100 ކޮންޓެއިނަރުގެ މުދާ ނުބާލާ ފުރި ބޯޓުގެ މުދާތައް މާލެ ގެނެސްފި

މުދާ ބަރުކޮށްފައިވާ ބޯޓަކުން މުދާ ބާލަނީ: މުދާ ނުބާލާ މިދިޔަ ބުރާސްތި ދުވަހު ފުރި ބޯޓުގެ 100 ކޮންޓެއިނާ މިހާރު ވަނީ މާލެ ގެނެސްފައި --- ސަން ފައިލް ފޮޓޯ

100 ކޮންޓެއިނަރުގެ މުދާ ނުބާލާ ފުރި ބޯޓުގެ މުދާތައް އެހެން ބޯޓެއްގައި މާލެ ގެނެސްފި އެވެ.

ޓޯޓަލް ޓްރާންސްޕޯޓް ސޮލިއުޝަން (ޓީޓީއެސް)ގެ "ސިޓީ އޮފް ޝަންހައި" ބޯޓުގައި ހުރި ދިވެހި ވިޔަފާރިވެރިންގެ މުދާ ނުބާލާ ބޯޓު ލަންކާއަށް ފުރީ މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު އެވެ. ނުވަ ދުވަހު މާލޭ ޕޯޓުގައި މަޑުކުރުމަށް ފަހު، އެ ބޯޓު ފުރައިގެން ދިޔައީ މުދާ ބޭލޭނެ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް(އެމްޕީއެލް) އިން ދިން މުއްދަތު މާ ލަސް ވަތީ ކަމަށް މީގެ ކުރިން އެ ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ، އެ ބޯޓުގައި ހުރި މުދާތައް އެހެން ބޯޓެއްގައި އިއްޔެ ހަވީރު މުދާތައް މާލެ ގެނެސްފައިވާ ކަމަށާއި ބޯޓުން މުދާތައް ބޭލުމަށް 10 ވަރަކަށް ދުވަސް ނަގާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

"މިހާރު ވެސް ދެ ބޯޓު ކިއުގައި އެބަ އޮތް. އޮންނަ ޝެޑިއުލްގެ ދަށުން އެ ދެ ބޯޓުގެ މުދާ ބޭލުމަށް ފަހު އެހެން ބޯޓުތަކަށް ފުރުސަތު ލިބިގެންދާނީ،" އޭނާ ވިދާޅުވި އެވެ.

https://sun.mv/113630

ޝާހިދު މީގެ ކުރިން "ސަން" އަށް ވިދާޅުވެފައި ވަނީ ޕޯޓުގައި ޖާގައިގެ ދަތިކަން އެބަހުރި ކަމަށާއި އެކުޕްމަންޓްސް އެހެނިހެން ބައެއް ސާމާނުތައް ހަލާކުވެފައި ހުރުމުން މަސައްކަތް ލަސްވަމު ދާ ކަމަށެވެ.

އަދި މިކަމަށް ހައްލެ ހޯދުމަށް ތިލަފުށީގައި ޕޯޓެއް ހެދުމަށް ސަރުކަރާ މަޝްވާރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޓީޓީއެސްގެ ބޯޓު 100 ކޮންޓެއިނާއާ އެކު މުދާ ހިފައިގެން އައީ މިދިޔަ މަހު 25 ވަނަ ދުވަހު އެވެ. މުދާ ނުބާލާ އެ ބޯޓު ފުރުމުން ވިޔަފާރިވެރިންނަށް އެތައް ގެއްލުމެއް ލިބެމުންދާ ކަަމަށް އެ ވިޔަފާރިވެރިން ބުނެ އެވެ.

https://sun.mv/112889

comment ކޮމެންޓް