަލް ކޯޓާއި އެހެން ކޯޓުތަކުގެ ފަނޑިޔާރުންނާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކަކީ ހަރުދަނާ ހެކިތަކެއްގެ މައްޗަށް ދެއްކެވި ވާހަކަތަކެއް ކަމަށް ވާނަމަ އެމައުލޫމާތު ސުޕްރީމް ކޯޓާ ހިއްސާކުރުމަށް ދެކޮޅު ހަދަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް މާޖިދު ވިދާޅުވިއެވެ.

"މިދެންނެވި ފަދަ ވާހަކަތަކެއް އާންމު ރައްޔިތުންގެ މެދުގައި ފެތުރޭ ގޮތަށް އަމަލު ކުރެއްވުމަށް ފަހުގައި ސުޕްރީމް ކޯޓަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރެއްވުމަށް އިންކާރު ކުރެއްވި ކުރެއްވުމަކީ އޭގެ ޒާތުގައި އެވާހަކަތަކަކީ ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ކަމާއި އަދި އެވާހަކަތައް ދެއްކުމުގައި ރަނގަޅު ނިޔަތެއް ނެތްކަން އެނގިގެން ދާކަމެއް." މާޖިދު ވިދާޅުވިއެވެ.

އެހެންވީމަ އޭގެތެރޭގައި ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ އަމަލެއް އޮތް ކަމަށާއި އެކަމަށް ކޯޓުތަކުގެ ހުރުމަތް ކެނޑުމުގެ ގަވައިދުގެ ދަށުން ފިޔަވަޅު އެޅުމަށް ހުރަހެއް ނެތް ކަމަށް މާޖިދު ތަކުރާރުކޮށް ވިދާޅުވިއެވެ.

"ކޯޓުތަކުގެ ހުރުމަތް ރައްކާތެރި ކުރުމުގެ ގަވައިދުގެ ދަށުން ޒިންމާ ނަގަން ޖެހޭނީވެސް ވަކި ފަރާތްތަކެއް ނޫން. ހުރިހާ ފަރާތްތަކެއްވެސް ޒިންމާ ނަގަން ޖެހޭނެ. އަދި ހާއްސަކޮށް ދައުލަތުގެ މަސްއޫލިއްޔަތަކާ ހަވާލުވެ ތިބޭ ފަރާތްތަކާއި ގާނޫނީ ވަކީލުންގެ ޒިންމާ ވަކިން ބޮޑުވާނެކަން އަޅުގަނޑުމެން ފާހަގަކުރަން." މާޖިދު ވިދާޅުވިއެވެ.

ގޭންގްތަކާއި ފަނޑިޔާރުންނާ ގުޅުން އޮންނަ ކަމަށް ސުއޫދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި މިހާރު ތިބި ފަނޑިޔާރުން މަގާމުގައި ބައިތިއްބައިގެން އިންސާފު ލިބިދާނެކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނުއްސުއޫދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް

ސުއޫދު ވިދާޅުވީ، ބައެއް މައްސަލަތަކުގައި ކޯޓުގެ މުވައްޒަފުންނާއި ފަނޑިޔާރުން ވެސް ޝާހިމިލުވެގެން ބައެއް މީހުން ދޫކުރާ ކަމާއި މައްސަލަތައް ވަކި ބައެއްގެ މައްޗަށް ސާބިތު ނުކުރާކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ގޭންގުތަކުގެ ނުފޫޒު ފަނޑިޔާރުގެ މައްޗަށް ފޯރާފައި އެބަ ހުރި. ހެކިން ހާޒިރު ކޮށްފައި ތިއްބާ ގޭންގުތަކުން ނުފޫޒު ފޯރުވާފައި އެބަ ހުރި. ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައި އެބަ ހުރި. އަނެއްކާ ފަނޑިޔާރުންގެ ސެކިއުރިޓީއަށް ގޭންގުތައް ބޭނުންކޮށްފައި އެބަ ހުރި،"

އޭނާ ވިދާޅުވީ، ބައެއް މަރުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ދަނިކޮށް އެ މައްސަލަތަކުގައި ޝާމިލުވާ "ގޭންގު"ތަކުން ސުލްހައިގެ އެއްބަސްވުންތައް ހަދައި، ހެކިތަކަށް ބަދަލު ގެންނަ ކަމަށެވެ.

comment ކޮމެންޓް