އިސްލާމިކް ބޭންކުގައި ފައިސާ ބެހެއްޓީ ފައިދާވާ ގޮތަށް: ރައީސް ޔާމީން

ރައީސް ޔާމިން ފުލުހުންގެ އިދާރާގައި ހަ ގަނޑި އިރަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް ގައި ހުޅުވާފައިވާ އެކައުންޓުގައި ފައިސާ ބަހަށްޓާފައިވަނީ އެމަނިކުފާނަށް ފާއިދާ ވާގޮތަށް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް ބަޔާން ދެއްވުމަށްފަހު ރައީސް ޔާމީން ވިދަޅުވީ އިސްލާމިކް ބޭންކް އެކައުންޓުގައި ހުރީ 3.4 މިލިއަން ކަމަށާއި އޭގެ ތެރެއިން އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް 3.4 މިލިއަން އަކީ ޑޮލަރު ކަމެއް ނުވަތަ ރުފިޔާ ކަމެއް ރައީސް ޔާމީން ވިދާޅެއް ނުވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ފުލުހުން ތަހުގީގު ކުރަމުންދާ މަނީލޯންޑަރިންގެ މައްސަލައާއި ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނާ މައްސަލައިގެ ބަޔާނުގައި ސޮއި ކުރުމަށް އެމަނިކުފާނު ފުލުހުންގެ އިދާރާއަށް ހާޒިރުކުރީ މިއަދު 2:30 ގައެވެ.

އެ އިދާރާގައި ހަ ގަނޑި އިރު ހޭދަކުރުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވުމުން "ސަން" އިން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އިސްލާމިކް ބޭންކްގައި އެމަނިކުފާނުގެ އެކައުންޓުގައި ހުރި ފައިސާ އަކީ ފައިދާވާ ގޮތަށް ބެހެއްޓި ފައިސާ ތަކެއް ކަމަށާއި ބޭންކް ގައި ހުރި އެމަނިކުފާނުގެެ ފައިސާ އާންމުދަނީ ލިބޭ ގޮތަށް ބެހެއްޓުމަކީ އެމަނިކުފާނުގެ ހައްގެއް ކަމަށެވެ.

"މި ދައްކަނީ ގާތްގަނޑަކަށް 3.4 މިލިޔަންގެ ވާހަކަ އޭގެ ތެރެއިން އެންމެ އެއް މިލިއަން އެސްއޯއެފްގެ ފައިސާ އަކީ. އަނެއް ފައިސާ [ބާކީ ހުރި ފައިސާ] އަކީ އަޅުގަނޑުގެ ފައިސާ. އެހެންވީމަ އެ ނުބަހަށްޓާނެ އަޅުގަނޑަށް ފައިދާ ނުލިބޭ ގޮތަށް. އެ ބަަހަށްޓަފައި އެހުރީ އަޅުގަނޑަށް ފައިދާ ލިބޭ ގޮތަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ނޫސްވެރިންނަށް މައުުލޫމާތު ދެއްވަނީ: އެ މަނިކުފާނު ވިދާޅުވީ އިސްލާމިކް ބޭންކް އެކައުންޓުގައި ފައިސާ ބަހައްޓާފައިވަނީ ފައިދާވާ ގޮތަށް ކަމަށް -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

"ކާކުތޯ ފައިދާ ނުވާގޮތަށް ބޭންކެއްގައި ފައިސާ ބަހައްޓާނީ. އަޅުގަނޑުގެ އަމިއްލަ ފައިސާކަމުގައި ވާނަމަ އެ ފައިސާ އަޅުގަނޑު ބޭނުންގޮތަކަށް ހެދޭނެ ނޫންތޯ. ކާކުތޯ. މޮޔައަކު ނޫނީއްޔާ ފައިދާ ނުވާގޮތަށް ބޭންކް އެކައުންޓެއްގައި ފައިސާ ނުބަހަށްޓާނެ ދެއްތޯ،" ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ފައިދާވާ ގޮތަށް އެ ފާއިސާ ބެހެއްޓީ މިހާތަނަށް ޝަރުއީ ކޯޓަކުން އަދި އޭސީސީ އިން ވެސް އެއީ އެމަނިކުފާނުގެ ފައިސާ ނޫން ކަމަށް ނިންމާފަ ނުވާތީ ކަމަށެވެ.

"ކޮބައިތޯ އެސްއޯއެފް އިން އެހެން އެންމެންނަށް ދިން ޗެކުތައް. އެ ޗެކުތަކުގެ ކަންތަކުގެ ކީއްވެތޯ ހަރަކާތްތެރި ނުވަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވި އިރު، އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ގަތް އެއް މިލިއަން ޑޮލަރުގެ ޗެކެއް ކަމަށް އެބަސްވެވަޑައިގެންފައެވެ.

https://www.sun.mv/113762

އެމަނިކުފާނު ވިދާޅުވީ އެގޮތަށް ކަންތައް ކުރެއްވީ، އެއީ ހިޔާނާތުގެ ފައިސާކަމުގެ ތުހުމަތު ކުރެވޭ ކަމަށާއި އެހެން ކަމުން އެ ފައިސާ އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

"އެއީ ފަހަރުގައި ވެސް [އެ ފައިސާ އަކީ] ދައުލަތަށް ގެއްލިފައިވާ ފައިސާކަމަށް ވާނަމަ، އޭގައި ތުހުމަތެއް އެބައުޅޭ. އެހެންކަމުން އެ ފައިސާ އަޅުގަނޑަކަށް ނޯންނާނެ އެހެން އެކައުންޓަކަށް ނުނީ އެހެން ކަމަކަށް ބޭނުން ކުރެވޭކަށް. ހަމަ އެ ފައިސާ އެހުރީ އަޅުގަނޑުގެ އެހެން އެކައުންޓެއްގައި. އެއީ އިސްލާމިކް ބޭންކުގައި. އެއީ ތުހުމަތެއް އުޅޭ ފައިސާ އަކަށް ވެއްޖެ ނަމަ ފަހުންވެސް އެ ތުހުމަތު ސާބިތު ވެއްޖެ ނަމަ ދެން އަޅުގަނޑުގެ މައްޗަށް އަންނާނީ އެހެން ޗާޖެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

comment ކޮމެންޓް