ރަހަފް އަކީ ރެފިއުޖީއެއް ކަމަށް އދ.އިން ކަނޑައަޅައިފި

ރަހަފް ދަނީ އޮސްޓްރޭލިއާއިން ހިމާޔަތް ހޯދުމަށް މަސައްކަތް ކުރަމުން -- ފޮޓޯ: އޭއެފްޕީ

އދ. (ޖެނުއަރީ 9): އާއިލާއަށް ފިލައިގެން ތައިލޭންޑަށް ދިޔަ ސައުދީ އަރަބިއާގެ ރަހަފް މުހައްމަދު އަލް ގުނޫނަކީ ރެފިއުޖީއެއް ކަމަށް އދ.އިން ކަނޑައަޅައިފި އެވެ.

އޮސްޓްރޭލިއާގެ ޑިޕާޓްމެންޓު އޮފް ހޯމް އެފެއާޒްއިން ބުނި ގޮތުގައި އދ.އިން ވަނީ ރަހަފްއަށް ހިމާޔަތް ދިނުމަށް އެގައުމުގައި އެދިފަ އެވެ. އަދި އެގައުމުން ދަނީ އެފަދަ އެހެން މައްސަލަތަކާ އެއްގޮތަށް ރަހަފްގެ މައްސަލަ ވެސް ބަލަމުންދާ ކަމަށް ބުނެފަ އެވެ.

"[ރަހަފް އަކީ] ރެފިއުޖީ އެއް ކަމަށް ނިންމައިފި ނަމަ އޭނާއަށް ހިއުމެނިޓޭރިއަން ވިސާއެއް ދިނުމާ ބެހޭ ގޮތުން ވަރަށް، ވަރަށް، ވަރަށް ސީރިއަސްކޮށް އަޅުގަނޑުމެން ވިސްނާނަން،" އޮސްޓްރޭލިއާގެ ހެލްތު މިނިސްޓަރު ގްރެގް ހަންޓް ވިދާޅުވި އެވެ.

ކުވޭތުގައި އާއިލާއާ އެކު ޗުއްޓީ ހޭދަ ކުރަމުން ދިޔަ ރަހަފް ތައިލޭންޑަށް ދިޔައި މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އަދި ތައިލޭންޑުން ފުރަތަމަ މަސައްކަތް ކުރީ އޭނާ އަނބުރާ ކުވޭތަށް ފޮނުވާލާށެވެ.

ނަމަވެސް ރަހަފް ވަނީ އޭނާ ތައިލޭންޑަށް ދިޔައީ އޭނާގެ އަނިޔާވެރި އާއިލާއިން ސަލާމަތްވުމަކަށާއި ސައުދީއަށް އަނބުރާ ފޮނުވާލައިފި ނަމަ މަރާލަފާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެފަ އެވެ. އަދި ރަހަފް ދިޔައީ އޭނާގެ ވާހަކަ ޓުވިޓާގައި ހިއްސާ ކުރަމުން ކަމުން، ގިނަ އަދަދެއްގެ މީހުން ވަނީ އޭނާ އަނބުރާ ގައުމަށް ފޮނުވާނުލުމަށް ގޮވާލާފަ އެވެ.

އޭގެ ސަބަބުން ތައިލޭންޑުން ވަނީ ރަހަފްއަށް އދ.ގެ ރައްކާތެރިކަމުގެ ދަށުގައި، އެގައުމުގައި ހުރުމަށް ހުއްދަ ދީފަ އެވެ.

comment ކޮމެންޓް