އިންޑިއާ އަތުންވި ތަފާތު ބޮޑު ބައްޔާ އެކު ތައިލެންޑުގެ ކޯޗު ވަކިކޮށްފި

ތައިލެންޑުގެ ކޯޗު ސާބިއާގެ މިލޮވާން ރަޔެވަކް --

މިހާރު އޫއޭއީގައި ހުރިއަށްދާ އޭފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ތައިލެންޑު ކުޅުނު ފުރަތަމަ މެޗުން އިންޑިއާ އަތުން 4-1ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވުމުން ތައިލެންޑުގެ ކޯޗު ސާބިއާގެ މިލޮވާން ރަޔެވަކް މަގާމުން ވަކިކޮށްފި އެވެ.

ތައިލެންޑު އޭފްސީ ކަޕުގެ ދެވަނަ ބުރަށް ނުގެންދެވިއްޖެ ނަމަ ރަޔެވަކް މަގާމުން ވަކި ކުރާނެ ކަމުގެ އިންޒާރު ތައިލެންޑުގެ އެފްއޭއިން މީގެ ކުރިން ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޭނާ މަގާމުން ވަކި ކުރުމާ އެކު ދެން އޭފްސީ ކަޕުގެ ބާކީ އޮތް ބައިގައި ތައިލެންޑުގެ ކޯޗުކަން ކުރާނީ އެސިސްޓެންޓު ކޯޗު ސިރިސަކް ޔޮދްޔަތައި އެވެ.

ތައިލެންޑާ އަޅާ ބަލާ އިރު ދަށް ޓީމެއް ކަމަށް ބެލެވުނު އިންޑިއާ އަތުން، ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެގެން ދިޔުމަކީ ހައިރާން ކުރުވަނިވި ނަތީޖާއެކެވެ. ގްރޫޕް އޭގެ އެންމެ ބަލިކަށި ޓީމުގެ ގޮތުގައި ބެލެވުނު އިންޑިއާ އެ ނަތީޖާއާ އެކު އޮތީ އެ ގްރޫޕުގެ އެއްވަނައިގަ އެވެ. އެ ގްރޫޕުގައި ޔޫއޭއީ އާއި ބަހުރެއިން ކުޅުނު މެޗު އެއްވަރުވެގެން ނިމުނު އިރު އެ ދެ ޓީމަށް ލިބިފައި ވަނީ ޕޮއިންޓެކެވެ.

މުބާރާތުގެ ކުރިން އިންޑިއާއާ އެއްކޮށް އެކުވެރިކަމުގެ މެޗެއް ކުޅެން ލިބުނު ފުރުސަތު ތައިލެންޑުން ވަނީ ދޫކޮށްލާފަ އެވެ. އެ ފުރުސަތު އެ ގައުމުން ދޫކޮށްލީ އިންޑިއާއަށް ވުރެ ވަރުގަދަ ގައުމަކާ ކުޅެން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު