އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިޔަން ޑޮލަރަކީ ޒަމީރު އަތުން ގަތް ޗެކެއް: ޔާމީން

ރައީސް ޔާމިން ފުލުހުންގެ އިދާރާގައި ހަ ގަނޑި އިރަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ބީއެމްއެލްގެ އެސްކޯރު އެކަންޓަށް ޖަމާކުރި އެއް މިލިޔަން ޑޮލަރަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ގަތް ޗެކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެސްއޯއެފް ކުންފުނިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިޔަން ޑޮލަރަކީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ފައިސާ ކަމަށް ތުހުމަތު ކުރެވޭތީ އޭސީސީ އިން ވަނީ ރައީސް ޔާމީން އާއި އޭސީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ރައީސް ޔާމީން ވަނީ ބީއެމްއެލްގައި އެސްކޯރު އެކައުންޓެއް ހުޅުވައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފަ އެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީލޯޑަރިންގެ މައްސަލައިގެ ބަޔާނުގައި ސޮއި ކުރުމަށް މިއަދު ފުލުހުންގެ އިދާރާގައި ހަ ގަނޑި އިރު ހޭދަ ކުރެއްވުމަށް ފަހު، ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ، އެސްކޯރު އެކައުންޓަށް ޖަމާކުރި ފައިސާއަކީ ކުރީގެ ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން ގަތް އެއް މިލިޔަން ޑޮލަރުގެ ޗެކެއް ކަމަށާއި އެ ފައިސާ އަކީ އިސްލާމިކް ބޭންކްގައި ހުރި އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި ފައިސާ ނޫން ކަމަށެވެ.

"އެއީ ރަގަނޅު ވާހަކައެއް. އެއީ އަޅުގަނޑު ގަތް ޗެކެއް. އެއީ އަޅުގަނޑުގެ ދިވެހި ރުފިޔާ އިން ގަތް ފައިސާ. އެ ފައިސާ އަޅުގަނޑުގެ އެކައުންޓަށް [އެސްކޯރު އެކައުންޓް] ޖަމާކުރައްވާފައި އެހުރި." ޒަމީރު އަތުން އެއް މިލިޔަން ޑޮލަރުގެ ޗެކެއް ހޯދެއްވިންތޯ ސަން އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމިން ވިދާޅުވި އެވެ.

"ޒަމީރު އަޅުގަނޑު ނަމުގައި އަޅުގަނޑުގެ ބީއެމްއެލް އެކައުންޓަށް އެއް މިލިޔަން ޑޮލަރުލީ. އެ އަކައުންޓުން މި ދެނީ ފައިސާ. އެޔާ އިސްލާމިކް ބޭންގައި ހުރި ފައިސާ އާ އެއްވެސް ގުޅުމެއް ނެތް،" އެސްކޯރު އެކައުންޓަށް ޖަމާކުރި އެއް މިލިޔަން ޑޮލަރަކީ ޒަމީރު އަތުން ގަތް ޗެކެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެސްއޯއެފް އިން ޖަމާކުރި ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކުރީ ޚިޔާނާތުގެ ފައިސާ ކަމަށް ބެލެވޭތީ

އެސްއޯއެފް އިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކުރި އެއް މިލިޔަން ޑޮލަރު، އެސްކޯރު އެކައުންޓަށް ޖަމާ ނުކޮށް، ޒަމީރު އަތުން އެއް މިލިޔަން ޑޯލަރުގެ ޗެކެއް ގަތުމަށްފަހު އެސްކޯރު އެކައުންޓަށް ޖަމާކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން ރައީސް ޔާމީން ވިދާޅުވީ، އެއީ ހިޔާނާތުގެ ފައިސާކަމުގެ ތުހުމަތު ކުރެވޭ ކަމަށާއި އެހެން ކަމުން އެ ފައިސާ އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ކަމަށެވެ.

"އެއީ ފަހަރުގައި ވެސް [އެ ފައިސާ އަކީ] ދައުލަތަށް ގެއްލިފައިވާ ފައިސާކަމަށް ވާނަމަ، އޭގައި ތުހުމަތެއް އެބައުޅޭ. އެހެންކަމުން އެ ފައިސާ އަޅުގަނޑަކަށް ނޯންނާނެ އެހެން އެކައުންޓަކަށް ނުނީ އެހެން ކަމަކަށް ބޭނުން ކުރެވޭކަށް. ހަމަ އެ ފައިސާ އެހުރީ އަޅުގަނޑުގެ އެހެން އެކައުންޓެއްގައި. އެއީ އިސްލާމިކް ބޭންކުގައި. އެއީ ތުހުމަތެއް އުޅޭ ފައިސާ އަކަށް ވެއްޖެ ނަމަ ފަހުންވެސް އެ ތުހުމަތު ސާބިތު ވެއްޖެ ނަމަ ދެން އަޅުގަނޑުގެ މައްޗަށް އަންނާނީ އެހެން ޗާޖެއް،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެގޮތަށް ކަންތައް ކޮށްފިނަމަ، އެއީ ދައުލަތުގެ ފައިސާކަން އެމަނިކުފާނަށް އެނގިހުރެ އެ ފައިސާ ބޭނުން ކުރި ކަމުގެ ތުހުމަތު އަންނާނެ ކަމަށާއި އެހެންކަމުން އެކަހަލަ ތުހުމަތެއްގައި ބެދޭކަށް ބޭނުނުން ނުވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ފުލުހުން ބަލަމުންދާ މަނީ ލޯންޑަރިން މައްސަލައިގައި އެމަނިކުފާނު ވަނީ ތިން ފަހަރެއްގެ މަތީން ސުވާލު ކުރުމަށް އެ އިދާރާއަށް ހާޒިރުކޮށްފައެވެ.

މިއަދު ހަ ގަޑި އިރު ފުލުހުންގެ އިދާރާގައި ހޭދަވީ ބަޔާނަށް އެމަނިކުފާނު ގެންނަން ބޭނުންވި ބަދަލުތައް ގެނެސް ބަޔާނުގައި ސޮއި ކުރުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުމުގެ ގާނޫނުގައި ބުނެފައިވާގޮތުން މަނީ ލޯންޑަރިންގެ ކުށެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ އެއްލައްކަ ރުފިޔާ އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށްލުން ކަމަށެވެ.

comment ކޮމެންޓް