ހަށިގަނޑުގެ ބުރަހެލިކަން ފިލުވައިލުމަށް، މަސް ނުހިމެނޭ ކާނާ

މަސް ނުހިމެނޭ ކާނާ: ހަށިގަނޑުގެ ބުރަހެލިކަން ފިލުވައިދޭ --

"ލައިގެން ކާނެ އެއްޗެއް" ހޯދުމަކީ ދިވެހީންގެ ކެއިންބުއިމުގެ ފަލްސަފާގައި ވަރަށް ބޮޑު އަހައްމިއްޔަތެއް ދެވިފައި ވާ ކަމެކެވެ. އެއީ ގަރުދިޔަ ކަމުގައި ވިޔަސް ނުވަތަ ރިހަ ކަމުގައި ވިޔަސް ނުވަތަ މަސްހުނި ކަމުގައި ވިޔަސް ނުވަތަ ރިހާކުރު ދިޔަ ކަމުގައި ވިޔަސް، ފާހަގަ ކުރެވެނީ ދިވެހީން "ލައިގެން ކާ" ތަކެތީގައި މަހުގެ ދައުރު ބޮޑު ކަމެވެ. ހާއްސަކޮށް ކަނޑުމަހުގެ ދައުރެވެ.

މިހާރަކަށް އައިސް ދިވެހީންގެ ސުފުރާތައް މަތީން އެއްގަމު މަހުގެ ބާވަތްތައް ވެސް ފެންނާން ފަށައިފިއެވެ. ގެރި މަހާއި ބަކަރި މަހުގެ އިތުރުން ޖަމަލު މަސް ވެސް ދިވެހި ސުފުރާތަކަށް ވަނީ ތައާރަފު ވެފައެވެ. ދޫނި މަހުގެ ބާވަތްތަކަށް ބަލާއިރު ކުކުޅު މަހާއި ގިނިކާމާދޫނީގެ މަހުގެ އިތުރުން ތުރުކީ ކުކުޅު މަސް ވެސް ފާހަގަ ކޮށް ލެވެއެވެ.

މަހުގެ ބާވަތްތަކުން ހަށިގަނޑަށް ލިބޭ އެންމެ މުހިންމު މާއްދާއަކީ ޕްރޮޓީންއެވެ. އެހެންނަމަވެސް ފާހަގަ ކޮށް ލާން ޖެހޭ ކަމަކީ މަހުގެ ބާވަތްތައް ނޫނަސް ޕްރޮޓީން ލިއްބައި ދޭ ކާނާގެ ބާވަތްތައް ވަރަށް ފަސޭހައިން ލިބޭން ހުރި ކަމެވެ. ބްރޮކޮލީއާއި މުގުގެ ބާވަތްތަކުންނާއި ބަދަނާއި ކިރާއި ބިހުން ވެސް ޕްރޮޓީން ލިބެއެވެ. އަދި މަހުގެ ބާވަތްތަކުން ލިބޭ އެހެން މާއްދާތައް ވެސް ތަރުކާރީއާއި މޭވާއާއި ކިރާއި ބިހުން ލިބެއެވެ. އެހެންކަމުން މަސް ނުހިމެނޭ ގޮތަށް ވެސް ކެއުން ބައްޓަން ކުރެވޭނެ ފުރުސަތު އެބަ އޮތެވެ.

ކާބޯތަކެތީގެ ތެރެއިން އެންމެ ލަހުން ހަޖަމު ވާ ބާވަތްތަކުގެ ތެރޭގައި މަސް ހިމެނޭ ކަމަށް ސައިންސުވެރީން ބުނެއެވެ. އަދި ހަޖަމު ލަސް ވުމަކީ އޭގެ ސަބަބުން ހަށިގަނޑު ބުރަހެލި ކުރުވާ ކަމެއް ކަމަށް ދިރާސާތަކުން ދައްކާ ކަމަށް ވަރަށް ގިނައިން ލިޔެފައި ހުއްޓައި ފެނެއެވެ.

ބުނެވޭ ގޮތުގައި މަހަކީ "ކާބޯތަކެތީގެ ރަސްގެފާނު"އެވެ. ރަސްރަސްކަލުން ހުރިހައި ފަހަރަކު ހުރިހަ ތަނަކުން ނުފެންނާނެއެވެ. ރަސްރަސްކަލުން ފެންނާނީ ހާއްސަ މުނާސަބަތުތަކާ ގުޅިގެންނެވެ. ދިވެހި ބޭހުގެ ދާއިރާގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އަލްމަރްޙޫމް ގައްދަޑުގޭ ލަތީފު މި ވާހަކައަށް އިޝާރަތް ކުރައްވައި ވިދާޅުވެފައިވެއެވެ. "މަހަކީ ކާބޯތަކެތީގެ ރަސްގެފާނެވެ. ވީމާ ކެއުމުގައި މަސް ބޭނުން ކުރާން ވާނީ މަދުންނެވެ. އަދި ހާއްސަ މުނާސަބަތުތަކުގައި އެކަންޏެވެ."

ކެއުމުގެ ތެރޭގައި ގިނައިން މަސް ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ކެއިންބުއިމާ ގުޅޭ ތަފާތު ދިރާސާތަކުން ދައްކާތީ، ކެއުމުގައި ވީހައި ވެސް ބޮޑަށް މަސް މަދު ކުރުމަށް ނުވަތަ އެއްގޮތަކަށް ވެސް މަސް ބޭނުން ނުކުރުމަށް އަޒުމް ކަނޑަ އަޅާ މީހުން ވެސް މަދެއް ނޫނެވެ.

އިނގިރޭސިވިލާތުގެ އަމިއްލަ ޖަމާއަތަކުން ކެއުމުގައި މަހުގެ ބާވަތްތައް ބޭނުން ކުރުން ހުއްޓައި ލުމަށް މި އަހަރު ފެށި ހަރަކާތެއްގައި ތަފާތު 14 ގައުމެއްގެ 170000 (އެއް ލައްކަ ހަތް ދިހަ ހާސް) އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

މަހުގެ ބާވަތްތައް ނުހިމެނޭ ކެއުމުގައި މި މީހުން ބޭނުން ކުރާނީ ގަސްގަހާގެހީން ލިބޭ ކާނާގެ އިތުރުން ބިސް އަދި ކިރުން އުފައްދާ ބާވަތްތަކެވެ. އޭރުން ހަށިގަނޑުގެ ބުރަހެލިކަން ކުޑަ ވެ، ގުރުދާ (ކިޑްނީ) އަށް ވެސް ލުއި ކަމެއް ލިބޭނެއެވެ.

މި ފެށުނު އާ އަހަރު، ހަށިގަނޑުގެ ބުރަހެލިކަން ކުޑަ ކުރުމަށް އަހަރެމެންވެސް ކެއުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނަމާ ހިނގާށެވެ!

comment ކޮމެންޓް