ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު ފިލްމާ ބެހޭ ގޮތުން ދެބަސްވުންތަކެއް

ބޮހީމިއަން ރަޕްސޮޑީގެ އެކްޓަރު ރަމީ މާލިކްއާ އެކު ކުއީންގެ ބްރަޔަން މޭ އާއި ރޮޖާ ޓޭލާ -- ފޮޓޯ: ގެޓީ

މިއަހަރުގެ ގޯލްޑެން ގްލޯބްސް އެވޯޑު ހަފްލާގައި އެންމެ ފާހަގަކޮށްލެވޭ ދެ އެވޯޑު ކާމިޔާބުކޮށްފައި ވަނީ އިނގިރޭސި ބޭންޑު، ކުއީންގެ ލީޑް ލަވަކިޔުންތެރިޔާ ފްރެޑީ މާކިއުރީގެ ދިރިއުޅުމާ ބެހޭ ގޮތުން ހަދާފައިވާ ފިލްމު ބޮހީމިއަން ރަޕްސޮޑީއަށެވެ. އެއީ އެންމެ މޮޅު ފިލްމުގެ އެވޯޑާއި އެންމެ މޮޅު އެކްޓަރުގެ އެވޯޑު، ރަމީ މާލިކްއަށެވެ.

ނަމަވެސް ބްރޭޑްލީ ކޫޕާ ޑައިރެކްޓުކޮށް އެކްޓުކޮށްފައިވާ އަދި ލަވަކިޔުންތެރިޔާ ލޭޑީ ގާގާ ފެނިގެންދާ އަ ސްޓާ އިޒް ބޯންއަށް މޮޅު ފިލްމުގެ އެވޯޑު ނުލިބުނު ސަބަބާ ބެހޭ ގޮތުން ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

ތަޖުރިބާކާރު މިއުޒީޝަނަކު، އަރަމުން އަންނަ ލަވަކިޔުންތެރިޔަކު ކުރިއަރުވަން ކުރާ މަސައްކަތް ދައްކުވައިދޭ 'އަ ސްޓާ އިޒް ބޯން' އަކީ ބެލުންތެރިންގެ އިތުރުން ކްރިޓިކުންގެ ވެސް ތައުރީފު ލިބުނު ފިލްމެކެވެ. ނަމަވެސް ބޮހީމިއަން ރަޕްސޮޑީއަކީ ގިނަ އަދަދެއްގެ މީހުންގެ ލޯބި ލިބުނު ނަމަވެސް، ރިވިއުތައް އެހާ ރަނގަޅު ފިލްމެއް ނޫނެވެ.

އަ ސްޓާ އިޒް ބޯންއަށް ގޯލްޑެން ގްލޯބްސްގެ މުހިއްމު އެވޯޑުތައް ލިބޭނެ ކަމަށް ގިނަ ބަޔަކު އުއްމީދު ކުރި -- ފޮޓޯ: ވޯނާ ބްރޯސް

"(ބޮހީމިއަން ރަޕްސޮޑީ އަކީ) ރީތި ފިލްމެއް ނަމަވެސް އެކްޓިން ފޭކު އަދި ސީޖީއައި ކަމަކުނުދޭ. އަ ސްޓާ އިޒް ބޯންއިން މޮޅު ލައިވް ޕާފޯމެންސްތަކާއި އަސަރުގަދަ އެކްޓިން ފެނިގެންދޭ،" ގޯލްޑެން ގްލޯބްސްއަށް ފާޑު ކިޔަމުން އެއް ޓުވީޓުގައިވެ އެވެ.

އަދި އެހެން ފަރާތްތަކުން ވަނީ ބްރޭޑްލީ ކޫޕާގެ ހުނަރު އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވާތީ އެކަމަށްވެސް ފާޑު ކިޔާފަ އެވެ. ކޫޕާ ވަނީ އަ ސްޓާ އިޒް ބޯއިން އެންމެ މޮޅު އެކްޓަރުގެ މަގާމަށާއި އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑަށްވެސް ނޮމިނޭޓުވެފަ އެވެ. ނަމަވެސް އޭގެ ތެރެއިން އެއްވެސް އެވޯޑެއް ކޫޕާއަކަށް ނުލިބެ އެވެ.

އަ ސްޓާ އިޒް ބޯންއަށް ހަމައެކަނި ލިބުނީ 'ބެސްޓް އޮރިޖިނަލް ސޯންގް'ގެ އެވޯޑެވެ.

ގޯލްޑެން ގްލޯބްސްގެ ފާހަގަކޮށްލެވޭ އެވޯޑުތައް ކާމިޔާބުކޮށްފައި ވަނީ:

ބެސްޓް ޑްރާމާ: ބޮހީމިއަން ރަޕްސޮޑީ

ބެސްޓް ކޮމެޑީ އޯ މިއުޒިކަލް: ގްރީން ބުކް

ބެސްޓް އެކްޓްރެސް، ޑްރާމާ: ގްލެން ކްލޯޒް، ދަ ވައިފް

ބެސްޓް އެކްޓާ، ޑްރާމާ: ރަމީ މާލިކް، ބޮހީމިއަން ރަޕްސޮޑީ

ބެސްޓް ޑިރެކްޓާ: އަލްފޮންސޯ ކުއަރޯން، ރޯމާ

ބެސްޓް ފޮރިން ފިލްމް: ރޯމާ

ބެސްޓް އެނިމޭޓެޑް ފިލްމް: ސްޕައިޑާމޭން: އިންޓު ދަ ސްޕައިޑާވާސް

comment ކޮމެންޓް